ގްރޫޕްގެ އެއްވަނައާއެކު ރަފާ އަނެއް ބުރުގެ ޖާގައެއް ކަށަވަރުކޮށްފި

ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް --- ފޮޓޯ/ އެމްއޯސީ

ކޮމަންވެލްތު ގޭމްސްގައި ޓީޓީ އަންހެން ސިންގަލްސް ބައިގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ހިމެނުނު ގްރޫޕްގެ އެއްވަނަ މަގާމާއެކު އަނެއްބުރުގެ ޖާގައެއް އޭނާ ކަށަވަރުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރަފާ ހިމެނުނީ ޔުގެންޑާގެ ރީތާ ނަކުމިސްތާއާއި، ސީޝެލްސްގެ ލައުރާއާއެކު އެއް ގުރޫޕްއެއްގައެވެ.

ފުރަތަމަ މެޗުގައި ރީތާ އަތުން ރަފާ ވަނީ ފަސޭހަކަމާއެކު މޮޅުވެފައެެވެ. އެ މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 11-3، 11-3 އަދި 11-1 ގެ ނަތީޖާއަކުންނެވެ.

ދެވަނަ މެޗުގައި ސީޝެލްސްގެ ލައުރާ އާ ވާދަކޮށް ރަފާ ވަނީ މޮޅުވެފައެވެ. އެ މެޗު ރަފާ ކާމިޔާބުކުރީ 11-4. 11-6 އަދި 11-9 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތަކަށްފަހު އަނެއް ބުރުގެ ޖާގަ 32 ކުޅުންތެރިން ވަނީ ހޯދާފައެވެ. އެ ބުރުގެ ކުޅުން މިއަދު ފަށާއިރު ރާއްޖޭގެ ރަފާ އެ ބުރުގައި ކުޅެން ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ މިންޔުން ޖިއާ އާ ދެކޮޅަށެވެ. އެ މެޗު ކުޅެނީ މިރޭ 22:15 ގައެވެ.

އެ މުބާރާތުގެ އަންހެން ސިންގަލްގައި ރަފާއާއެކު ރާއްޖޭގެ އިތުރު ދެ ކުޅުންތެރިއަކު ވެސް ވަނީ ބައިވެރިވެފައެވެ. އެއީ ފާތިމަތު ދީމާގެ އިތުރުން ފާތިމަތު ޖުމާނާއެވެ. އެ ދެ ކުޅުންތެރިން ވެސް ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިފައެވެ.

comment ކޮމެންޓް