ކޮމަންވެލްތު ގޭމްސްގެ ރާއްޖޭގެ އިސްމާއީލް ސާޖިދު އާއި އާދަމް ނަސީމްގެ ޕެއާ ހިމެނުނު ގްރޫޕްގެ ފަހުމެޗުގައި ރާއްޖެ ބަލިވެއްޖެއެވެ.
މިހާރު އިނގިރޭސި ވިލާތުގެ ބާމިންހަމްގައި ކުރިއަށްގެންދާ ކޮމަންވެލްތު ގޭމްސްގެ ބީޗް ވޮލީ ކެޓަގަރީގައި ސާޖިދު އަދި އާދަމްގެ ޕެއާ ބަލިވީ ދެކުނު އެފްރިކާ އަތުން 2-1 ސެޓުގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ސެޓު 21-16ގެ ނަތީޖާއަކުން ކާމިޔާބުކުރީ ދެކުނު އެފްރިކާއެވެ. ނަމަވެސް މެޗުގެ ދެވަނަ ސެޓު ރާއްޖޭގެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. ރާއްޖޭން އެ ސެޓު ކާމިޔާބުކުރީ 21-14ގެ ނަތީޖާއަކުންނެވެ.
ދެ ސެޓު ކުޅެ ނަތީޖާ އެއްވަރުވުމުން މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓުގައި ރާއްޖޭގެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކިނަމަވެސް އެ ސެޓު 15-11ގެ ހަނި ނަތީޖާއަކުން ކާމިޔާބުކުރީ އެފްރިކާއިންނެވެ.
ރާއްޖޭގެ ބީޗް ވޮލީ ޓީމު ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔަ ނަމަވެސް ކޮމަންވެލްތު ގޭމްސްގައި އަލަށް ވާދަކޮށް ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ.
ރާއްޖެ ޓީމު ކޮމަންވެލްތު ގޭމްސްގެ ފުރަތަމަ މެޗެއްގެ ގޮތުގައި ކުޅެފައިވަނީ ދުނިޔޭގެ ރޭންކިންގެ ފަސްވަނައިގައި އޮތް އޮސްޓްރޭލިއާ އާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ވަނީ ދެ ސެޓުން ބަލިވެފައެވެ. ނަމަވެސް ދެވަނަ މެޗުގައި ރުވަންޑާއަތުން ރާއްޖެ ބަލިވީ 2-1 ސެޓުންނެވެ.