ޔުކްރެއިންގެ ގޮވާން ބަރުކޮށްފައިވާ 17 އާގުބޯޓު، އޮޑެއްސާ ބަނދަރުން ފުރަނީ

އޮޑެއްސާ ބަނދަރު

އޮޑެއްސާ (31 ޖުލައި 2022) : ގޮވާމުގެ ބާވަތްތައް ބަރުކޮށްފައިވާ 17 އާގުބޯޓު ޔުކްރޭންގެ އޮޑެއްސާ ބަނދަރުން ފުރަން ތައްޔާރުވެފައިވާ ކަމަށް ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ ވިދާޅުވިގޮތުގައި މި އާގުބޯޓުތައް ދާދި އަވަހަށް އޮޑެއްސާ ބަނދަރުން ފުރާނެއެވެ. ޔުކްރެއިންގެ ސަރުކާރު ބުނާގޮތުން ރަޝިއާއިން ޔުކްރެއިން އާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ޔުކްރެއިންގައި 25 މިލިޔަން ޓަނުގެ ގޮވާން އެކްސްޕޯޓް ނުކުރެވި އެބަހުއްޓެވެ.

ޔުކްރެއިންގެ ގޮވާން އެކްސްޕޯޓް ނުކުރެވި ލަސްވަމުން ދިޔުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކުގައި ގޮވާމުގެ ބާވަތްތައް މަދުވެ ޚާއްސަކޮށް ގޮދަނުގެ އަގުތައްވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އދ. އާއި ތުރުކީ މެދުވެރިއަކަށް ވެގެން މި ޖުލައި މަހުގެ 22 ވަނަ ދުވަހު ރަޝިޔާއާއި ޔުކްރޭނުން ވަނީ ތުރުކީގެ އިސްތަންބޫލްގައި ޔުކްރެއިންގެ ގޮވާން އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޔުކްރެއިންގެ ގޮދަން ހައްދާ ދަނޑުތައް

މި އެއްބަސްވުމުގައި ރަޝިއާގެ ގޮވާމުގެ ބާވަތްތަކާއި ރަޝިއާގެ ގަސްކާނާ އެކްސްޕޯޓް ކުރުމުގެ ފުރުސަތު ރަޝިއާއަށް ވެސް ލިބިދެއެވެ. ނަމަވެސް އެންމެ ފުރަތަމަ މަސައްކަތްކުރަނީ ޔުކްރެއިންގެ ގޮވާން އަވަސްގޮތަކަށް އެކްސްޕޯޓް ކުރުމަށެވެ.

ރަޝިއާ ބުނާގޮތުން މި އެއްބަސްވުމަށް ފަހު ވެސް ރަޝިއާގެ ގޮވާމުގެ ބާވަތްތަކާއި ގަސްކާނާ އެކްސްޕޯޓް ކުރުމަށް ޔުކްރެއިން އަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކުން ގެންދަނީ ހުރަސް އަޅަމުންނެވެ.

ޔުކްރޭންގެ ހަނގުރާމައިގެ އަސީރުން ތިބި ތަނަކަށް މިދިޔަ ބުރާސްފަތި ދުވަހު ދިން ގޮތްނޭންގޭ މިސައިލް ހަމަލާއެއްގައި ޔުކްރެއިންގެ އަސީރުންގެ އެތައް ބަޔަކު މަރުވުމާ ގުޅިގެން ރަޝިއާއާއި ޔުކްރެއިން އާ ދެމެދު ވަނީ ބަހުގެ ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައެވެ. ރަޝިއާ ބުނާގޮތުން މިއީ އޮޅިގެން ޔުކްރެއިން އިން ދިން ހަމަލާއެކެވެ. ނަމަވެސް ޔުކްރެއިނުން މިކަން ދޮގުކުރެއެވެ. ޔުކްރެއިން ބުނާގޮތުން އަސީރުން މަރާލުމަށްފަހު ރަޝިއާ ގެންދަނީ ޔުކްރެއިން ބޮލުގައި މިކަން އަޅުވަން މަސައްކަތް ކުރަމުންނެވެ.

ޔުކްރޭނަކީ ދުނިޔޭގެ ބާޒާރުތަކަށް ގޮވާމުގެ ބާވަތްތައް އެންމެ ގިނައިން އެކްސްޕޯޓްކުރާ 5 ގައުމުގެ ތެރޭގައި ހިމެނޭ ގައުމުވެ. ޔުކްރެއިން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 6 މިލިޔަނާއި 7 މިލިޔަނާ ދެމެދުގެ ޓަނުގެ ގޮވާން ދުނިޔޭގެ ގައުމުތަކަށް އެކްސްޕޯޓްކުރެއެވެ.

މިދިޔަ ފެބްރުވަރީމަހުގެ 25 ވަނަ ދުވަހު ރަޝިޔާ ޔުކްރެއިން އާ ދެކޮޅަށް ފެށި ހަނގުރާމައާއެކު ޔުކްރެއިންގެ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުން ގާތްގަނޑަކަށް ހުއްޓުމަކަށް އައެވެ. މިއާއެކު ދުނިޔޭގެ ބާޒާރު ތަކުގައި ގޮވާމުގެ ބާވަތްތައް މަދުވެ ޚާއްސަކޮށް ގޮދަނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. މިކަމުގެ ނޭދެވޭ އަސަރު ސީދާ ގޮތެއްގައި 75 ގައުމަކަށް ވަނީ ކޮށްފައެވެ.

comment ކޮމެންޓް