ރާއްޖޭގެ އިސްލާމީ ވަހުދަތު ދެމެހެއްޓޭ ކަމަށް ޤަބޫލެއް ނުކުރަން: ނާޒިމް

ދަނގެތި ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ---

ރާއްޖޭގެ އިސްލާމީ ވަހުދަތު ދެމެހެއްޓޭ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ މިނިވަން ދުވަހާ ގުޅުވައިގެން "ސަން"އަށް ދެއްވި ޚާއްސަ އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މިނިވަންކަމާއި އިޤުތިސާދީ މިނިވަންކަމާއި ރާއްޖޭގެ އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް ޓަކައި އެމްއެންޕީ ވެރިކަމެއްގައި ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އިސްލާމްދީނާއި ދިވެހި ޤައުމާ، ރައްޔިތުން ރައްކާތެރިކޮށް، ޤާނޫނު އަސާސީ ނެގެހެއްޓުމަށް ޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ވެސް އެމްއެންޕީން، ފަސް ނުޖެހޭނެ ކަމަށެވެ.

"އެންމެ ގައުމެއްގެ މައްޗަށް ބަރޯސާ ވެފައި އޮތުމުގެ ސަބަބުން އަޅުގަނޑުމެންގެ ސަލާމަތްތެރިކަން ވެސް މިވަނީ ގެއްލިފައި. އަދި ހަމަ އެއާއެކު އަޅުގަނޑުމެންގެ އިސްލާމީ ވަޙުދަތު ދެމެހެއްޓޭ ކަމަކަށް އަޅުގަނޑު މިއަދު ގަބޫލެއް ނުކުރަން،" ނާޒިމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އިޝާރާތް ކުރައްވައި، ނަމަވެސް އެމަނިކުފާނުގެ ނަން ވިދާޅުނުވެ، ނާޒިމް ވިދާޅުވީ ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

"ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބާރު ކަނޑުވާފައި އޮތްއޮތުން ނިމުމަކަށް އަންނަން ޖެހޭ،" ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް ވިދާޅުވެ، އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ނާޒިމް ފާހަގަ ކުރެއްވީ އިޤުތިސާދީ ގޮތުން މަދު، ޤައުމުތަކެއްގެ މައްޗަށް ބަރޯސާވެ، ދިވެހި އިޤުތިސާދު މިވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީގެ ވެރިކަމެއްގައި ފުދުންތެރި ބައެއްގެ ގޮތުގައި މުޅި ޤައުމު ބިނާކޮށް، އަވަށްޓެރި ޤަމުތަކަށް ބަރޯސާ ނުވެ، ކަންކަން ބައްޓަން ކުރާނެ ކަމަށެވެ. އަދި ހަމަ އެއާއެކު މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކޮށް، ރައްކާތެރި ކުރުމަށް ޓަކައި ހޭލުންތެރި ކުރުވާ، ރައްޔިތުންނަކީ ކަންކަމަށް ސަމާލުވާ ބައެއްގެ ގޮތުގައި ހަދާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ދިވެހިންނަކީ މުސްތަޤިއްލު ސިޔާދަތީ މިނިވަންކަން އޮތް ޤައުމެއްގެ ގޮތުގައި ހަދާނަން. އެއްވެސް ބައެއްގެ ނުފޫޒެއް ނޯންނަ ޤައުމަކަށް މި ޤައުމު ހަދާނަން. އިންޝާﷲ،" ނާޒިމް ވިދާޅުވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް ވިދާޅުވީ އެމްއެންޕީގެ އަމާޒަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖެއަކީ ފުރިހަމަ މިނިވަންކަން މަތީގައި އޮންނަ ގައުމަކަށް ހެދުން ކަމަށެވެ. އެގޮތުން ބޭރުގެ އެއްވެސް ބާރަކަށް ނުވަތަ، ޤައުމަކަށް ތަބާނުވެ، ވަރަށް ހަމަހަމަ ސިޔާސަތުތަކެއް ގެންގުޅޭ ޤައުމަކަށް ރާއްޖެ ހަދާނެ ކަމަށް ވައުދުވިއެވެ.

"ޒުވާނުންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި ޖެއްސުމަށާއި، އިސްލާމީ ވަހުދަތު ވަރުގަދަ ކުރުމަށް އެމްއެންޕީން މަސައްކަތް ކުރާނަން،" ނާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރަން ޖެހުނު، ކޮންމެ ކަމެއް ކުރުމަށް އެމްއެންޕީން އަބަދު ވެސް ތައްޔާރަށް އޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުން ނާޒިމް ވިދާޅުވީ އެ ޕާޓީއަކީ ވަކި މީހެއްގެ ފަހަތުން އެނބުރޭނެ ޕާޓީއެއް ނޫން ކަަމަށެވެ. އަދި އެންމެ ބޮޑު އަމާޒަކީ ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ޤައުމަކަށް މި ޤައުމު ހެދުން ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް