ސޯޝަލް މީޑިއާއަކީ އަޖައިބުކުރުވަނި އެއްޗެކެވެ. އަދި އެއީ އަހަރަމެންނަށް ގިނަ ގޮތްތަކަކުން އެހީތެރިވެދޭ އެއްޗެއްކަން އަނެއްކާވެސް ސާބިތުކޮށްދިނީ މަންމަ ގެއްލުނުތާ 20 އަހަރު ފަހުން ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އޭނާ ފެނުމުންނެވެ.
އިންޑިއާގެ މުންބާއީގައި ދިރިއުޅެމުންދާ ޔާސްމިން ޝެއިޚްގެ މަންމަ މީގެ 20 އަހަރު ކުރިން ވަނީ ގެއްލިފައެވެ. ކައްކާއެއްގެ ވަޒީފާ އަދާކުރުމަށްޓަކައި ދުބާއީއަށް ދިޔަފަހުން އޭނާގެ މަންމަ އެނބުރި ނާންނަ ކަމަށް އެންޑީޓީވީން ރިޕޯޓް ކޮށްފައިވެއެވެ.
އުމުރުން 70 އަހަރުގެ ހާމިދާ ބާނޫ ގެއްލުނުތާ 20 އަހަރު ފަހުން ފެނުނީ ސޯޝަލް މީޑިއާގެ އެހީގައި މުމްބާއީގައި ދިރިއުޅޭ މީހަކު ޕާކިސްތާނުގައި ޓްރޭސް ކުރުމުންނެވެ. އޭނާ މިހާރު ދިއުޅެމުންދަނީ ޕާކިސްތާނުގެ ހައިދަރްއާބާދުގައެވެ.
2002 ވަނަ އަހަރު އަމިއްލަ ގައުމު ދޫކޮށް ދުބާއީއަށް ދިއުމަށް ފަހު އާއިލާއާއަށް ހާމިދާ ފެނުނީ ޕާކިސްތާނުގެ ޔޫޓިއުބާއެއް ކަމަށްވާ މައުރޫޕް އޭނާގެ ވާހަކަ ޔޫޓިއުބަށް އަޕްލޯޑްކޮށް އާއިލާއަށް ގުޅުމަށް އެހީތެރިވެ ދިިނުމުންނެވެ.
"20 އަހަރު ފަހުން މަންމަ ފެނުނީ ޕާކިސްތާނުގެ ސޯޝަލް މީޑިއާ އެކައުންޓަކުން މަންމަގެ ވީޑިއޯއެއް ޕޯސްޓު ކުރުމުން. އާންމު ގޮތެއްގައި މަންމަ ދެ އަހަރު އަދި ހަތަރު އަހަރުގެ މުއްދަތަކަށް ގަތަރަށް ދާނެ. ނަމަވެސް ފަހުން އޭޖެންޓެއްގެ އެހީގައި ގަތަރަށް ދިއުމަށް ފަހު މަންމަ އެނބުރި ނާދޭ," ޔާސްމިން ބުންޏެވެ.
ޔާސްމިންގެ މަންމަ އެނބުރި އިންޑިއާއަށް ނައުމުން މަންމަ ހޯދުމަށްޓަކައި އޭނާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭޖެންޓް އާއި އެކު ގަތަރަށް ދިޔަކަމުގެ އެއްވެސް ހެއްކެއް ނެތުމުގެ ސަބަބުން މައްސަލަ ހުށައެޅުމުން އެކަންވެސް ދިޔައީ ފެނަށެވެ.
މީގެ އިތުރުން، ޔާސްމީންގެ އާއިލާއިން އޭޖެންޓް އާއި ބައްދަލުކޮށް މަންމަ ކޮބައިތޯ ސުވާލުކުރިއެެވެ. އެ ސުވާލުގެ ޖަވާބެއްގެ ގޮތުގައި އޭޖެންޓް ބުނީ މަންމަގެ ހާލު ރަނގަޅުކަމަށާއި، އެނާގެ މަންމަ އާއިލާއާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާކަމަށެވެ.
"މަންމަ އަށް އޭޖެންޓް އަމުރުކުރީ ތެދު ހާމަނުކުރަން. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގެ ސަބަބުން އަހަރުމެންނަށް އެނގުނީ މަންމަ ހުރީ ޕާކިސްތާނުގައިކަން. އެހެންނޫންނަމަ މަންމަ ހުރިތަން އަދިއަދަށް ދަންދެންވެސް ނޭނގޭނެ." އޭނާ ބުންޔެވެ.
އެ އާއިލާއިން މިހާރު ބޭނުންވަނީ ޕާކިސްތާނުން ބާނޫ އަނބުރާ ގެނައުމަށް އިންޑިއާ ސަރުކާރުގެ އެހީއެވެ. ވިހި އަހަރަށް ފަހު ހާމިދާ ބާނޫ ފެނުމުން އޭނާގެ އައިލާއިން ވަނީ އުފާ ފާޅުކޮށްފައެވެ.