ކުޑަހުވަދޫ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ދ. ކުޑަހުވަދޫ: އެ ރަށުން ހައްޔަރު ކުރި މީހުން ވަނީ ދޫކޮށްލައިފަ-- ފޮޓޯ/ އެމްއާރްޑީސީ

ދ. ކުޑަހުވަދޫގައި މިދިޔަ ހޯމަދުވަހުގެ ރެއިންފެށިގެން ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި 17 މީހުން ރޭގައި ދޫކޮށްލައިފިއެވެ.

އެމީހުންގެ ތެރެއިން 14 މީހަކު ދޫކޮށްލާފައިވަނީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ޝަރުތުކުރުމަށްފަހުއެވެ. އެހެން މީހުން ދޫކޮށްލީ ފުލުހުންނެވެ.

މި މައްސަލަ ފުލުހުންދަނީ އަދިވެސް ތަހުގީގުކުރަމުންނެވެ.

ކުޑަހުވަދޫގައި ހަމަނުޖެހުން ހިންގަން ފެށީ، އެރަށުން ހާޓްއެޓޭކެއް ޖެހުނު ޒުވާނަކު، މާލެ ނުގެނެވި ލަސްތަކެއް ވާން ފެށުމުންނެވެ. މި ހަމަނުޖެހުމުގެ ތެރެއިން އެ ރަށު ރައްޔިތުން ވަނީ އެއާޕޯޓަށް ނުވަދެވޭނެހެން އެތަން ބަންދުކޮށްފައެވެ. އެކަމާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް ވެސް ހުއްޓުނެވެ. އަދި މިއަދު ފުލުހުންނާއި އާއްމުންގެ ކުރިމަތިލުމެއް ހިނގައި މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެކަމާ ގުޅިގެން މަންތާ އެއާގެ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވީ ކުޑަހުވަދޫ އެއާޕޯޓުގައި ހިންގަމުން އައި ހަމަނުޖެހުން ތަކުގެ ސަބަބުން ދެވުނީ ނުބައި މެސެޖެއް ކަމަށާއި، އެކަމުގެ ނޭދެވޭ އަސަރު ކުރިމަގުގައި ފަތުރުވެރިކަމަށް ކޮށްފާނެ ކަމަށެވެ.

ފަހުން މަންތާ އެއާއިން ވަނީ ކުޑަހުވަދޫއިން ބަލި މީހުން މާލެ ގެނައުމަށް ލުއިތަކެއް ދޭން އެއްބަސްވުމަކަށް އައިސްފައެވެ.

comment ކޮމެންޓް