އައިޖީއެމްއެޗުގެ އީއާރު އިންޗާޖުގެ ފަރާތުން ނަރުހުންނަށް ތަކުލީފުތަކެއް، ޕެޓިޝަން ހުށަހެޅުމުން އެޅީ ފިޔަވަޅު

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗުގެ އީއާރުގައި މަސައްކަތްކުރާ ނަރުހުންގެ އިންޗާޖުގެ ފަރާތުން އެ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުން އަންނަ ކަމަށް ބުނެ، ޕެޓިޝަނެއް ހުށަހެޅި ނަރުހުންނާ ދެކޮޅަށް އެ ހޮސްޕިޓަލުން ފިޔަވަޅު އަޅައިފިއެވެ.

އެ ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ނަރުހުން އެ ހޮސްޕިޓަލުގެ މެނޭޖްމަންޓަށް ހުށަހެޅި ޕެޓިޝަން "ސަން"އަށް ވަނީ ލިބިފައެވެ.

އީއާރުގައި މަސައްކަތްކުރާ 32 ދިވެހި ނަރުހަކު ސޮއިކޮށްފައިވާ ޕެޓިޝަންގައި ފާހަގަ ކޮށްފައިވާ މައްސަލަ ތަކުގެ ތެރޭގައި ބަލިވެ އުޅޭ މުވައްޒަފުން މަސައްކަތަށް ނުކުތުމަށް މަޖުބޫރުކުރުވުމާއި، އެ ތަނުގެ ހިންގުމުގައި ވެފައިވާ އިހުމާލުތަކުގެ އިތުރުން މުވައްޒަފުންނަށް އިހާނެތިކޮށް ހިތުން ފަދަ މައްސަލަތައް ފާހަގަ ކުރެވެއެވެ.

ކިތަންމެ ބަލިވިޔަސް ސަލާމް ނުލިބޭ، ތިން ނަރުހަކު ބައިގެންދިޔަ

އެ ޕެޓިޝަންގައި ސޮއިކުރި ބައެއް ނަރުހުން ނަން ހާމަނުކުރުމަށް ޝަރުތުކޮށް "ސަން"އަށް ކިޔައިދިން ގޮތުގައި ނަރުހަކު ބަލިވެގެން ސަލާމް ބުނަން ޖެހިއްޖެ ނަމަ އަމަލުކުރަން ޖެހޭ އުސޫލު ވަރަށް ހަރުކައްޓެވެ.

"ކޮންމެ ގަޑިއަކު ވެސް މިޖެހެނީ ސީދާ އިންޗާޖަށް ގުޅަން. މެސެޖެއް ނުކުރެވޭ. އެހެން މީހަކަށް ނުއެއް އެންގޭ. ސިވިލް ސާވިސް ގަވައިދާ ވެސް ހިލާފަށް އެކަން އޮންނަނީ،" ޕެޓިޝަންގައި ސޮއިކުރި ނަރުހަކު ކިޔައިދިނެވެ.

އެ ނަރުހުން ބުނީ ގުޅާފައި ސަލާމް ހުށަހެޅުމުން ވެސް އެ ސަލާމް ބަލައިގަންނަނީ އިންޗާޖަށް އެ ނަރުހަކު ބަލިކަމަށް ގަބޫލު ކުރެވޭ ނަމަ އެކަނި ކަމަށެވެ. އަދި، ބައެއް ފަހަރު ސަލާމް ބުނުމުން ސީދާ އައިޖީއެމްއެޗަށް އައިސް ޑޮކްޓަރުގެ ލިޔުމެއް ހޯދުމުން ނޫނީ ސަލާމް ބަލައި ނުގަންނާނެ ކަމަށް ބުނާ ކަމަށް ވެސް އެ ނަރުހުން ކިޔައިދިނެވެ.

