ކުށްކުރާ މީހުންނަށް އަދަބެއް ދިއުމާ ހަމައަށް ދަނީ ވަރަށް ގިނަކަންކަން ފެއިލް ވެގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ހއ. ހޯރަފުށީގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގައުމެއްގައި އަމަން އަމާންކަން ކަށަވަރުވެ ހަމަޖެހުމާއި މަސްލަހަތު ގާއިމްވެ ކުރިއެރުމާއި ފާގަތިކަން ލިބޭނީ އެ މުޖުތަމަޢުއެއް ބިނާވެގެންވާ ނިޒާމުގެ ފުރިހަމަ ކަމުގެ މައްޗަށް ކަމަށެވެ.
އޭގެ މައްޗަށް ބިނާކުރެވިފައިވާ ޝަރުޢީ އަދި ގާނޫނީ ނިޒާމަކީ ފުރިހަމަ ނިޒާމެއް ނަމަ އެ މުޖުތަމަޢަކީ ފުރިހަމަ ފާގަތި އަމާން މުޖުތަމަޢަކަށް ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"މި ހަގީގަތް ދެނެތިބެގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ އެންމެ ކުރީކޮޅުގައި ވުޖޫދު ކުރެވިގެން ދިޔަ އެއް ގާނޫނަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނު،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ހއ.ހޯރަފުށީގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ހޯމް މިނިސްޓްރީ
އިންސާނީ މުޖުތަމައެއްގައި ހުންނަންޖެހޭ ހުރިހާ ސިފަތަކާއެކު ބަދަހިކޮށް ބޭއްވުމަށްޓަކައި އެންމެ މުހިންމު ކަމަކީ ފުރިހަމަ އަދި ޝާމިލް ގާނޫނެއް އޮތުން ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެއަށްފަހު ފުރިހަމަކޮށް ވަށާޖެހޭ ގޮތަށް އެ ގާނޫނު ތަންފީޒު ކުރުން ކަމަށް ގާނޫނީ ޢިލްމުވެރިން ވިދާޅުވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އޭގެ މައްޗަށް އެ މުޖުތަމައެއްގެ އަހުލުވެރިން އަހުލުވެރިވެ ހަރުދަނާ ވާންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ރާއްޖޭގައި ޒަމާނުއްސުރެ ނުރައްކާތެރި ހާލަތްތަކަށް ނުވަތަ ކުށްތަކަށް ހުށަހެޅިގެންދާ ކުދިން އެންމެ ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް މުޖުތަމައަށް އަނބުރާ ގެނައުމުގެ މަސައްކަތަކީ ދުވަސްތަކެއް ވަންދެން އެކީ ހައްލު ނުކުރެވި އޮތް މައްސަލައެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ކުށެއް ކޮށްގެން މީހެއްގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ އަދަބެއް އަންނަނީ ހަތަރުވަނައަށް ކަމަށް ޢިލްމުވެރިން ވިދާޅުވާ ކަމަށެވެ.
އެގޮތުން ކޮންމެ މީހަކުވެސް ފަރުދީ ގޮތުން ހިފަހައްޓަންޖެހޭ ފަރުދީ އަދި ގާނޫނީ ހަމަތަކެއް ހުންނަ ކަމަށާއި އިންސާނާ އޭނާގެ އުމުރުގެ ތަފާތު ހާލަތްތަކުގައި މެދުވެރިވާ ކަންކަމުގެ ސަބަބުން އޭނަގެ އަމިއްލަ ނަފްސު ހަމަތަކުގައި ނުހިފެހެއްޓި ފެއިލްވެއްޖެއްޔާ ފުރަތަމަ ލެވެލް ފަހަނައަޅައި ދިޔައީ ކަމަށް ވިދާޅުވިއެވެ.
ކުށަށް ހުށަހެޅޭ ކުއްޖަކު ގާނޫނީ ފިޔަވަޅާ ހަމައަށް ދިއުމުގެ ކުރިން އާއިލާއާއި އަވަށްޓެރިންނާއި ސްކޫލާއި ކައުންސިލާ އެންމެން ގުޅިގެން އެފަރުދަކު މުޖުތަމައަށް އަނބުރާ ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއަދު ގާއިމްކުރެވޭ ހާފްވޭ ހައުސްގެ ސަބަބުން ކުށްކުރާ ކުދިން ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރާ މަސައްކަތަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.
ހޯރަފުށީގައި ގާއިމް ކުރުމަށްޓަކައި މިއަދު ބިންގާ އެޅުނު ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނިކުތުމަށް ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެކުދިން ބައިތިއްބުމަށް އުފައްދާ މަރުކަޒެކެވެ.
ހާފްވޭ ހައުސްތަކުގައި ތިބޭ ކުދިން މުޖުތަމައަށް ނިކުތުމަށް ތައްޔާރު ވުމުގެ ގޮތުން މަރުކަޒުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މުޖުތަމަޢުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ.
އެމްޓީސީސީއާ ހަވާލު ކޮށްގެން ހޯރަފުށީގައި އިމާރާތްކުރާ ހާފްވޭ ހައުސް އަކީ 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ ތަނެކެވެ.