ބަޣްދާދު (30 ޖުލައި 2022) : އިރާގުގެ ދީނީ އަދި ސިޔާސީ ލީޑަރެއް ކަމަށްވާ މުޤްތަދާ އައްސަދުރަށް ތާއީދުކުރާ މީހުން އެގައުމުގެ ޕާލަމެންޓަށް އަރައިގަނެ ހިންގަމުން ގެންދާ އިހްތިޖާޖުތަކުގައި އެ މީހުންނާއި އިރާގުގެ ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި 125 މީހުން ޒަޚަމްވެއްޖެއެވެ.
ސަދްރަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ގެންދަނީ އިރާގުގެ ބޮޑުވަޒީރުކަމަށް ހިޒްބުއްދައުވާއަށް ނިސްބަތްވާ ބޭފުޅެއްކަމަށްވާ މުހައްމަދު ޝިޔާއުއްސޫދާނީ އައްޔަން ކުރަން ގުޅިފައިވާ ޕާޓީތަކުން މަސައްކަތްކުރާތީ އެކަމާ ދެކޮޅަށް ވަރުގަދަ އިހްތިޖާޖްތަކެއް ކުރަމުންނެވެ.
މި އިހްތިޖާޖްތަކުގައި ސަދްރުގެ ސަޕޯޓަރުން މިދިޔަ ހަފުތާގައި ވެސް ވަނީ ބަޣްދާދުގެ ގްރީންޒޯނަށް ގަދަބާރުން ވަދެ ޕާލަމެންޓް އިމާރާތް ހިސާރުކުރުމަށްފަހު އެތަނަށް އަރައިގަނެ ބޮޑުވަޒީރުކަމަށް މުހައްމަދު ޝިޔާއުއްސޫދާނީ އައްޔަންކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލައި އެތައް ގަޑިއިރަކު އިހްތިޖާޖް ކޮށްފައެވެ. ނަމަވެސް އެތައް ގަޑިއިރަކަށްފަހު ސަދްރުގެ އަމުރަށް އެ މީހުން ވަނީ ޕާލަމެންޓް ދޫކޮށް ގޮސްފައެވެ.

ސަދްރުގެ ސަޕޯޓަރުން އިރާގުގެ ޕާލަމެންޓަށް އަރައިގަނެ އެތަނުގެ ތަޅުމުގައި އިހްތިޖާޖް ކުރަނީ
އެއަށްފަހު އަނެއްކާ އިއްޔެ ސަދްރުގެ ސަޕޯޓަރުން ވަނީ ހަމަ މިގޮތަށް އަނެއްކާ ވެސް އަމަލުކޮށްފައެވެ. އެއީ ބަޣްދާދުގެ ގްރީންޒޯނަށް ގަދަބާރުން ވަދެގަތުމަށް ފަހު ޕާލަމެންޓް އިމާރާތަށް އަރައިގަނެ އެތަން ހިސާރުކުރުމެވެ. ނަމަވެސް ކުރީ ފަހަރާ ޚިލާފަށް މިފަހަރު ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްގެން ސަދްރުގެ ސަޕޯޓަރުން އެތަނުން ނެރެން މަސައްކަތް ކޮށްފައެވެ.
ނަތީޖާއަކަށްވީ ފުލުހުންނާއި ސަދްރުގެ ސަޕޯޓަރުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި 125 މީހުން ޒަޚަމްވުމެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ފުލުހުން ވެސް ހިމެނެއެވެ.
މިދިޔަ އޮކްޓޫބަރު މަހު އިރާގުގައި ބޭއްވި އާންމު އިންތިޚާބުގައި އެއް ޕާޓީއަކަށް ބަލާއިރު ޕާލަމެންޓްގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ސަދްރުގެ ޕާޓީންނެވެ. ނަމަވެސް އެއީ 329 ގޮނޑި ހިމެނޭ އިރާގުގެ ޕާލަމެންޓްގެ އެންމެ 74 ގޮނޑިއެވެ. އަޣްލަބިއްޔަތާ ކައިރިވެސް ނުކުރާ މިންވަރެކެވެ. މިއާއެކު ސަދްރުވަނީ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ސަރުކާރެއް އެކުލަވާލުމަށް 8 މަސް ހޭދަކޮށްފައެވެ. ނަމަވެސް އޭނާއަށް އެކަން ކާމިޔާބެއް ނުވިއެވެ.
