މަސްވެރިކަން އާލާކުރުމަށް 'ސްޓޮކް އެންހާންސްމެންޓް'

އަލްގޭ އުފެއްދުން

ދުނިޔޭގެ ހުރިހާ ހިސާބުތަކުގައިހެން އަންނަނީ މަސްވެރިކަން ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. މަސްވެރިކަމުގައި ބޭނުންކުރާނެ އާ ޓެކްނޮލޮޖީތައް އީޖާދުކޮށް ތައާރަފުކުރަމުންނެވެ. މަސް ހޯދާ ހިފުމަށް ބޭނުންކުރާ އާލާތްތަކުގެ ގާބިލުކަން އިތުރުކޮށް މަސްކަނޑުތަކުން އަދި ފަރުތަކުން ހިފާމަސް ދުވަހުންދުވަހަށް އިތުރުކުރުމަށް އެތައް ހޭދައެއް ކުރަމުންނެވެ. މި ދިވެހިރާއްޖޭގައި ވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިފާ މަހުގެ ބާވަތްތަކާއި މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މަސްވެރިކަން ފުޅާވެ، މަސް އަތުލައި ގަތުމުގެ ގާބިލުކަން އިތުރުކުރުމުގެ ސަބަބުން މަހުގެ އާބާދީއަށްކުރާ ނޭދެވޭ އަސަރު ބައެއް ގައުމުތަކުން ތަޖުރިބާކޮށްފައި ވެއެވެ. މީގެ ތެރޭގައި ދުނިޔޭގެ ފެންވަރުގައި މަސްވެރިކަން މެނޭޖުކުރުމުގައި އެންމެ ފުންނާބުއުސް ގައުމުތަކުގެ ގޮތުގައި ފާހަގަކުރެވޭ ބައެއް ގައުމުތައްވެސް ހިމެނެއެވެ.

މަސްވެރިކަމުގައި ހިފާ ބާވަތްތަކުގެ އާބާދީ ދަށްވުމުން ނުވަތަ ހިފޭ މިންވަރު މަދުވުމުން މަސްވެރިކަން އާލާކުރުމަށް އެކިބާވަތުގެ ކަންތައްތައް ކުރެއެވެ. އޭގެތެރޭގައި މަސްވެރިކަން ދުވަސްކޮޅަކަށް ހުއްޓާލުން، މަސްވެރިކަމުގައި ވަކިބާވަތުގެ އާލާތް ނޫނީ ބޭނުންނުކުރުން، ވަކިސައިޒަކުން މަތީގެމަސް ނޫނީނުހިފުން ފަދަކަންކަން ހިމެނެއެވެ. މިދިވެހިރާއްޖޭގައިވެސް ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ކުރުމަށް އަދި މަސްވެރިކަމުގައި ހިފާބާވަތްތަކުގެ އާބާދީއަށް ނޭދެވޭ އަސަރު ކުރާ މިންވަރު ކުޑަ ކުރުމަށް ތަފާތު ފިޔަވަޅުތައް އެޅިފައިވެއެވެ. އޭގެ ތެރޭގައި މަސް ބޭނުމަށް ބުޅިކަންވާރު ބޭނުންކުރުމާއި މަސް ހިފުމަށް އެއްވެސް ބާވަތެއްގެ ބޮޑެތިދާ (ބޮޑުދާ - ޕާސްސެއިން، ކަރުމަޅިދާ - ގިލްނެޓް، ކަނޑުގައި ދަމާދާ - ޓްރޯލްނެޓް) ބޭނުން ނުކުރުން ހިމެނެއެވެ.

މަސްވެރިކަން ވަކިވަރަކަށް ވުރެ ފުޅާކުރުމުން ދުނިޔޭގެ ބައެއް ހިސާބުތަކުގައި މަސްވެރިކަން ހީނަރުވެފައިވެއެވެ. އަދި ބައެއް ހިސާބުތަކުގައި މަސްވެރިކަން އެއްކޮށް ހުއްޓާލަން ޖެހިފައިވެސް ވެއެވެ. މިގޮތަށް މަސްވެރިކަމަށް އަންނަ ހީނަރުކަން ކުޑަކުރުމަށް ދުނިޔޭގައި އެންމެ ތަރައްގީވެފައިވާ ގައުމުތަކުގައި ކުރާއެއްކަމަކީ 'ސްޓޮކް އެންހޭންސް' ކުރުމެވެ. މިކަން ދުނިޔޭގައި އެންމެ ފުރަތަމަ ކުރަން ފަށާފައިވަނީ 1870 ގެއަހަރުތަކުގެ ތެރޭގައެވެ. މިޒަމާނުގައި މިކަންކުރުމުގެ މައިގަނޑު ތިންބޭނުމެއްވެއެވެ.

