ރާއްޖެއިން ''އިންޑިއާ ފަސްޓް ޕޮލިސީ'' ދަމަހައްޓާނެކަމުގެ ޔަގީންކަން ރައީސް، އިންޑިއާއަށް ދެއްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން އަބަދުވެސް "އިންޑިއާ ފަސްޓް ޕޮލިސީ" ދަމަހައްޓާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، އިންޑިއާއަށް ދެއްވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީގެ ދައުވަތުފުޅަކަށް ރައީސް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު އިއްޔެ ވަނީ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

އިއްޔެ ހަވީރު ނިއުދިއްލީގެ ހޮޓެލް އައިޓީސީ މައުރިޔާގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ރާއްޖެ އާއި އިންޑިއާގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ.

އެ ބައްދަލުކުރެއްވުމުގެ ތެރެއިން އިންޑިއާގެ އެހީގައި މިހާރު ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އެގޮތުން ގުރޭޓާ މާލެ ކަނެކްޓްވިޓީ ބުރިޖާއި ހައުސިން މަޝްރޫޢުތަކާއި އައްޑޫ ސިޓީގައި އަޅާފައިވާ ޕޮލިސް އެކަޑަމީގެ މަޝްރޫޢުގެ އިތުރުން ބައެއް އެހެން މަޝްރޫޢުތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

އިއްޔެގެ ބައްދަލުކުރެއްވުމުގައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ވިދާޅުވީ އިންޑިއާގެ އެހީގައި، ރާއްޖޭގައި މިހާރުވެސް މަޝްރޫޢުތައް ބާރަށް ހިނގަމުންދާކަމަށެވެ. އަދި އެ މަޝްރޫޢުތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަންވެސް މިނިސްޓަރު ދެއްވިއެވެ.

އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގައި މިހާރު ހިންގަމުން އަންނަ މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ވެދެއްވާ އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖެއާ އިންޑިއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރައްވައި އިންޑިއާ ފަސްޓް ޕޮލިސީ ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމުގެ ޔަޤީންކަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރަށް ދެއްވާފައެވެ.

އެކްސްޓާނަލް މިނިސްޓަރުގެ އިތުރުން ރައީސްގެ އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި، އިންޑިއާގެ ރައީސް، ދްރައުޕަތީ މުރްމު އާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު، އެ ދަތުރުފުޅުގައި ދެޤައުމުގެ ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ކުރެއްވުމާއި ދެޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކަށް ފަހުގައި، ދެޤައުމުގެ އިސްވެރިން ގުޅިފައިވާ ނޫސްބަޔާނެއް ދެއްވަވަންވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދިއްލީ އާއި މުމްބާއީގެ ވިޔަފާރިވެރިންނާއިވެސް ރައީސް ބައްދަލު ކުރައްވާނެއެވެ. އެގޮތުން ދިއްލީ އާއި މުމްބާއީގައިވެސް ބިޒްނަސް ފޯރަމްތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ރައީސްގެ އެ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މުމްބާއީއަށް ޒިޔާރަތް ކުރައްވައި މަހާރަޝްތުރަގެ މޭޔަރާއި ބައްދަލުކުރައްވައި، މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވާނެއެވެ. އަދި ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމެންޓާއި ބައްދަލު ކުރައްވައި މަސައްކަތްތައް ހިނގާނުހިނގާ ގޮތްވެސް ރައީސް ބައްލަވާލައްވަން ވަނީ ހަމަޖެހިފައެވެ.

ރައީސްގެ އެ ދަތުރުފުޅުގައި ތިލަމާލޭ ބްރިޖުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ދިއްލީގައި ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިދިޔަ ހޮނިހިރު ދުވަހު ވަނީ ވިދާޅުވެފައެވެ.

އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އިންޑިއާއަށް ރައީސް ކުރައްވާ ރަސްމީ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެވަޑައިގަންނަވާނީ އަންނަ ބުރާސްފަތިދުވަހުއެވެ.

comment ކޮމެންޓް