ސަރުކާރެއް އެކުލަވާލުމުގައި ނާކާމިޔާބުވުމުން ސަދްރުގެ ޕާޓީގެ 74 މެންބަރުން ވަނީ ޕާލަމެންޓް މެންބަރުކަމުން އިސްތިއުފާ ދެއްވާފައެވެ. އަދި ސަދްރުވަނީ ސިޔާސީ މަސްރަހުން މިވަގުތަށް އެއްފަރާތްވެ ދުރަށްދިޔަކަން އިއުލާން ކުރައްވާފައެވެ.
ސަދްރުގެ މެންބަރުންގެ އިސްތިއުފާއާއެކު އިރާގުގެ ކުރީގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީގެ ހިޒްބުއްދައުވާ ހިމެނޭ ގޮތަށް ސިޔާސީ އެހެން ޕާޓީތަކެއް ވަނީ ގުޅިފައިވާ ކޯލިޝަން ފްރޭމްވޯކެއް އުފައްދާފައެވެ. މި ފްރޭމްވޯކުން އާ ސަރުކާރެއް އެކުލަވާލައި އެ ސަރުކާރުގެ ވެރިއަކަށް (ބޮޑުވަޒީރަކަށް) މުހައްމަދު ޝިޔާއުއްސޫދާނީ އައްޔަންކުރުމުގެ މަސައްކަތް ފެށުމާއެކު ސަދްރުވަނީ ރުޅިގަދަވެ ބަޣްދާދުގެ ގްރީންޒޯނަށް ވެދެގަނެ އެކަމާ އިހްތިޖާޖް ކުރުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލާފައެވެ.
މިއާއެކު އޭނާގެ ސަޕޯޓަރުން މިދިޔަ ހަފުތާގައި ވަނީ ގްރީންޒޯން ހުރަސްކޮށް އިރާގުގެ ޕާލަމެންޓަށް ވަދެގަނެ ވަރުގަދަ އިހްތިޖާޖްތަކެއް ކޮށްފައެވެ. ނަމަވެސް ކޯލިޝަން ފްރޭމްވޯކުން ވަނީ ސަދްރުގެ އެދުމަށް އިޖާބަ ދިނުމަށް ދެކޮޅު ހަދައި ބޮޑުވަޒީރަކަށް މުހައްމަދު ޝިޔާއުއްސޫދާނީ އައްޔަންކުރުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ބުނެފައެވެ.
ނަތީޖާއަކަށްވީ ސަދްރުގެ ސަޕޯޓަރުން ދެވަނަ ފަހަރަށް ގްރީންޒޯން ހުރަސްކޮށް އިރާގުގެ ޕާލަމެންޓަށް އިއްޔެ ވަދެގަނެ އިހްތިޖާޖްތައް އަލުން ފެށުމެވެ. މުގްތަދާ އައްސަދުރުގެ ޕާޓީއާއި ކޯލިޝަން ފްރޭމްވަރކާ ދެމެދު އުފެދިފައިވާ ކޯޅުންތަކުގެ ސަބަބުން އިރާގުގައި އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް މިހާރުވަނީ ހުއްޓިފައެވެ.
އިރާގަކީ ބަރުލަމާނީ ނިޒާމަށް ވެރިކަންކުރާ ގައުމެކެވެ. މިދޔަ އަހަރުގެ އޮކްޓޯބަރުގައި ބޭއްވި އާންމު އިންތިޚާބަށްފަހު އިރާގުގައި އުފެދުނު ސިޔާސީ ކޯޅުންތަކާއެކު އައު ސަރުކާރެއް އެކުލަވާނުލެވި 10 މަސް ލަސްވެގެން ދިޔުމުން އިރާގުގެ ރައީސާއި ބޮޑުވަޒީރުގެ މަގާމު ހުސްކޮށް އޮންނަތާ މިހާރު ވަނީ 10 މަސް ވެފައެވެ.
ސަދްރުގެ ސަޕޯޓަރުން އިރާގުގެ ޕާލަމެންޓަށް އަރައިގަނެ ޖަހަމުން ގެންދާ ސަކަރާތަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ސަޕޯޓަރުން 2021 ވަނަ އަހަރު އެމެރިކާގެ ކޮންގްރެސްއަށް އަރައިގަނެ އެތަން ހިސާރުކޮށްގެން ޖެހި ސަރަކާތްފަދަ ސިޔާސީ ސަކަރާތެކެވެ.