21 އަހަރުވީ 100 މީޓަރު ދުވުމުގެ ރިކޯޑު ހިމްނާ މުގުރާލައިފި

ރާއްޖޭގެ ޒުވާން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން --- ފޮޓޯ/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މީގެ 21 އަހަރުކުރިން ރާއްޖޭގެ ދުވުންތެރިއަކު ހެދި 100 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު އައިޝަތު ހިމްނާ ހަސަން މުގުރާލައިފިއެވެ.

އެ ރިކޯޑަކީ ރާއްޖޭގެ ސަމްހާ އަހުމަދު 2001 ވަނަ އަހަރު ހަދައިފައިވާ ރިކޯޑެކެވެ. އެ އަހަރު ކެނެޑާގައި ބޭއްވި ވޯލްޑު ޗެމްޕިއަންޝިޕްގައި އޭނާ 100 މީޓަރުގެ ދުވުން ފުރިހަމަކޮށްފައިވަނީ 12.27 ސިކުންތުންނެވެ.

ނަމަވެސް އިނގިރޭސި ވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ހިމްނާ ވަނީ ސަމްހާއަށްވުރެ 10 މިލި ސިކުންތު އަވަހަށް ނިންމައިގެން އާ ރިކޯޑެއް ހަދައިފައެވެ. އަންގާރަ ދުވަހު ކުރިއަށްދިޔަ އެތުލެޓިކްސް އިވެންޓުގައި ވާދަކޮށް ހިމްނާ ރޭސް ނިންމީ 12.17 ސިކުންތުންނެވެ.

ޒުވާން ދުވުންތެރިޔާ ހިމްނާ އެންމެ ފާހަގަކުރެވިފައިވަނީ 400 މީޓަރު ދުވުމުންނެވެ. އޭނާ ވަނީ އެތައް ފަހަރެއްގެ މަތިން އެ ދުވުމުގެ ރިކޯޑު އާކޮށްފައެވެ. އެގޮތުން ހިމްނާ ވަނީ 2018، 2019، 2021 އަދި މި އަހަރުގެ ޖޫން މަހުގައި 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު އާކޮށްފައެވެ.

ކޮމަންވެލްތު ގޭމްސްގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ އިތުރު ތިން އެތުލީޓެއް ވަނީ މިއަދު ވާދަކޮށްފައެވެ. އެއީ ރާއްޖޭގައި އުފެދުނު އެންމެ ބާރު ދުވުންތެރިޔާ ހަަސަން ސާއިދާއި، އަންހެން އުންމީދީ ދެ އެތުލީޓުން ކަމަށްވާ މަރިޔަމް އަލްހާ ހުސެއިންގެ އިތުރުން މަރިޔަމް ރޫޔާ އަލީއެވެ.

comment ކޮމެންޓް