ދިރާސާކުރުމަށް ބޭނުންކުރާ ސަބްމާސިބަލް

އޮރޭލިއާ ސަބް ކަނޑަށް ބާލަނީ

ދުނިޔޭގެ އެކިހިސާބުތަކުގައި އެކިބާވަތުގެ އުޅަނދުތައް ކަނޑުގެ ދިރާސާކުރުމުގައި ބޭނުންކުރެއެވެ. އެގޮތުން ދާދިފަހުން ދިވެހިރާއްޖޭގައި ކުރެވުނު ދިރާސާތަކުގައި ފުންކަނޑުގެ އަޑިއަށް ފީނާ، މައުލޫމާތު އެއްކޮށް އެކިބާވަތުގެ ސާމްޕަލް ކަނޑުގެ އަޑިން ނެގުމަށް ދެ ސަބްމާސިބަލް ބޭނުންކުރެވުނެވެ. ނެކްޓަން އެކްސްޕެޑިޝަންގައި ބޭނުންކުރެވުނީ ރެވް އޯޝަންގެ ސަބްމާސިބަލް އޮރޭލީއާ އާއި އޮމެގާއެވެ. މިދެ ސަބްމާސިބަލް އަކީވެސް އެންމެ މިޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ފުންކަނޑުގެ ދިރާސާތައް ކުރުމަށް ޚާއްސަކުރެވިގެން ތައްޔާރުކޮށްފައިވާ ސަބްމާސިބަލްއެވެ. މިކުންފުނިން މީގެކުރީގައި 6000 މީޓަރު އަޑިއަށް ފީނޭ ސަބްމާސިބަލް – ރޮވް އާރޯރާ އުފައްދާފައި ވެއެވެ.

މިސަބްމާސިބަލާއި ރާއްޖޭގައި ބޭނުންކުރި މިކުންފުނީގެ އުޅަނދުތަކާހުރި މައިގަނޑު ތަފާތަކީ ރޮވް އާރޯރާ ހުންނަނީ ޓެތަރޑް މެނޭޖްމެންޓް ސިސްޓަމަކުން ސަބްލޯންޗުކުރާ އުޅަނދާ ގުޅާލާފައެވެ. ނަމަވެސް މިފަހަރު ރާއްޖޭގައި މިބޭނުންކުރި ދެސަބަކީ އޮޓޯނަމަސް (އޭގެއަމިއްލަ ޒާތުގައި މަސައްކަތްކުރާ) ސަބެވެ. މައިއުޅަނދާ ގުޅިފައިވާ އެއްވެސް ކޭބަލެއް ނުހުރެއެވެ.

އޮރޭލިއާ ސަބް ކަނޑުއަޑިއަށް ފީނުމަށް ތައްޔާރުވަނީ

އޮރޭލިއާ ސަބްމާސިބަލް އަކީ 2286 މީޓަރަށް (7500 ފޫޓަށް) ފީނުމުގެ ގާބިލުކަން ލިބިފައިވާ ސަބްމާސިބަލް އެކެވެ. މިފަދަ ސަބްތަކުގައި ފީނެނީ އެއްފަހަރާ ތިން މީހުންނަށެވެ. އެއީ އެއް ޕައިލެޓާ ދެ ފަސިންޖަރުން / ސައެންޓިސްޓުނެވެ. މިސަބް ދުވާ އެންމެބާރު މިނަކީ ތިން ނޮޓެވެ. މުޅިސަބްގެ ބަރުދަނުގައި ގާތްގަނޑަކަށް 10 ޓަނު ހުރެއެވެ. އެހެންކަމުން ބޯޓުން ސަބް މޫދަށް ބޭލުމަށް ޚާއްސަކުރޭނެއް ބޭނުންކުރެއެވެ. ސަބްގެ އަގަކީ 7 – 10 މިލިއަން ޔޫއެސް ޑޮލަރެވެ. ސަބާއެކު އަބަދުވެސް މަސަކަތްކުރާ ޓީމެއް އޮވެއެވެ. އެއީ ޕައިލެޓުގެ އިތުރުން ސަބުގެކަންކަން ބަލަހައްޓާ އިންޖިނިއަރުންނެވެ. މި މީހުންނަކީ ސަބަށްދިމާވެދާނެ އަދި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަބަދުވެސް މަސަކަތްކުރާ މީހުންނެވެ.