"އެކަމާ ހުރެ ބައެއް ކުދިން އެބަ ތިބި ވަރަށް ހުންގަދަ އިރު ވެސް އައިސް މަސައްކަތްކޮށްފައި. މާބަނޑު ކުދިން ވެސް ވަރަށް ހާލު ދެރަ އިރު އެބަހުރި މަސައްކަތް ކުރުވާފައި،" ނަރުހަކު ކިޔައިދިނެވެ.

އެގޮތުން، ބަލިވެ އިން ނަރުހަކު އޭނާގެ ހާލަތު ދަށް ވެގެން ޑޮކްޓަރުގެ ލިޔުމެއް ހުށަހެޅުމުން ވެސް އެ މުވައްޒަފު ޑިއުޓީއަށް ނެރެފައިވާ ކަމަށް ވެސް އެ ނަރުހުން ކިޔައިދިނެވެ.

"ބުނަނީ ބަނޑުބޮޑުވުމަކީ ބައްޔެއް ނޫނޭ. ޑިއުޓީ ވެސް ކުރެވޭނެޔޭ. ބަލިވީމަ ސަލާމް ބުނުމަކީ އަޅުގަނޑުމެންގެ ހައްގެއް. އެ ހައްގު ވެސް ނިގުޅައިގެންފައި މިވަނީ،" ނަރުހަކު ކިޔައިދިނެވެ.

އެފަދައިން މާބަނޑު ދުވަސްވަރު ބުރަކޮށް ޑިއުޓީ ކުރުވި ތިން ނަރުހަކު ބައިގެންދިޔަ ކަމަަށް ވެސް އެ ނަރުހުން ކިޔައިދިނެވެ.

މީގެ އިތުރުން ސަލާމް ނަގަން ގުޅުމުން ކިތަންމެ ޒާތީ މައުލޫމާތެއް ވިޔަސް، އެ ކަމެއްގެ ތަފްސީލު ކިޔައިދޭން ޖެހޭ ކަމަށާއި، އެ ވާހަކަތަކުގެ ސިއްރު ނުހިފެހެއްޓޭ ކަމަށް ޕެޓިޝަނުގައި ސޮއިކުރި ނަރުހުން ބުނެއެވެ.

ނަރުހުންގެ ޕެޓިޝަނުގައި ވާގޮތުން ބައެއް ފަހަރު އަހަރީ ޗުއްޓީގައި ތިބި ނަރުހުން ލައްވާ ވެސް އެކި ކަހަލަ މަސައްކަތްތައް ކުރުވުމަކީ އާންމު ކަމެކެވެ.

ހިންގުމުގައި އެތައް އިހުމާލެއް، މުވައްޒަފުންނަށް ހިތަނީ އިހާނެތިކޮށް

އައިޖީއެމްއެޗުގެ އީއާރުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަނެއް ކަންބޮޑުވުމަކީ އެތަނުގެ އިންޗާޖު ކުރަންޖެހޭ ބައެއް މަސައްކަތްތަައް އެހެން މީހުން ލައްވާ ކުރުއްވުމެވެ.

އެގޮތުން އިންޗާޖުގެ ހައިސިއްޔަތުން ފުރިހަމަކުރަން ޖެހޭ އަހަރީ ރިޕޯޓާއި، އެޕްރައިސަލް ފޯމުގެ މަސައްކަތުގައި އެހެން މުވައްޒަފުން ބައިވެރި ކުރުމުގެ ސަބަބުން އެ ލިޔުންތަކުގެ ސިއްރު ނުހިފެހެއްޓޭ ކަމަށް އެ ނަރުހުން ބުނެއެވެ.

މީގެ އިތުރުން، ތަނުގައި މަސައްކަތްކުރާ ނަރުހުންނާއި، އެޓެންޑެންޓުންނަށް ހުތުރު ބަހުން އާންމުންގެ ތެރޭގައި މުއާމަލާތުކުރާ ކަމަށް ވެސް އެ ނަރުހުން ފާހަގަ ކުރެއެވެ.