  • ކަނޑުގެ ގުދުރަތީ މާހައުލުގައި އުޅޭ ތަކެތީގެ އާބާދީ އިތުރުކުރުން
  • މަސްވެރިކަމުގައި ހިފާ މިންވަރު އިތުރުކުރުން
  • ނެތިގެން ހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ ތަކެތީގެ އާބާދީ އިތުރުކޮށް އެތަކެތީގެ އާބާދީ ކުރިންހުރި މިންވަރަށް ރުޖޫއަކުރުން

މިހާރުވެސް 70 ވަރަކަށް ގައުމުން 'ސްޓޮކް އެންހޭންސް' ކޮށްގެން މަސްވެރިކަމުގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ. މީގެތެރޭގައި ޖަޕާނު، ކޮރެއާ، ޓައިވާނު، ޗައިނާ އަދި އެފްރިކާއާއި ޔޫރަޕާއި އެމެރިކާ ބައްރުގެ ގައުމުތައް ހިމެނެއެވެ. އެފްއޯއޭއިން ބުނާގޮތުގައި އެކި ގައުމުތަކުން 187 ތަފާތު ބާވަތުގެ ދިރޭތަކެތީގެ 'ސްޓޮކް އެންހޭންސް' ކުރުމުގެ މަސައްކަތް ކުރެއެވެ. މީގެތެރޭގައި ހިމެނެނީ:

  • މޮލަސްކް – ގާހަކަ، އެކިބާވަތުގެ ރިންދަލި ފަދަ ތަކެތި
  • ކްރަޝްޓޭށިއަން – ޕްރޯންސް، ޝްރިމްޕް، އިހި ފަދަތަކެތި
  • މޫދު/ ކަނޑުގައި ދިރިއުޅޭ އެކިބާވަތުގެ މަސް
  • ސެމަން

މީގެ ތެރެއިން އެންމެގިނަ ބާވަތްތައް މޫދަށް/ކަނޑަށް ދޫކުރާ ގައުމުތަކަކީ – ޖަޕާނު (72 ބާވަތް)، ޓައިވާން (24 ބާވަތް)، އެމެރިކާ (22 ބާވަތް)، ސައުތުކޮރެއާ (14 ބާވަތް) އަދި އޮސްޓްރޭލިއާ (7 ބާވަތް) އެވެ. މީގެން ދޭހަވާ އެއްކަމަކީ ދުނިޔޭގެ އެކިގައުމުތަކުގައި އެގައުމުތަކުގެ މަސްވެރިކަމުގެ ހާލަތު ރަނގަޅުކުރުމަށް، 'ސްޓޮކް އެންހޭންސް' ކުރުމުގެ މަސަކަތް ފުޅާކޮށްފައިވާ މިންވަރެވެ. އަދި އެކި ގައުމުގަތުގައި މަސްވެރިންގެ އާމްދަނީ އިތުރުކުރުމަށް، ކާނާގެ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަދި ގައުމަށް އިގްތިސާދީ ނަފާހޯދުމަށް 'ސްޓޮކް އެންހޭންސް' ކުރުމުގެ މުހިންމުކަމެވެ.