ސަބްގެ އެކްރެލިކް ޑޯމް

ސަބްގެކުރިމަތި (ޑޯމް) ތައްޔާރުކުރެވިފައި ހުންނަނީ ސަބްގެއެތެރޭގައި ތިބޭމީހުންނަށް ވަށައިގެން ވަރަށްބޮޑު ސަރަހައްދެއް ފެންނަހެނެވެ. މިޑޯމް ހަދާފައި ހުންނަނީ 11.8 އިންޗި (300 މިލިމީޓަރު) ބޯމިންހުންނަ އެކްރަލިކްއިންނެވެ. ސަބް ދަތުރުކުރަނީ ބެޓެރީގެ އެހީގައެވެ. މައިބެޓެރީ ވިއުގަގެ ބާރަކީ 30 ކިލޯވޮޓެވެ. ސަބް ދުއްވާ ޕައިލޮޓް ސަބްކޮންޓްރޯލް ކުރުމަށް ބޭނުންކުރަނީ ޖޮއިސްޓިކެކެވެ. ސަބުގެ މިސްރާބު ބަދަލުކޮށް އެކިދިމަދިމާލަށް ދަތުރުކުރަނީ މިޖޮއިސްޓިކުގެ އެހީގައި ކޮންޓްރޯލްކުރާ ބުރަފަތިތަކުންނެވެ. ސަބްއުޅޭ ފުންމިނާ، އުޅޭ ސަރަހައްދުގެ ޕުރެޝަރު އަދި ފިނިހޫނުމިން ދައްކައިދޭ ފެނަލްބޯޑެއް ޕައިލެޓަށް ފެންނަހެން ހުރެއެވެ.

ސަބްގެ އެތެރޭގެ ޕުރެޝަރ އަބަދުވެސް ހުންނަނީ އަހަރެމެން އާއްމުކޮށް ދުނިޔޭގެ ބިންމަތީ ތަޖުރިބާކުރާ ޕުރެޝަރެވެ. އެއީ 1 އެޓްމޮސްފިއަރ އެވެ. އެހެންވުމުން ސަބް ކިތަންމެ ފުނަށް ފީނިއަސް ސަބްގެ އެތެރޭގައިތިބޭ މީހުންނަށް އެއްވެސްކަހަލަ ޕުރެޝަރު ތަފާތުވުމެއް އިހުސާސެއް ނުކުރެވެއެވެ. ސަބްގެ އެތެރެ ހުންނަނީ އޭގެތެރޭ ތިބޭމީހުންނަށް އެންމެފަސޭހައިން ނޭވާލެވޭގޮތަށް ވައި ލިބޭނެހެން ތައްޔާރު ކޮށްފައެވެ. ސަބުގައި ހަތަރު ދުވަހު ބޭނުންކުރާނެވައި، ސިލިންޑަރުތަކުގައި ރައްކާކުރެވިފައި ހުރެއެވެ. އެއީ އެއްވެސްކަހަލަ ނުރައްކަލެއް (އެކްސިޑެންޓެއް) ދިމާވެ ކަނޑުގެ ފުންހިސާބުތަކުން ސަބް މައްޗަށް ނޭރުނަސް ސަލާމަތް ކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް ވަގުތުދިނުމަށެވެ. ރާއްޖޭގައި މި ސަބްމާސިބަލްތައް އާއްމުކޮށް ފީނީ 500 މީޓަރު އަޑިއަށެވެ. އަދި ރައްކާތިރިކަން އިތުރުކުރުމުގެ ގޮތުން އަބަދުވެސް ފީނަނީ ދެ ސަބް އެކީގައެވެ.

