ކުޑަހުވަދޫ ހަމަނުޖެހުމުން ދެވުނީ ނުބައި މެސެޖެއް، ކުރިމަގުގައި ދާއިރާއަށް ގެއްލުން ވެދާނެ: މަންތާ

މަންތާ އެއާގެ ސީއީއޯ މުހައްމަދު ޚަލީލް ނޫސްވެރިންނާ ބައްދަލުކުރައްވާ މައުލޫމާތު ދެއްވަނީ --- ސަންފޮޓޯ/ ނާއިލް ހުސައިން

ކުޑަހުވަދޫ އެއާޕޯޓުގައި އިއްޔެއިން ފެށިގެން ހިންގަމުން އައި ހަމަނުޖެހުން ތަކުގެ ސަބަބުން ދެވުނީ ނުބައި މެސެޖެއް ކަމަށާއި، އެކަމުގެ ނޭދެވޭ އަސަރު ކުރިމަގުގައި ފަތުރުވެރިކަމަށް ކޮށްފާނެ ކަމަށް މަންތާ އެއާގެ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޚަލީލު ވިދާޅުވީ ރޭގެ ހަމަނުޖެހުންތަކާ ގުޅިގެން އެރަށުގެ އެއާޕޯޓުގައި 12 ފަތުރުވެރިއަކު ތާށިވެފައި ތިބެން ޖެހުނު ކަމަށެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމީހުންނަށް އެއާޕޯޓު ދޫކޮށް ދެވުނީ މިއަދު ހެނދުނު 07:00 ހާއިރު މަންތާގެ ސީޕްލޭނެއް މެދުވެރިކޮށް ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ މިފަދަ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ތަސައްވަރު ކިލަނބުވެ، ކުރިމަގުގައި ބޮޑު ގެއްލުމެއް ލިބިދާނެ ފަދަ ކަމެއް ކަމަށެވެ.

"ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން އެއީ، ރިއު ހޮޓެލްސްގެ އެންމެ އިސްވެރިޔާ މިއަދު ވެސް އަޅުގަނޑަށް ކިތަންމެ ފަހަރަކު ގުޅައިފި، ތިމަންމެންގެ ކްލައިންޓުން ސޭފް ހެއްޔޭ ކިޔާފަ," ޚަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަންތާގައި މިވަގުތު ބޭނުން ކުރަމުން އަންނަ އޭޓީއާރު މަތިންދާބޯޓުތަކަކީ ސްޓްރެޗާ އެރުވޭ ގޮތަށް ފަރުމާކުރެވިފައިވާ ބޯޓުތަކެއް ނޫން ކަމަށެވެ. ނަމަވެސް، ކުޑަހުވަދޫގައި ބަލިމީހަކު މާލެއަށް ނުގެނެވިގެން އުޅެވޭ ކަން އެނގުމާއެކު ސީޕްލޭން ސްޓޭޑްބައިގައި ބޭއްވި ކަަމަށް އޭނާ ވިދާޅުވިއެވެ. ސީޕްލޭނަށް އެވަގުތު ދަތުރުނުކުރެވުނީ ރޭގަނޑުގެ ވަގުތަކަށް ވުމުންނެވެ.

ބަލިމީހަކު އުފުލުމަށް އެދި ހުށަހެޅުމަށް އޮންނަ އުސޫލުގެ ތެރެއިން، މިހާތަނަށް އެ އެއާލައިނަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާކަން އޭނާ ފާހަގަކުރެެއްވިއެވެ.

ކުޑަހުވަދޫ އެއާޕޯޓު ސަރަހައްދުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން، އާންމުން ފުލުހުންނާ ކުރިމަތިލުން ---

އޭނާ ވިދާޅުވީ މީގެ ކުރިން ވެސް މިފަދަ ހާލަތްތަކުގައި ކަންކުރާ ގޮތަކީ ސީޕްލޭން މެދުވެރިކޮށް ބަލިމީހުން އުފުލުން ނުވަތަ، މޯލްޑިވިއަންގެ މެޑިކަލް އިވެކުއޭޝަން ފްލައިޓެއްގައި ބަލިމީހާ ގެންދިއުން ކަމަށެވެ.

އަަދި މޯލްޑިވިއަނުން އެ އެއާޕޯޓަށް ދަތުރުކުރުމަށް އެއްވެސް އިރަކު ހުރަސް އަޅާފައި ނުވާނެ ކަމަށާއި، އިތުރު އެއާލައިންތައް އެ އެއާޕޯޓަށް އައުމަކީ މަންތާއިން ބާރު އަޅާ ކަމެއް ވެސް އޭނާ ވިދާޅުވިއެވެ.

މި ވަގުތު މަންތާގައި ހުރި ފްލައިޓްތަކަށް ސްޓްރެޗާ ނޭރުވޭތީ، އެކަމަށް އެހެން ހައްލެއް ހޯދުމަށް ވެސް މަސައްކަތްކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ސީޕްލޭނުގައި ފުރޮޅު ހަރުކޮށްގެން މެޑިކަލް އިވެކުއޭޝަން ފްލައިޓް ބޭއްވުމުގެ ހުއްދައަށް އެދި 2020ވަނަ އަހަރުގެ މާޗު މަހުގެ ތެރޭ ހުށަހަޅާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޮޑު އެއާކްރާޕްޓެއް ގެންދަން ދާ ހަރަދަށް ވުރެ މާބޮޑު ތަނުން ވެސް ކުޑަ ވާނެ ސީޕްލޭނެއްގައި ވީލް އަޅުވައިގެން މެޑް ވެކް ފްލައިޓް ބޭއްވީމަ،" ޚަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަލިމީހުންނާއި ބެހޭ ކަންކަމުގައި އެ އެއާލައިނުން މީގެ ކުރިން ވެސް އެއްބާރުލުން ދީފައިވާ ވާނެ ކަމަށެވެ.

ކުޑަހުވަދޫގައި އިއްޔެ ހަމަނުޖެހުން ހިންގަން ފެށީ، އެރަށުން ހާޓްއެޓޭކެއް ޖެހުނު ޒުވާނަކު، މާލެ ނުގެނެވި ލަސްތަކެއް ވާން ފެށުމުންނެވެ. މި ހަމަނުޖެހުމުގެ ތެރެއިން އެ ރަށު ރައްޔިތުން ވަނީ އެއާޕޯޓަށް ނުވަދެވޭނެހެން އެތަން ބަންދުކޮށްފައެވެ. އެކަމާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް ވެސް ހުއްޓުނެވެ. އަދި މިއަދު ފުލުހުންނާއި އާއްމުންގެ ކުރިމަތިލުމެއް ހިނގައި މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މިއަދު ހެނދުނު ވަނީ ހާލުދެރަވި ބަލިމީހާ މޯލްޑިވިއަންގެ ފްލައިޓެއްގައި މާލެ ގެނެސްފައެވެ. މޯލްޑިވިއަނުން ބުނީ އެ ފްލައިޓް ކުޑަހުވަދޫން މާލެއަށް ފުރާފައިވަނީ 06:45ގައި ކަމަށެވެ.

މަންތާގެ ސީއީއޯ ވިދާޅުވީ ވީހާވެސް އަވަހަކަށް އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް