އައިޖީއެމްއެޗުން ހެދީ ދޮގުކަން ފަޅާއަރައިފި

އައިޖީއެމްއެޗް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗުގެ އީއާރުގައި މަސައްކަތްކުރާ ނަރުހުން މިދިޔަ ޖޫން މަހުގެ 15ވަނަ ދުވަހު ހުށަހެޅި ޕެޓިޝަނާ ގުޅިގެން އެ ހޮސްޕިޓަލުން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ނޫސް ބަޔާނުގައި ހެދީ ދޮގުކަން ފަޅާއަރައިފިއެވެ.

އައިޖީއެމްއެޗުން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އެ ޕެޓިޝަންގައި ސޮއިކުރި އެއްވެސް ނަރުހަކަށް ފިޔަވަޅު އަޅާފައި ނުވާނެ ކަމަށެވެ. އަދި، މި ދުވަސްވަރު ނަރުހުން އެކި ޑިޕާޓްމަންޓުތަކަށް ބަދަލު ކުރުމަށް ނިންމި ނިންމުމަކީ އެ ޕެޓިޝަނާ ގުޅުމެއް ހުރި ކަމެއް ނޫންކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. ނަމަވެސް އެއީ ދޮގުކަން މިހާރު ވަނީ ފަޅާއަރައިފައެވެ.

މިކަން ފަޅާއެރީ އެ ޕެޓިޝަނުގައި ސޮއިކުރި ނަރުހުންނާ އެކު އެ ހޮސްޕިޓަލްގެ އެޗްއާރުން ބައްދަލުކޮށް ދެއްކި ވާހަކަތަކުންނެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ނަރުހުން "ސަން"އާ ވާހަކަ ދައްކަމުން ބުނީ އީއާރްގެ ނަރުހުން އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުކުރަން ނިންމީ ކޮން އުސޫލަކުންތޯ އެ މީހުން އެޗްއާރާ ސުވާލުކުރި ކަމަށެވެ.

ނަރުހުން ބުނިގޮތުގައި، އެ ސުވާލުގެ ޖަވާބުގައި އެޗްއާރުން ފުރަތަމަ ބުނީ އެ އުސޫލު އެބައޮތް ކަމަށާއި އެކަމަކު އެ އުސޫލު ނަރުހުންނާ ހިއްސާ ނުކުރެވޭނެ ކަމަށެވެ.

އެޗްއާރުން އެހެން ބުނުމުން އެ އުސޫލު ނަރުހުންނާ ހިއްސާކުރުމަށްފަހު ނޫނީ އެހެން ޑިޕާޓްމަންޓަކަށް ބަދަލުނުކުރެވޭނެ ކަމަށް ނަރުހުން ބުންޏެވެ. ނަރުހުން ބުނިގޮތުގައި، އެކަމާ ގުޅިގެން އެޗްއާރުން ދެން ބުނީ އުސޫލު ހެދުމަށްފަހު ހިއްސާކުރާނެ ކަމަށެވެ.

"އެބޭފުޅުންގެ އަނގަ ބަންދުވީ އަޅުގަނޑުމެން އެހެން ބުނީމަ. ދިފާއުގައި ހަދާނެ ދޮގެއް ނޭނގުނީމަ އެންމެފަހުން މި ބުނަނީ އުސޫލު ހެދުމަށްފަހު ހިއްސާކުރާނަމޭ. އަޅުގަނޑުމެންނަކީ ތަންދޮރު ނުދަންނަ ބައެއް ނޫން. އޮޅުވައެއް ނުލެވޭނެ. މި ހިސަބުން ޔަގީން ނުވޭތޯ އީއާރްގެ ނަރުހުން އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުކުރަނީ ޕެޓިޝަން ހުށަހެޅުމުންކަން،" އައިޖީއެމްއެޗްގެ ނަރުހަކު "ސަން" އަށް ކިޔައިދިނެވެ.

ދެހާސް ސާދަ ވަނަ އަހަރު އީއެންޓީ ޑިޕާޓްމަންޓްގެ 10 ނަރުހަކު ސޮއިކޮށް އެތަނުގެ އިންޗާޖާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުން އެ ހުރިހާ ނަރުހުން ވަނީ އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުކޮށްފައެވެ. އަދި ހުށަހެޅި މައްސަލަ ބަލައި އިންޗާޖާ މެދު ފިޔަވަޅު އަޅާފައިނުވާ ކަމަށް އެ ނަރުހުން ބުނެއެވެ.

އެޗްއާރާއެކު ބޭއްވި ބައްދަލުވުމުގައި ނަރުހުން ވަނީ ޕެޓިޝަންގައި ސޮއިކުރުމުން ފިޔަވަޅު އެޅުމަކީ އެ ހޮސްޕިޓަލުން ކުރިން ވެސް ކުރަމުން އަންނަ ކަމެއްކަން އީއެންޓީގެ ނަރުހުންނާ މެދު އަމަލުކޮށްފައިވާގޮތުން ވެސް ހާމަވާ ކަމަށެވެ.

"އީއެންޓީގެ ނަރުހުންނާ މެދު އަމަލު ކުރި ގޮތް ކިޔައިދީފަ އަޅުގަނޑުމެން ބުނިން އެ ދެވުނީ އަދަބެއް ނޫންހޭ. ބުނީމަ އެޗްއާރުން ބުނީ އަދަބު ދޭންޖެހިއްޖެ ހާލަތެއްގައި އަދަބުވެސް ދޭނަމޭ. އަޅުގަނޑުގެ ސުވާލަކީ އަދަބަކީ ތިމާ ޒާތީ ހަސަދައެއް ފިލުވަންވީމަ ދޭން އޮންނަ އެއްޗެއްތޯ. އަދަބުގެ މާނަ އަޅުގަނޑަށް މިހާރު އޮޅިއްޖެ،" ނަރުހަކު ކިޔައިދިނެވެ.

އީއެންޓީގެ ނަރުހުން ހުށަހެޅި މައްސަލަ ނުބަލައި އެ ނަރުހުން އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުކުރީ ތަނުގެ މަސްލަހަތު ހިފަހައްޓަން ކަމަށް އެޗްއާރުން ބުނެފައިވާ ކަމަށް ނަރުހުން ކިޔައިދިނެވެ.

"ދެން އަޅުގަނޑުމެން ބުނިން އަދަބު ދޭންޖެހެނީ ކީއްވެހޭ. އެ ނަރުހުންގެ އިންޗާޖު ވެސް އެ މީހުންނާ މެދު ކަންތައް ކޮށްފަ އޮތްގޮތުންނޭ ޕެޓިޝަން ހުށަހެޅީ. އެހެންވެއްޖެއްޔާ އިންޗާޖާ މެދު ނޫންހޭ ފިޔަވަޅު އަޅަންޖެހޭނީ. ބުނީމަ ބުނީ ތަނުގެ މަސްލަހަތު ހިފަހައްޓަން ވެގެންނޭ. އަޅުގަނޑުމެން ބުނިން ތިއެއްބަސްވެވުނީއޭ ޕެޓިޝަން ހުށަހެޅީމަ އަދަބެއްގެ ގޮތުން ޑިޕާޓްމަންޓް ބަދަލުކުރީ ކަމަށް،" ނަރުހަކު ކިޔައިދިނެވެ.

ނަރުހުން ބުނިގޮތުގައި ފުރަތަމަ މެމޯ ނެރުނީ އީއާރްގައި މަސައްކަތް ކުރާ ތިން އަހަރު ނުވާ ނަރުހުން އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުކުރުމަށެވެ. ނަމަވެސް ފަހުން އެހެން މެމޯއެއް ނެރެ ފަސް އަހަރު ވެފައިވާ ނަރުހުން ބަދަލުކުރަން ނިންމި ކަމަށް ނަރުހުން ކިޔައިދިނެވެ.

"މިކަމުން މި އެނގެނީ މިއީ ވަކި ނަރުހަކަށް ޓާގެޓްކޮށްގެން އެ ނަރުސް އީއާރުން އެހެން ޑިޕާޓްމަންޓަކަށް ބަދަލުކުރަން ކޮށްފައިވާ ކަމެއްކަން،" ނަރުހަކު ކިޔައިދިނެވެ.