ދުނިޔޭގެ ފެންވަރުގައި 'ސްޓޮކް އެންހޭންސް' ކުރުމުގެ މަސައްކަތް ފުޅާކުރުމަށް އެކި ގައުމުތަކުން ދިރާސާތައް އެންމެ ގިނައިން ހިންގާފައިވަނީ 1970 އަދި 1980ގެ އަހަރުތަކުގެ ތެރޭގައެވެ. މިގޮތުން އެކިބާވަތުގެ ދިރޭތަކެތި ވިއްސާ ވަކިވަރަކަށް ބޮޑުކުރުމަށްފަހު އެ ތަކެތީގެ ގުދުރަތީ މާހައުލައް ތައާރަފުކުރުމުން މާހައުލީ ނިޒާމަށް އަންނަ ބަދަލުތަކާއި މަސްވެރިންނަށް ކުރާ ފައިދާތައް ދިރާސާކުރެވިފައިވެއެވެ. އޭގެތެރެއިން މަސް ހިފައިވިއްކައިގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކާއި ރެކްރިއޭޝަން (ކުޅިވަރަށް) މަސްވެރިކަންކުރާ ފަރާތްތަކަށް ލިބޭ ފައިދާތައް ދިރާސާ ކުރެވިފައިވެއެވެ. މިފަދަ ދިރާސާތަކުން އިގްތިސާދީ ގޮތުން އެންމެ ފައިދާހުރި އަދި މާހައުލީ ނިޒާމަށް އެންމެ ގެއްލުން ކުޑަކޮށް 'ސްޓޮކް އެންހޭންސް' ކުރެވޭނެގޮތްބަލާ އެކި ބާވަތުގެ މަސްމަހާމެހީގެ އާބާދީ އިތުރުކުރުމަށް އެކި ގައުމުތަކުން މިހާރުވެސް މަސައްކަތް ކުރެއެވެ.

ދިވެހިރާއްޖޭގައި ކުރާ އެކިބާވަތުގެ މަސްވެރިކަން ފުޅާވެ އަދި އެކިބާވަތުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އާބާދީ ދުވަހަކު އިތުރުނުވާވަރަށް މިހާރުވަނީ އިތުރުވެފައެވެ. ފަރުތަކުން ހިފާ / ބާނާ މަހުގެ މިންވަރުގެ ހަގީގީ ތަފާސް ހިސާބު ރަނގަޅަށް ނޭގުމުގެ ސަބަބުން ފަރުމަހުގެ މަސްވެރިކަން ފުޅާވެފައިވާ މިންވަރު އެންމެ ފުރިހަމައަށް ނޭނގުނަސް ރެކްރިއޭޝަން މަސްވެރިކަން އަދި ފަރުމަހުގެ ބާވަތްތައް ރާއްޖޭގެ ރިސޯޓްތަކަށް އަދި ރާއްޖޭން ބޭރުކުރުމަށް ހިފާ މިންވަރު ވަރަށްބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ މަސްވެރިކަންކުރާ ފަރާތްތަކުން ބުނާގޮތުގައި ފަރުމަހުގެ މަސްވެރިކަން އަންނަނީ ހީނަރުވަމުންނެވެ. މަސްބޭނުމަށް ކުރަންޖެހޭ މަސައްކަތް އަންނަނީ އިތުރުވަމުންނެވެ. މަސްހޯދުމަށް ކުރަންޖެހޭ ހޭދަ އަންނަނީ ބޮޑުވަމުންނެވެ.

މިފަދަ ގޮތަކަން މަސްވެރިކަން ބަދަލުވަމުން އަންނައިރު ރާއްޖޭގައި މަސްވެރިކަން އާލާކުރުމަށް 'ސްޓޮކް އެންހޭންސް' ކުރުމުގެ މަސައްކަތް ފެށުމަކީ ފައިދާހުރިކަމަކަށް ވެދާނެއެވެ. ރާއްޖޭގައި މިހާރުވެސް ބައެއްބާވަތުގެ ދިރޭތަކެތި ކާމިޔާބުކަމާއެކު އެކުއަކަލްޗާ ކުރެއެވެ. އަދި 'ސްޓޮކް އެންހޭންސް' ކުރުމުގެ މަސައްކަތް އެންމެ ފުޅާކޮށްކުރާ ޖަޕާނާއެކު ގާތްގުޅުމެއްވެސް އޮވެއެވެ. ޖަޕާނުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ރާއްޖޭގައިވެސް 'ސްޓޮކް އެންހޭންސް' ކުރުމުގެ މަސައްކަތްކޮށް ރާއްޖޭގައި ހީނަރުވަމުން އަންނަ މަސްވެރިކަން ދިރުވާ އާލާކުރުމަށް ފިޔަވަޅުތަކެއް އެޅުމަކީ މަސްވެރިކަމުން އާމްދަނީ ހޯދުމަށް އިތުރަށް މަގުފަހިވާނެ ކަމެއްކަމަށް ފެނެއެވެ.

comment ކޮމެންޓް