ބޮމްބޭ ސްޓޮކް އެކްސްޗޭންޖަށް ރައީސް ޒިޔާރަތްކުރައްވައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓާ ގުޅޭ މަޝްވަރާތަކެއް ކުރައްވައިފި

ބޮމްބޭ ސްޓޮކް އެކްސްޗޭންޗަށް ރައީސް ޞާލިޙު ކުރެއްވި ޒިޔާރާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުމްބާއީއަށް ވަޑައިގެން ބޮމްބޭ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވައިފިއެވެ.

ބޮމްބޭ ސްޓޮކް އެކްސްޗޭންޗަށް ޒިޔާރާތްކުރެއްވުމުން ރައީސްއަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ދެންނެވީ ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގެ ޗެއާމަން ޝްރީ އެސްއެސް މުންޑްރާއެވެ.

އެ ޒިޔާރާތުގައި ރައީސްގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިންނާއި ވިޔަފާރިވެރިން ވަނީ އެކިއެކި އިންވެސްޓްމަންޓް ފުރުޞަތުތަކާއި ކެޕިޓަލް މާކެޓް ޑިވެލޮޕްކުރުމާ ގުޅޭގޮތުން ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގެ ބޯޑު މެންބަރުންނާއި މެނޭޖްމަންޓާއެކު މަޝްވަރާ ކުރައްވާފައެވެ.

އެ މަޝްވަރާތަކުގައި ސްޓޮކް މާކެޓު ތަރައްޤީކޮށް ކުރިއެރުވުމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން އެބޭފުޅުން ފާޅުކުރެއްވިއެވެ.

ރައީސް ބޮމްބޭ ސްޓޮކް އެކްސްޗޭންޖަށް ކުރެއްވި އެ ޒިޔާރާތުގައި ވަނީ އެތަނުގެ ނެޓްވޯކް އޮޕަރޭޝަން ސެންޓަރާއި ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރުގެ އެކިއެކި މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލައްވާފައެވެ.

ހަމައެއާއެކު، ރައީސް ވަނީ ސްޓޮކް އެކްސްޗޭންޖުގެ ރަނގަބީލު ރަމްޒީކޮށް ޖެހުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލައްވައި ރަނގަބީލު ޖައްސަވާފައެވެ.

ސްޓޮކް އެކްސްޗޭންޖުގެ ރަނގަބީލަކީ ހުރިހާ ޤައުމެއްގައިވެސް ސެކިއުރިޓީސްގެ މުއާމަލާތްތަކަށް ދުވަސް ހުޅުވާލުމާއި ދުވަހުގެ މުއާމަލާތްތައް ނިންމުމުގެ ގޮތުން ޖަހާ ރަނގަބީލެކެވެ.

އޭޝިއާ ބައްރުގައި އެންމެ ފުރަތަމަ ހުޅުވުނު ސްޓޮކް އެކްސްޗޭންޖު ކަމަށްވާ، ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގައި މިހާރު ލިސްޓުކުރެވިފައިވާ ކުންފުނިތަކުގެ އަދަދު 5،000 އަށް އަރައެވެ.

ރައީސް އިންޑިއާއަށް މިިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި މުމްބާއީއަށް ވަޑައިގެންނެވީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

އެމަނިކުފާނު މުމްބާއީއަށް ވަޑައިގަތުމުން މަހަރަޝްތުރާގެ ގަވަރުނަރު ޝްރީ ބަގަތު ސިންގް ކޮޝަޔާރީ ވަނީ މަރުޚަބާ ދައްނަވައި މެންދުރުގެ ފަރިއްކޮޅެއްވެސް ދެއްވާފައެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެޤައުމުގެ މަސްލަޙަތު އޮތް މުހިންމު މައުޟޫޢުތަކުގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އޭގެ ފަހުން ރައީސް ވަނީ މުމްބާއީގައި ބޭއްވި އިންޑިއާ–މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

އެ ބިޒްނަސް ފޯރަމްއަކީ ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީއައިއައި) އިންތިޒާމުކުރި ފޯރަމްއެކެވެ. އަދި އެ ބިޒްނަސް ފޯރަމްގެ ބޭނުމަކީ ދެ ގައުމުގެ އިސް ވިޔަފާރިވެރިން އެއްތަނަކަށް އެއްވެ މަޝްވަރާކޮށް ދެ ޤައުމުގެ ދެމެދު ވިޔަފާރިއާ އިޤްތިޞާދީ ގުޅުންތައް ކުރިއަރުވާ އިތުރުކުރުމެވެ.

މުމްބާއީގައި ބޭއްވި އެ ބިޒްނަސް ފޯރަމްގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި އިންޑިއާ - މޯލްޑިވްސް ބިޒްނަސް ފޯރަމްގައިވެސް ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ނިއުދިއްލީގައި ބޭއްވި އެ ފޯރަމްގައި އެމަނިކުފާނު ވަނީ ތަޤްރީރު ކުރައްވާފައެވެ.

ރައީސް ޞާލިޙު މުމްބާއީއަށް ވަޑައިގެންނެވީ އެންމެ ފުރަތަމަ ނިއުދިއްލީއަށް ވަޑައިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާ ސަރުކާރާއެކު މަތީ ފެންވަރުގެ ރަސްމީ މަޝްވަރާތައް ކުރެއްވުމަށްފަހުގައެވެ.

ރައީސް މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ އެދަތުރުފުޅަކީ މޯދީގެ ދައުވަތުފުޅަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.

އެގޮތުން ހަތަރު ދުވަހުގެ އެ ދަތުރުފުޅުގައި ރައީސް ވަނީ މޯދީއާއި އެ ގައުމުގެ ރައީސް ދްރައުޕަތީ މުރްމު އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ ވެސް ބައްދަލުކުރައްވާފައެވެ.

މިދިޔަ އަންގާރަ ދުވަހު ނިއުދިއްލީގެ ހައިދްރަބާދު ހައުސްގައި ތިލަމާލޭ ބްރިޖުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ރައީސް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ތިލަމާލޭ ބްރިޖުގެ ބިންގާ އަޅުއްވައިދެއްވީ ވެސް ރައީސް ޞާލިހާއި މޯދީއެވެ.

އެ ރަސްމިއްޔާތުގައި ރާއްޖެއާ އިންޑިއާއާ ދެމެދު ހަ އެމްޔޫއެއްގައި ސޮއިވެސްކޮށްފައިވެއެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޞާލިހާއި މޯދީ ދެއްވި ޖޮއިންޓް ސްޓޭޓްމެންޓެއްގައި އެ ދެ ބޭފުޅުންވެސް ވަނީ ދެ ގައުމުގެ ޒަމާންވީ ގުޅުން ހަރުދަނާ ކުރުމަށް އިތުރަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ހަމައެއާއެކު، ކުރިން އޮތް ގުޅުން ދަމަހައްޓައި ބޭނުންވާ ކޮންމެ އިރެއްގައިވެސް އެހީތެރިކަންދޭނެ ކަމުގެ ޔަގީންކަން އެ ދެ ބޭފުޅުންވެސް ވަނީ ދެއްވާފައެވެ.

އިންޑިއާ އަށް ރައީސް ކުރައްވާ އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ޞާލިޙު އިންޑިއާއަށް ކުރައްވާ ރަސްމީ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިއަދުއެވެ.

comment ކޮމެންޓް