އިންޑިއާއަކީ ހަގީގީ ރަހުމަތްތެރިއެއް، ދިފާއީ ދާއިރާއިން ދޭ އެއްބާރުލުމަށް ޝުކުރު ހައްގު: ރައީސް ޞާލިޙު

ނަރެންދުރަ މޯދީ އާކު ރައީސް ޞާލިޙު މީޑިއާއާ ބައްދަލުކުރައްވަނީ--- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާއަކީ ރާއްޖޭގެ ހަގީގީ ރަހުމެއްތެރިއެއްކަމަށާއި އެ ގައުމުން ރާއްޖެއަށް ދޭ ދިފާއީ އެއްބާރުލުމަށް ޝުކުރު ހައްގުކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެން އިންޑިއާއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާކު މީޑިއާއާ ބައްދަލުކުރައްވައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދު އޮތް އެތައް ގަރުނެއްވީ އެކުވެރި ގާތްގުޅުމުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ.

މޯދީ އާއި ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދު ކުރެވުނު މަތީ ފަންތީގެ އެކިއެކި މުއާމަލާތްތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ޞާލިޙު ވިދާޅުވީ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި، އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން މެދުކެނޑުމެއް ނެތި ދޭ އެއްބާރުލެއްވުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވާކަމަށެވެ.

މީގެއިތުރުން ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ވެދިން އެހީތެރިކަމަށް ވެސް ރައީސް ޞާލިޙު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

"ކޮވިޑް-19 އިން ލިބުނު ފިލާވަޅުތަކުގެ އަލީގައި، އެފަދަ ކަންކަމުން ކުރިމަތިވެދާނެ އިޤްތިޞާދީ ހީނަރުކަމުން އަރައިގަނެ ވިލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ މުހިންމު،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ދިފާއީ ދާއިރާއިން ދެގައުމުން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ މޯދީއަށް އަރުވާފައެވެ.

ރައީސް ޞާލިޙުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ރާއްޖެއަކީ އަބަދުވެސް އިންޑިއާގެ ހަގީގީ ރަޙްމަތްތެރިއެއްގެ ގޮތުގައި ދެމިއޮންނާނެކަމާއި މި ސަރަޙައްދުގެ ޞުލްޙައާއި ތަރައްޤީއަށް ދެގައުމުންވެސް ގެންގުޅޭ ތަޞައްވުރު އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މޯދީގެ ދައުވަތުފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި މިއަދު ނިއު ދިއްލީގެ ހައިދަރުއާބާދު ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި ތިލަމާލޭ ބްރިޖުގެ ބިންގާ ވަނީ އަޅުއްވާފައެވެ.

ހަމައެއާއެކު، ދެ ގައުމުގެ ދެމެދުގައި ހަ އެމްއޯޔޫއެއްގައި ސޮއިކުރައްވާފައިވެއެވެ. އަދި ރާއްޖޭގައި ހިންގާ މަޝްރޫއުތައް ނިންމުމަށް އިތުރު 100 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް