މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު އާންމުކުރި މައުލޫމާތުގައި ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް މިއަދު ހެނދުނު 08:30 އިން މެންދުރު 02:00 އަށް ހުދު ސަމާލު ނެރެފައެވެ.
އަދި އެ އިދާރާއިން ވަނީ ލ. އަތޮޅުން އައްޑޫ ސިޓީއަށް މިއަދު ހެނދުނު 10:30 އިން ހަވީރު 04:30 އަށް ވެސް ހުދުސަމާލު ނެރެފައެވެ.
މެޓުން ބުނީ އެ ހިސާބުތަކަށް ގަޑިއަކު 20 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.
ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓު ހުންނާނެ ކަން ފާހަގަކޮށް މެޓް އޮފީހުން ބުނީ ހުރިހާ ފަރާތްތަކުން ވެސް ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.
މެޓުން ބުނީ ގަދަ ވިއްސާރައާއެކު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އުދަ އެރުން އެކަށީގެންވާ ކަމަށެވެ. ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފައިވާއިރު މެޓު އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށެވެ.
މި ފަހުން ވެސް ރާއްޖޭގެ ގިނަ ރަށްތަކަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއްވިއެވެ. އެގޮތުން ބައެއް ރަށްރަށުގެ ގެތަކަށް ފެންވަދެ ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުންވިއެވެ.