މަހުގެ ވަށައިގެން ހިނގާ ކަންތައްތައް ދެނެގަތުމަށް ބޭނުންކުރާ ހިއްސުތައް

އައިން ހަދައިގެން ދަތުރުކުރާ މަސް--

ކަނޑާއި ފަރުތަކުގައި ދިރިއުޅޭ އެކިބާވަތުގެ މަސްތައް ބައްޓަން ވެފައި ހުންނަނީ އެކިގޮތަށެވެ. ބައެއް މަސް ހިމަދިގުކޮށް ހުންނައިރު އަނެއްބައި މަސް ފަތާކޮށް ހުރެއެވެ. އަދި މަސްތަކަށް އެކިކަހަލަ ކުޅަދާނަކަންވެސް ލިބިފައިވެއެވެ. ބައެއް މަސްތަކަށް އެސޮރުމެންގެ މާހައުލާ އެއްގޮތް ކުލަ އެސޮރުގެ ހަންގަނޑަށް ގެނެސް މާހުލާ އެއްގޮތްވުމުގެ (ކެމޮފްލާޖް) ގާބިލުކަން ލިބިފައިވެއެވެ. އަނެއްބައި މަސްތަކަށް (މިޔަރު) އެހެން ދިރޭތަކެތިން ބޭރުކުރާ ކުދިކުދި ކަރަންޓު ޕަލްސްތައް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވެއެވެ. އާއްމުކޮށް ގާތްގަނޑަކަށް ހުރިހާ މަހަކަށްހެން އެސޮރުމެންގެ މާހައުލުގައި ހިނގާ ކަންތައްތައް ދެނެގަތުމުގެ ކުޅަދާނަކަން ލިބިފައިވެއެވެ. ވަށައިގެންވާ މާހައުލުގައި ހިނގާ ކަންކަން ދެނެގަތުމަށް އެކިބާވަތުގެ މަސް 5 ހިއްސެއްގެ ބޭނުން ހިފައެވެ. އެއީ ލޯ، ނޭއަރސް، ދޫ، ކަންފަތް، އަދި ހިއްސު ރޮނގެވެ.

ލޯ

މަހުގެ ލޯ އިންސާނުންގެ ލޮލާ ވަރަށް އެއްގޮތެވެ. މައިގަނޑު ތަފާތަކީ ލޮލުގެ ލެންސުގެ ބައްޓަމެވެ. އިންސާނުންގެ ލެންސް ހުންނަނީ ޑިސްކަކާ އެއްކަހަލަ ގޮތަކަށެވެ. މަހުގެ ލެންސް ހުންނަނީ މުޅިން ވައްކޮށް ބޯޅައެއްގެ ސިފައިގައެވެ. އަނެއް ތަފާތަކީ އިންސާނުންނާ ހިލާފަށް މަހުގެ ގިނަ ބާވަތްތަކަށް ލޯމަރާލުމުގެ ގާބިލުކަމެއް ލިބިފައެއް ނުވެއެވެ. އެއީ އިންސާނުންގެ ހުންނަފަދަ "އައިލިޑް" މަހުގައި ނުހުންނާތީއެވެ. ނަމަވެސް މިއަރުގެ ބައެއް ބާވަތްތަކަގެ ލޮލުގައި ލައްޕާލެވޭ ދުލިފަށެއް (ނިކްޓިޓޭޓިން މެމްބްރޭން) ހުރެއެވެ. ބައެއް މަސްތަކަށް ފެންނަނީ "ބްލެކް އެންޑް ވައިޓް" ކޮށެވެ. ނަމަވެސް އަނެއްބައި މަސްތަކަށް އެކިކުލަތަކުގެ އަލި ދެނެގަތުމުގެ ގާބިލުކަން ލިބިފައިވެއެވެ. ބައެއް މިޔަރަށް ރޭގަނޑު ވަރަށް ފަނޑު އަލީގައިވެސް އެއްޗެހި ފެނެއެވެ. މިފަދަ މިއަރުގެ ލޮލުގައި ހާއްސަވެފައިވާ ދެބައެއް ހުރެއެވެ. އެއީ ދުވާލު ބެލުމަށާއި ރޭގަނޑު ފަނޑު އަލީގައި ބެލުމަށް ހާއްސަވެފައިވާ ބައެވެ. މިއަރަށް ލިބިފައިވާ އަނެއް ހާއްސަ ސިފައަކީ އެސޮރުގެ ލޮލަށް ނުރައްކާވާ ކޮންމެ ހިނދަކު އެ ސޮރުގެ ލޯ އެތެރެއަށް (ރައްކާތެރި ސޮކެޓެއްގެ ތެރެއަށް) ވައްދާލައެވެ.

ވޮށިމަސް

ނޭއަރސް (ނޭފަތް)

މަސް ވަސް ބެލެމަށް ބޭނުންކުރަނީ މަހުގެ ލޮލާދިމާ ކުރިމަތީ އަނގައިގެ މަތީ ހުންނަ ހަތަރު ލޯވަޅު – ނޭއަރސްއެވެ. މިޔަރުގައި މިލޯވަޅުތައް ހުންނަނީ ތުންގަނޑުގެ ދަށްފަރާތުގައެވެ. މިލޯވަޅުތަކާ ދިމާލު ހަންގަޑުގެ ދަށުގައި ކުދިކުދި ސެކްތަކެއް ހުރެއެވެ. މި ސެކްތަކުގައި ވަސްބެލުމަށް ބޭނުންކުރާ ސެލްތައް (ރިސެޕްޓަރސް) ހުރެއެވެ. މަހުގެ ނޭއަރސް ގެތެރޭން އެންމެ ކުރިއަށް ހުންނަ ދެލޯވަޅުން ލޮނު ވައްދާ ފަހަތުގައި ހުންނަ ދެލޯވަޅުން ލޮނު ބޭރުކުރެއެވެ. ލޮނުގަނޑު ސެކްތަކުގެ ތެރޭން ދައުރުކުރާއިރު ލޮނުގަނޑުގައި ހުންނަ ވަސް ދެނެގަނެއެވެ. އަދި މި މައުލޫމާތު މަހުގެ ސިކުނޑިއަށް 'އޮލްފެކްޓޮރީ' ނާރު މެދުވެރިކޮށް ފޮނުވައެވެ. ބައެއް ބާވަތުގެ މަހުގެ (މިޔަރު) ވަސް ދެނެގަތުމުގައި ވަރަށް ކުޅަދާނައެވެ.

ދޫ

އެކިބާވަތުގެ ރަހަތައް ދެނެގަތުމަށް ތުންގަނޑު، އަނގަ، ދޫ އަދި ކަރުތެރެ މަސް ބޭނުންކުރެއެވެ. އިންސާނުންގެ ދުލުގައި ރަހަބެލުމަށް ބޭނުންކުރާ ސެލްތައް ހުންނަކަހަލަ ގޮތަކަށް މަހުގެ ދުލުގައިވެސް ރަހަބެލުމަށް ބޭނުންކުރާ ސެލްސް (ރިސެޕްޓަރސް) ހުރެއެވެ. ބައެއް މަސް އެސޮރުމެންގެ ތުންގަނޑު، ކާނާގައި ޖައްސާލައިގެން ރަހަ ދެނެގަނެއެވެ. އަދި ހަމަ މިފަދައިން މަސްބޭނުމަށް ބޭނުންކުރާ ވަދު ނުވަތަ އެން ފަދަތަކެތީގެ ރަހަވެސް ދެނެގަނެއެވެ. ކެޓްފިޝް އަދި ކަޅުއޮށް ފަދަ މަސް އެސޮރުމެންގެ އަނގަކައިރީ ހުންނަ ނަރުވާގެ އެހީގައި ރަހަ ދެނެގަނެއެވެ. މި ނަރަވާތައް ބޭނުންކުރަނީ ވެލިގަނޑުތެރޭގައި ވަޅުލެވިފައި ހުންނަ ކާނާ ހޯދުމަށެވެ. އިންސާނުންގެ ދުލާ ހިލާފަށް މަހުގެ ދޫ ވަކިން ހަރަކާތެއް ނުކުރެއެވެ. ދޫ ހަރަކާތް ކުރަނީ މަހުގެ ތިރީތައްޔާ އެކުގައެވެ.

ކަންފަތް

މަހުގެ ވަށައިގެން އިވޭ އަޑުތައް ދެނެގަތުމަށް އެސޮރު ބޭނުންކުރަނީ މަހުގެ ބޮލުތެރޭގައި ހުންނަ ކަންފަތް (އިނަރ އިއަރ – އޮޓޯލިތް) އަދި މަހުގެ ބޭރުގައި ހުންނަ ހިއްސު ރޮނގު (ލެޓެރަލް ލައިން) އެވެ. މަސް މޫދުގައި ދަތުރުކުރާއިރު އޮޓޯލިތްގައި ހުންނަ ކުދިކުދި އިސްތަށިތައް (ސީލިއާ) އެކިގޮތްގޮތަށް ހެލުވެއެވެ. އަދި މި ހެލުންތަކުން އެސޮރުގެ ވަށައިގެންވާ މާހައުލުގެ އަޑުތައް ދެނެގަނެއެވެ. ބައެއް މަހުގައި މިފަދަ އަޑުތައް ދެނެގަތުމުގެ ގާބިލުކަން މާބޮޑަށް ތަރައްގީވެފައި ހުރެއެވެ. ފާހަގަ ކުރެވޭ ގޮތުގައި މިފަދަ މަހުގައި 'ސުވިމް ބްލެޑަރ' ހުންނަނީ އޮޓޯލިތް ކަށިކޮޅާ ކައިރީގައެވެ. ކާޕް އަދި ކެޓްފިޝްގެ ބާވަތްތަކުގައި ސްވިމް ބޮލެޑަރ ހުންނަނީ ކަށިކޮޅުތަކަކުން އޮޓޯލިތާ ގުޅިފައެވެ. އެހެންވުމުން މިފަދަމަހަށް އަޑުތައް ދެނެގަތުމުގެ ގާބިލުކަން މާބޮޑަށް ލިބިފައިވެއެވެ. ކުދި ސްވިމް ބްލެޑަރ ހުންނަ ނުވަތަ ސްވިމް ބްލެޑަރ ނުހުންނަ މަހަށް (ފަތާކޮށް ހުންނަ މަސް) އަޑުތައް އިވުމުގައި އުނދަގޫތަކެއް ހުރެއެވެ. އަޑު ފެނުތެރޭ ދަތުރުކޮށް ސްވިމް ބްލެޑަރގައި ޖެހުމުން ޕަލްސް ތަކެއް (ވައިބްރޭޝަން) އުފެދެއެވެ. އަދި މި ޕަލްސްތައް މަހުގެ އޮޓޯލިތުން ދެނެގަނެ މި މައުލޫމާތު ސިކުނޑިއަށް ފޮނުވައެވެ.

ފިލޮޅު

ހިއްސު ރޮނގު (ލެޓެރަލް ލައިން)