"ވަރަށް ހުތުރު އެއްޗެހި އެބަހުރި ހަމަ ބުނެފައި ހުރިހާ މުވައްޒަފުންގެ ކުރިމަތީގައި ވެސް އަދި ޕޭޝަންޓުންނާ އެންމެންގެ ކުރިމަތީގައި ވެސް. ހާއްސަ ކޮށް އެޓެންޑެންޓުން ވަރަށް ދެރަކޮށްލާފަ އިހާނެތި ބަސް ބުނޭ," ޕެޓިޝަނުގައި ސޮއިކުރި ނަރުހަކު ކިޔައިދިނެވެ.

އެގޮތުން ކޮވިޑު އެލަވަންސް އެޓެންޑެންޑުންނަށް ލިބެން ނުޖެހޭނެ ކަމަށް ބުނެ، އެ ފައިސާ ދިނުމަށް ވެސް އިންކާރުކުރި ކަމަށާއި، އެ އެލަވަންސް އެޓެންޑެންޓުންނަށް ލިބޭވަރު ވީ ޑިޕާޓްމަންޓުގައި ތިބި އެހެން ނަރުހުން ޕްރެޝަރު ކުރުމުން ކަމަށް ވެސް އެ ނަރުހުން ބުންޏެވެ.

އެ ނަރުހުން ބުނީ އެ ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ނަރުހުން އެކި މުނާސަބާތައް ފާހަގަކުރުމަށް އަމިއްލަ ފައިސާއިން އެއްކޮށްފައި ހުރި ފަންޑެއްގެ ފައިސާ ވެސް ޕެޓިޝަނާ ގުޅިގެން އެ ނަރުހުންނަށް ދޫނުކޮށް ހިފަހައްޓާފައިވާ ކަމަށެވެ.

"އެންމެ ފަހުން ބުނެފަ އޮތީ އެ ފަންޑުގައި 30،000 ރުފިޔާ ހުންނާނެއޭ. އެ ފައިސާ މިހާރު ހުންނާނެ ކަމަށް ބުނަނީ އިންޗާޖުގެ ކެބިންގައި ހުރި ވަތްގަނޑެއްގައި. އެކަމަކު އަޅުގަނޑުމެން އެތަނަށް ކޮންމެ ދުވަހަކު ވަދެ ނުުކުމެ އުޅޭ އިރު ވެސް ނުފެނޭ އެކަހަލަ ވަތްގަނޑެއް," ނަރުހަކު ކިޔައިދިނެވެ.

ޕެޓިޝަން ހުށަހެޅި ނަރުހުންނަށް އެޅީ ފިޔަވަޅު

ޕެޓިޝަން ހުށަހެޅި ނަރުހުން ބުނީ މިހާރު އެ މައްސަލައިގައި ހިމެނޭ އިންޗާޖު ހުރީ އަހަރީ ޗުއްޓީގައި ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން ދިޔަ ނަމަވެސް، އޭނަޔާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ނަރުހުން ބުނެއެވެ.

"އެންމެ ފަހުން ޖުލައި 25 ވަނަ ދުވަހު އަޅުގަނޑުމެންނަށް މެސެޖު މި އަންނަނީ މަސައްކަތްކުރާ ޑިޕާޓްމަންޓު ބަދަލުކޮށް ޝަފަލް ކުރާ ވާހަކަ. ޕެޓިޝަން ހުށަހެޅި މީހުންނަށް އެންމެ ފަހުން ފިޔަވަޅު އެޅީ," ނަރުހަކު ކިޔައިދިނެވެ.

އެ ނަރުހުން ކިޔައިދިން ގޮތުގައި އެ މައްސަލަ ނަރުހުންގެ ޑިޕާޓްމަންޓަށް ހުށަހެޅުމުން އެއީ މާކުރިން ނިންމާފައި އޮތް ނިންމުމެއް ކަމުގައި ބުނި ކަމަށެވެ. ނަމަވެސް، މަސައްކަތް ކުރާ ތަން ބަދަލުވާކަން އެންގީ ހަމައެކަނި ޕެޓިޝަންގައި ސޮއިކުރި ނަރުހުންނަށް ކަމަށާއި، އިތުރު ޑިޕާޓްމަންޓަކަށް ވެސް އެފަދަ ބަދަލެއް އަންނަ ކަމަށް އަންގާފައި ނުވާކަމަށް އެ ނަރުހުން ބުނެއެވެ.

"މިއީ ނާސަސް ޑިޕާޓްމަންޓުން އަބަދުވެސް ކަންކުރާ ގޮތް. ކިރިޔާ ވެސް މައްސަލައެއް ޖައްސައިފިއްޔާ ސްޓާފުން ފޮނުވާލަނީ އެކި ތަންތަނަށް އަދަބެއްގެ ގޮތުން," ނަރުހަކު ކިޔައިދިނެވެ.

އެގޮތުން އެ ޑިޕާޓްމަންޓުގަައި މަސައްކަތް ކުރާ އިސް ބައެއް ނަރުހުން ވެސް އީއާރުން ބަދަލުކޮށް ނުދިނުމަށް އެދި ނަރުހުންގެ ޑިޕާޓްމަންޓުގެ ވެރިންގެ ގާތަށް ދިއުމުން ވެސް ރައްދުގައި އަމާޒުވީ މަލާމާތް ކަމަށް އެ ނަރުހުން ބުނެއެވެ.

"ޝިފްޓް އިންޗާޖް ލެވެންގަ ހުރި ނަރުހަކު ވެސް ބަދަލު ނުކުރާށޭ. ތަނަށް ވަރަށް ގެއްލުންވާނެއޭ ކިޔާފަ ޑިޕާޓްމަންޓް މީހުން ކައިރިއަށް ގޮސް ރޮއެ އާދޭސްކުރީމަ ވެސް ހަމަ ހީހީފަ މަލާމާތް ކުރީ،" ނަރުހަކު ކިޔައިދިނެވެ.

އީއާރް އިންޗާޖްގެ އަމަލުތަކަށް ކެތް ނުކުރެވިގެން ގިނަ އަދަދެއްގެ ނަރުހުން އައިޖީއެމްއެޗު ދޫކޮށް އެހެން ހޮސްޕިޓަލްތަކަށް ބަދަލުވެފައިވާ ކަމަށް ވެސް ސަންއާ ވާހަކަ ދެއްކި ބައެއް ނަރުހުން ބުންޏެވެ.

"ވަރަށް ގިނަ ނަރުހުން އެބަ ތިބި ހަމަ މި ކަންކަމަށް ކެތް ނުކުރެވިގެން އެހެން ހޮސްޕިޓަލުތަކަށް ވެސް ބަދަލުވެފައި. [އިންޗާޖު] ބުނަނީ އެއީ މާބޮޑު ކަމެއް ނޫނޭ މިތަނަށް އިންޑިއާ އިން ނަރުހުން ގެންނާނަމޭ،" ޕެޓިޝަނުގައި ސޮއިކުރި ނަރުހަކު ކިޔައިދިނެވެ.

އެ ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ނަރުހުންގެ ކަންބޮޑުވުންތައް އައިޖީއެމްއެޗުގެ މެނޭޖްމަންޓުގެ އިތުރުން، ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކަށް ވެސް ހުށަހަޅާފައިވާ ކަމަށް އެ ޕެޓިޝަނުގައި ވެއެވެ.

މި މައްސަލައާ ގުޅިގެން އައިޖީއެމްއެޗުގެ ބަހެއް ހޯދުމަށް "ސަން"އިން ކުރި މަސައްކަތް މިހާތަނަށް ވަނީ ކާމިޔާބު ނުވެފައެވެ.

comment ކޮމެންޓް