އީއާރްގެ ނަރުހުން އެހެން ޑިޕާޓްމަންޓުތަކަށް ބަދަލުކުރަނީ ވަކި ނަރުހަކު އެތަނުން ބޭރުކުރަން ކަމަށް ސިއްރު ބައްދަލުވުމެއްގައި ވާހަކަ ދައްކާފައިވާ ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެ ނަރުނުން ބުންޏެވެ.

އައިޖީއެމްއެޗުން ކުރިން ނެރުނު ބަޔާނެއްގައި ވަނީ އީއާރްގެ އިންޗާޖާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދުގެ ތެރެއިން ބަލަމުން އަންނަ ކަމަށެވެ. އެ މައްސަލަ އޮތީ ކިހާ ހިސާބެއްގައިތޯ އެ ބައްދަލުވުމުގައި ނަރުހުން ސުވާލުކުރުމުން އެ މައޫލޫމާތު ދޭން ނުޖެހޭނެ ކަމަށް އެޗްއާރުން ބުނި ކަމަށް ނަރުހުން ކިޔައިދިނެވެ.

"އެޗްއާރުން ބުނަނީ މައްސަލަ ބަލަމުންނޭ ދަނީ. މައްސަލަ ބަލަމުންދާއިރު، ވާނުވާ ތިމީހުންނަށް [މައްސަލަ ހުށަހެޅި ނަރުހުންނަށް] ކޮންމެހެން އެނގޭކަށް ނުޖެހޭނެޔޯ،"

މައްސަލަ ހުށަހެޅި ނަރުހުންގެ ބަޔާންތައް ތަހުގީގު ކުރާ ކޮމިޓީން މިހާރު ވަނީ ނަގައިފައެވެ.

ނަރުހުންގެ އެދުމަކީ އުސޫލާ ހިލާފަށް އެ މީހުން އެހެން ޑިޕާޓްމަންޓްތަކަށް ބަދަލުކުރަން ނިންމާފައިވާ ނިންމުން ބާތިލްކުރުމެވެ. ނަމަވެސް އައިޖީއެމްއެޗުން އެކަން އެގޮތަށް ކުރަން ފަސްޖެހެއެވެ.

އީއާރުގައި މަސައްކަތް ކުރާ ނަރުހުން ޕެޓިޝަން ހުށަހަޅާފައިވަނީ އެ ނަރުހުންނަށް އެ ޑިޕާޓްމަންޓުގެ އިންޗާޖުގެ ފަރާތުން އެ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުން އަންނަ ކަމަށް ބުނެއެވެ. އެގޮތުން އީއާރުގައި މަސައްކަތްކުރާ 32 ދިވެހި ނަރުހަކު ސޮއިކޮށްފައިވާ ޕެޓިޝަންގައި ފާހަގަ ކޮށްފައިވާ މައްސަލަ ތަކުގެ ތެރޭގައި ބަލިވެ އުޅޭ މުވައްޒަފުން މަސައްކަތަށް ނުކުތުމަށް މަޖުބޫރުކުރުވުމާއި، އެ ތަނުގެ ހިންގުމުގައި ވެފައިވާ އިހުމާލުތަކުގެ އިތުރުން މުވައްޒަފުންނަށް އިހާނެތިކޮށް ހިތުން ފަދަ މައްސަލަތައް ފާހަގަ ކުރެވެއެވެ.

މީގެއިތުރުން އެ މީހުންގެ ސިއްރު ޒާތީ މައުލޫމާތުތައް އީއާރްގެ އިންޗާކު ހާމަކުރާ ކަމުގެ ތުހުމަތު ވެސް އެ ނަރުހުން ކުރެއެވެ.

މާބަނޑު ދުވަސްވަރު ވަރަށް ހާލުދެރަވެފައި ވަނިކޮށް ވެސް ބައެއް ނަރުހުން ލައްވައި އީއާރް އިންޗާޖް މަސައްކަތް ކުރުވާފައިވާ ކަމަށް ނަރުހުން ބުނެއެވެ. އެކަމުގެ ސަބަބުން ތިން ނަރުހަކު ބައިގެން ގޮސްފައިވާ ކަމަށް ވެސް އެ ނަރުހުން ކިޔައިދިނެވެ.

comment ކޮމެންޓް