ހުރިހާމަހެއްގެ މަތީފަރާތުގައި މަހުގެ ބޮލުންފެށިގެން ނަގުލާ ހިސާބަށް މަހުގެ ދެފަރާތުގައި ދެރޮނގު ހުރެއެވެ. މިއީ މަހުގެ ހަންގަނޑަށްވުރެ ތަންކޮޅެއްބޮޑަށް އުފުލިފައި ހުންނަ ސެލްތަކެއް ހިމެނޭ ދެރޮނގެވެ. ހިއްސު ރޮނގުގައި ހިމެނެނީ މިއުކަސް އެކުލެވިފައިވާ ހިމަހޮޅިއެކެވެ. އަދި މަހުގެ ވަށައިގެންވާ މާހައުލާ ގުޅިފައިހުންނަނީ މިހޮޅީގައި ހުންނަ ލޯވަޅުތަކަކުންނެވެ. މިހޮޅީގެ ތެރޭގައި ހާއްސަ ސެލްތަކެއް (ސެންސަރީ ރިސެޕްޓަރސް / ނިއުރޯމަސްޓް) ހުރެއެވެ. އަދި މިސެލްތަކުގައި ކުދިކުދި އިސްތަށިތައް (ސީލިއާ) ހުރެއެވެ. މި އިސްތަށިތައް އެކިގޮތްގޮތަށް ހެލުމުން މަސް އެސޮރުގެ މާހައުލުގައި ހިނގާ ކަންތައްތައް ދެނެގަނެއެވެ. ހިއްސު ރޮނގުގެ އެހީގައި އޮއިވަރު (ވޯޓަރ ކަރަންޓް)، ލޮނުގަނޑުގެ ލޮނުކަން، ލޮނުގަނޑު ނުސާފުވެ ތަންތަން ނުފެންނައިރު / ކަނުއަނދިރީގައި މަހުގެ މިސްރާބު، އަދި ވަށައިގެންވާ މާހައުލުގައި ހުންނަ ތަކެތި ދެނެގަނެއެވެ. މީގެ އިތުރުން ފެނުގެ ޕުރެސަރ، ފިނިހޫނުމިން، ޝިކާރަކުރާ ކާނާ އަދި ހަމަލާދޭން އަންނަ ތަކެތީގެ ހަރަކާތްތައް ދެނެގަނެއެވެ. މަސްތައް އައިން ހަދައިގެން އެކުގައި ދަތުރުކުރާއިރު ހިއްސު ރޮނގުގެ ބޭނުން ވަރަށްބޮޑަށް ހިފައެވެ. އެއްމަސް އަނެއްމަހާ ހުންނަ ދުރުމިން އެއްވަރަކަށް ބެހެއްޓުން އަދި އެއްމިސްރާބަކަށް ދަތުރުކުރުމަށް މި ރޮނގުގެ ބޭނުންކުރެއެވެ. ހިއްސު ރޮނގުގެ އެހީގައި ބައެއްބާވަތުގެ މިޔަރު އެސޮރު ޝިކާރުކުރާ ކާނާގެ ސައިޒު އަދި ދަތުރުކުރާ މިސްރާބު ގާތްގަނޑަކަށް 250 މީޓަރު ދުރުން ދެނެގަނެއެވެ.

އިންސާނުންނަށް ލިބިފައިނުވާ ހާއްސަ ހިއްސެއް މިޔަރަށް ލިބިފައިވެއެވެ. ވަށައިގެންވާ މާހައުލުގައި ހިމެނޭ ފަނޑު އިލެކްޓްރިކް ފީލްޑް ދެނެގަތުމުގެ ގާބިލުކަން މިޔަރަށް ލިބިފައިވެއެވެ. މިޔަރުގެ ނިއްގަނޑުގައި ހާއްސަ ސެލްތަކެއް (އެމްޕިއުލޭ އޮފް ލޮރެންޒިނީ) ހުރެއެވެ. މި ސެލްތަކުގެ އެހީގައި މިޔަރުގެ މާހައުލުން އަންނަ ކަރަންޓު ޕަލްސްތަކުގެ ބާރުމިން އަދި ކަރަންޓު އަންނަ މިސްރާބު ދެނެގަނެއެވެ. މި ޕަލްސްތަކުގެ އެހީގައި މެގްނެޓިކް ފީލްޑްތައް ދެނެގަނެ މިޔަރު އެސޮރުގެ ވަށައިގެންވާ މާހައުލުގެ ޗާޓެއް އެސޮރުގެ ސިކުނޑީގައި އެކުލަވާލައެވެ. އަދި މިޗާޓުގެ އެހީގައި މާކަނޑުގައި ދުރު ސަރަހައްދުތަކަށް ދަތުރުކުރެއެވެ. އަދި ކާނާ ހޯދުމަށާއި ޝިކާރުކުރުމުގައި މި ސެލްތަކުގެ އެހީ ހޯދައެވެ.

ކަނޑުގެ މާހައުލުގައި ލައްވާފައިވާ ކޮންމެ ދިރޭއެއްޗަކީ މާހައުލީނިޒާމުތަކުގައި މުހިންމު ރޯލުތަކެއް އަދާކުރާ ތަކެއްޗެވެ. އެސޮރުމެންނަށް އެކިކަހަލަ ގާބިލުކަން ދެއްވާފައި ވެއެވެ. އަދި އަހަރެމެން އިންސާނުނަށް މުހިންމު ހިދުމަތްތަކެއް އެސޮރުމެން ފޯރުކޮށްދެއެވެ.

comment ކޮމެންޓް