ހިތަދޫން ފެނުނު ސީލް ހިފަން ދިޔައިރު ގެއްލިއްޖެ

ހިތަދޫ މޫދަށް އެރޭ ސަރަޙައްދުން ފެނުނު ސީލް-- ފޮޓޯ/ ސޯޝަލް މީޑިއާ

އައްޑޫ ސިިޓީ ހިތަދޫ މޫދަށް އެރޭ ސަރަހައްދުން އިއްޔެ ފެނުނު ސީލް ހިފަން ފުލުހުންނާއި ސިފައިން އެ ސަރަހައްދަށް ދިޔައިރު އެ ސީލް ނެތް ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.

'ސަން' އަށް މައުލޫމާތުދެއްވަމުން ހިތަދޫގެ ކައުންސިލަރެއް ކަމަށްވާ މަރިޔަމް ސައީދާ ވިދާޅުވީ ސީލް ފެނުނު ޚަބަރު ލިބުމުން ސިފައިން އަދި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށެވެ. ނަމަވެސް އޭރު އެ ސީލް އެ ސަރަހައްދުން ފިލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދާ ވިދާޅުވީ ސީލް ހޯދުމަށް ފުލުހުންނާ ސިފައިން އެހެން ސަރަހައްދުތައް ވެސް ބަލާފައިވާ ކަމަށެވެ. ނަމަވެސް އެ ސީލް ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަންޒަރު ދުށް މީހަކު 'ސަން' އަށް ކިޔައިދިން ގޮތުގައި ސީލް ފެނިފައިވަނީ ހިތަދޫ ކަންބިހަ ބީޗް ސަރަހައްދުންނެވެ.

އޭނާ ބުނީ އެ ސީލްގެ ދިގުމިނުގައި ގާތްގަނޑަކަށް އަށް ފޫޓު ހުންނާނެކަމަށެވެ.

ސީލް ފެނުމާ ގުޅިގެން އެންވައިމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަންއުޅެ، މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއް ނޫންކަމަށް ވެސް އީޕީއޭ އިން ބުނެއެވެ.

ހިތަދޫ މޫދަށް އެރޭ ސަރަހައްދަށް ސީލްއެއް ފެނުނު ޚަބަރާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ސީލް ބަލާލުމަށް އެ ސަރަހައްދަށް އެއްވެފައެވެ.

މީގެ އަހަރުތަކެއް ކުރިން ވެސް އައްޑޫއިން ސީލެއް ފެނިފައިވެއެވެ.

comment ކޮމެންޓް