ސަބްގައި ހަރުކޮށްފައި ހުންނަ ވީޑިއޯކެމެރާތަކުގެ އެހީގައި ސައެންސެވެރިން ސަބް ބޭނުންކޮށްގެން މައުލޫމާތު އެއްކުރެއެވެ. މިގޮތަށް ނަގާ މައުލޫމާތު ހުންނަނީ ސަބްގައި ހުންނަ ހާޑްޑިސްކެއްގައި ރައްކާކޮށްފައެވެ. އަދި ސަބް ފެނުންމައްޗައް އެރުމުން، ސަބް ގާއިމުވެފައި އޮންނަ އުޅަނދަށްނެގުމަށްފަހު އެތެއްޓެރަބައިޓްގެ ރެކޯޑިން ޑައުންލޯޑުކުރެއެވެ. އެއަށްފަކު މި ވީޑިއޯތައް ބަލާތަހުލީލު ކުރެއެވެ. މިގޮތަށް ކަނޑުގެ ފުންހިސާބުތަކުގައި ވީޑިއޯ ޓްރާންސެކްޓް އަޅާ މައުލޫމާތު އެއްކުރެއެވެ. ސަބްއަޑިއަށްދާއިރު ސަބުގައި މައުލޫމާތު އެއްކުރުމަށް ހަރުކޮށްފައި ހުންނަ އާލާތްތަކަށް ގެއްލުންނުވާވަރު ބަލައިގެން އަޑިއަށް ފީނުމަށް ފަރުވާތެރިވެއެވެ.

މައުލޫމާތު އެއްކުރުމަށް ހަރުކުރިފައިވާ ކެމެތާތައް، ސާމްޕަލްނަގަން ބޭނުންކުރާ އާރމް، އަދި ސާމްޕަލް އަޅާ ބާސްކެޓް

ފުންކަނޑުގެ އަޑިން ސާމްޕަލް ނެގުމަށް ބޭނުންކުރަނީ ސަބްގެ ބޭރުގައި ހަރުކުރެވިފައި ހުންނަ ރޮބަޓް އާރމް (މަސްނޫއީ އަތެއް) އެކެވެ. ސަބްގެ އެތެރޭގައި އިންނަ ސައެންޓިސްޓު ފާހަގަކުރާ ދިރޭތަކެތި އެ އާމްގެ އެހީގައި ނަގާ ސަބްގެ ބޭރުގައި ހުންނަ ވަށިގަންޑަށް ލަނީއެވެ. އެކްރެލިކުން ހަދާފައިވާ ސަބްގެޑޯމް ބޯވުމުން ސަބްގެ އެތެރޭގައިތިބޭ މީހުންނަށް ކަނޑުތެރޭ، ސަބުގެ ބޭރުގައި ހުންނަތަކެތި ފެންނަނީ ވަރަށް ކުދިކޮށެވެ. އެހެންވުމުން ބައެއްފަހަރު ނަގަން މަސަކަތްކުރާ ސާމްޕަލް، ސަބްގެބޭރުގައި ހުންނަ ވަށިގަނޑަށް ލުމަށްވެސް އުދަގޫ ވެއެވެ. މިސާޕަލްތައް މައިއުޅަނދަށްގެނެސް ރައްކާކުރުމަށްފަހު ފަހުން ތަހުލީލުކުރެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދިރާސާތައް ކުރިއަށް ގެންދިއުމަށް މިފަދަ ސަބްމާސިބަލް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އަދި މިހާތަނަށް ކަނޑުތަކުގެ 80 ޕަސެންޓް ވަނީ ދިރާސާނުކުރެވިއެވެ.

comment ކޮމެންޓް