ތިލަމާލޭ ބްރިޖުގެ ބިންގާ އަޅުއްވައިފި

ރައީސް ޞާލިހު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީ ---

މާލެއާއެކު ތިލަފުށި އަދި ވިލިމާލެ ގުޅުވާލުމަށް އަޅާ ބްރިޖުގެ ބިންގާ އަޅުއްވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީގެ ދައުވަތުފުޅަކަށް މިހާރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އެގައުމަށް ކުރައްވަމުންގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ ނިއުދިއްލީގައި ހުންނަ ހައިދްރަބާދު ހައުސްގައި މޯދީއާ ބައްދަލުކުރައްވާފައެވެ.

އޭގެ ފަހުން ހައިދްރަބާދު ހައުސްގައި ތިލަމާލޭ ބްރިޖުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތެއްގައި ބްރިޖުގެ ބިންގާއަޅުއްވައިދެއްވީ ރައީސް ޞާލިހުއާއި މޯދީއެވެ.

ބްރިޖުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މޯދީ ވިދާޅުވީ، ބިންގާ އެޅިގެންދިޔައީ ރާއްޖެއަށް ވަރަށްވެސް މުހިއްމު މަޝްރޫއެއްގައި ކަމަށެވެ.

އެކަހަލަ ބޮޑު މަޝްރޫއެއްގައި އިންޑިއާގެ އެހީ ރާއްޖެއަށް ދެވުމަކީ އެކަމާ އުފާކުރާކަމެއްގައި ކަމަށް ވެސް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަޝްރޫއު ހަގީގަތަކަށް ހަދައިދިނުމަށް އިންޑިއާއިން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މީގެ އިތުރުން އޭގެ އިތުރު މަޝްރޫއުތައް އިންޑިއާއާ ގުޅިގެން ކުރިއަށް ގެންދެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށް، ކަމާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުގައެވެ.

އެކުންފުނިން ވަނީ އަންނަ އަހަރުގެ ޖުލައި މަހު މާލެއާއި ވިލިނގިލި ގުޅާލައި، ދެ ރަށް ދޭތެރޭގައި ބްރިޖުން ދަތުރުކުރަން ފެށޭނެ ކަމަށް ބުނެފައެވެ. އަދި 2024 ވަނަ އަހަރު ބުރިޖުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 މީޓަރު ހުންނާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

އެ މަޝްރޫއުގެ ދަށުން މާލެ އަދި ވިލިމާލޭގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރާނެއެވެ. އަދި ގުޅީފަޅާއި ތިލަފުށީގައި ރައުންޑްއެބައުޓްތަކެއް ގާއިމް ކުރާނެއެވެ.

އޭގެ އިތުރުން ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ.

comment ކޮމެންޓް