ނަޝީދުގެ ރައްދު: ވަކި ބައެއްގެ ފަލްސަފާއަކީ ދީނީ ހުކުމެއް ނޫން

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދާލަތު ޕާޓީގެ ވެރިންނާއެކު-- ސަން ފައިލް ފޮޓޯ

ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖްމާއުއެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަކި ބައެއްގެ ފަލްސަފާއަކީ ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތިކަމަށެވެ.

ނަޝީދު އެގޮތަށް ޓުވީޓު ކުރެއްވީ ޔޯގާ އައިސްފައިވާ ގޮތާއި ޔޯގާއާ މެދު އިސްލާމްދީނުގައި ދެކޭގޮތް ހާމަކޮށް އަދާލަތު ޕާޓީން ރޭ ދިރާސާ ކަރުދާހެއް ނެރެފައިވަނިކޮށެވެ.

އަދާލަތު ޕާޓީ އިން ނެރުނު ދިރާސާ ކަރުދާހުގައި ވަނީ ޔޯގާ ގެ އަސްލު އައިސްފައި ވަނީ ހިންދޫ ދީނުގެ އަޅުކަމެއްގެ ގޮތުގައި ކަމަށެވެ.

އެ ދިރާސާގައި ބުނާ ގޮތުން ޔޯގާގައި ބުދު ދީނުގެ އިރުޝާދާއި ފިކުރުތަކުގެ ތެރެއިން ވާ ކަންތައްތަކެއްވެއެވެ. އެގޮތުން ޔޯގާ ހަދާ އިރު ހެދުމެއް ނުލާ ހުރުމަކީ އެންމެ އެދެވިގެންވާ ގޮތްކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

"ހެދުމެއް ލީނަމަވެސް، މެޔާއި ބުރަކަށި އަދި ފަލަމަސްގަނޑު ހާމައަށް ބޭއްވުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. އަދި އިރުއޮއްސޭ ގަޑި އާއި އިރުއަރާ ގަޑީގައި އެ ހަރަކާތްތައް ކުރުމެވެ. އަދި ބޮޑަށް އެދެވިގެން ވަނީ ވީހާވެސް ހާމަތަނެއްގައި އެހަރަކާތްތައް ކުރުމެވެ. އިރު ނުފެންނަ ތަނެއްގައި [އިމާރާތެއްގެ ތެރޭގައި] ހަރަކާތްތައް ކުރާނަމަ އިރެއް ކުރަހާފައި ފާރުގައި ތަތްކޮށްފައި ބެހެއްޓުން އެދެވިގެންވެއެވެ،" އެ ދިރާސާގައިވެއެވެ.

މީގެއިތުރުން ޔޯގާ ހެދުމުގެ ތެރޭގައި ހިންދޫ ދީނުގެ ޚާއްސަ ކަންތައްތަކެއް އިޢުތިޤާދު ކުރުމާއެކު ޔޯގާ ހަދާއިރު ހިންދޫ ކަލާނގެއަށް ނިސްބަތްވާ ގޮތައް ޚާއްސަ ކަލިމަތަކެއް ކިޔަން ޖެހޭކަމަށް އެ ދިރާސާ ކަރުދާހުގައިވެއެވެ.

ހަމައެހެންމެ ކިޔަން ޖެހޭ ލަފްޒުތަކަށް ބަލާއިރު އިރަށް ދެވިފައިވާ ނަންތައް ކިޔާއިރު މަތިވެރި ކުރުމާއެކު ބޯލަނބާ އަޅުވެތިވާ ކަން ބަޔާންކުރަން ޖެހޭ ކަމަށް ވެސް އެ ދިރާސާ ކަރުދާހުގައިވެއެވެ.

ފަހުގެ އިލްމުވެރިން ޔޯގާއާ ބެހޭގޮތުން ތަފާތު ރައުޔުތަކަށް ވާހަކަ ދައްކަވާފައިވާއިރު ފުރަތަމަ ރައުޔުގައި ގިނަ ޢިލްމުވެރިން މުޅި ޔޯގާ އެއްކޮށް ޙަރާމް ކުރައްވައެވެ. މި ރައުޔުގައި ޔޯގާގެ އަސްލު ކަމުގައި ހިންދޫ ދީނުގެ މަފްހޫމުގައި ވާ ޔޯގާ ހެދުން މުސްލިމަކަށް ހުއްދަ ނުވާނެކަމާއި އެއީ ކަންޑައެޅިގެން އިސްލާމްދީނާ ޚިލާފު ކަމެއްކަމަށް ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެއެވެ.

ދެވަނަ ރައުޔުގައި އަނެއްބައި އިލްމުވެރިން މުޅި ޔޯގާ އެއްކޮށް ހުއްދަ ކުރައްވައެވެ. މިހެން ހުއްދަ ކަމަށް ވިދާޅުވާ ބޭފުޅުން ޙުކުމް ބިނާކުރައްވަނީ ޔޯގާގެ މަފްހޫމު ހުޅަނގުގެ ޤައުމުތަކުގައި މަޝްހޫރުވެފައިވާ ގޮތުގެ މައްޗަށެވެ. އެއީ ކަސްރަތެއް ނުވަތަ ކުޅިވަރެއްގޮތުގައެވެ.

ތިންވަނަ ރައުޔުގައި އިލްމުވެރިން ހުކުމް ކަނޑައެޅެއްވުމުގައި "ޔޯގާ" ހަދާގޮތުގެ މައްޗަށް ބިނާކޮށް ހުކުމް ކަނޑައަޅުއްވައެވެ. އެގޮތުން ޔޯގާގެ ތެރޭގައި ހިމެނޭ އިސްލާމީ ޝަރީޢަތާ ޚިލާފު ނުވާ ހަރަކާތްތަކާއި ކަންތައް ހުއްދަ ކުރައްވައެވެ.

ނަމަވެސް މި ރައުޔުގައިވާ ޝަރުތުތައް ގެނައުމުން ޔޯގާގެ އަސްލު ގެއްލި އެއީ ޔޯގާގެ މާނައިން ބޭރުގެ ހަރަކާތްތަކެއްކަމަށްވާ ކަމަށް އެ ދިރާސާ ކަރުދާހުގައިވެއެވެ. އަދި ޔޯގާ ހުއްދަވަނީ ކަމުގައި ބުނުމަށްވުރެ ޔޯގާގެ ނަމުގައިވާ ހަރަކާތްތަތަކެއް ހުއްދަ ވަނީ ކަމުގައި އެ ރައުޔުން އެނގޭ ކަމަށް ދިރާސާ ކަރުދާހުގައިވެއެވެ. އެ ރައުޔުގެ ނަތީޖާއަކީ ހިންދޫދީނުގެ މަފްހޫމުގެ ޔޯގާއާއި ހުޅަނގުގެ މަފްހޫމުގެ ޔޯގާވެސް ހުއްދަ ނުވުން ކަމަށް އަދާލަތު ޕާޓީގެ ދިރާސާ ކަރުދާހުގައިވެއެވެ.

އެ ދިރާސާ ކަރުދާހުގައިވާގޮތުން ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެ ސަބަބުތަކުގެ ތެރޭގައި ޝިރުކުގެ އަމަލު ޔޯގާގެ ތެރޭގައި ހިމެނުން ހިމެނެއެވެ. އަދި ޔޯގާގެ ތެރޭގައި އިސްލާމީ އަގީދާއާ ފުށު އަރާ ކަންކަން ހިމެނުމާއި، ޔޯގާގާއި ހިމެނޭ އަސާނާ ތަކުގައި އެކި ކަލާނގެ އަށް ކުއްތަންވުން ހިމެނޭތީ އާއި، ޔޯގާގާއި ހިމެނޭ ދިހިޔާނާ ގައި އިސްލާމްދީނާ ފުށު އަރާ ކަންކަން ހިމެނުމަކީ ޔޯގާ ހުއްދަ ނުވާ ސަބަބުތައް ކަމަށް އެ ދިރާސާ ކަރުދާހުގައިވެއެވެ.

ޔޯގާއާ ގުޅިގެން އެކަން ސައްހަކަމާއި ނުވަތަ ނޫންކަމާއި މެދު ވާހަކަދެކެވެން ފެށުނީ މިދިޔަމަހުގެ 21 ވަނަ ދުވަހު ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ތައްޔާރީތަކެއް ވާންފެށި ފަހުންނެވެ.

އެ ދުވަހު ގަލޮޅުދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރަމުންދަނިކޮށް ގަދަކަމުން ބަޔަކު ވަދެގަނެ ހަމަނުޖެހުން ވެސް ވަނީ ހިންގާފައެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އޭގައި ޝާމިލުވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަަށް ގެންނަނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ ބެލުމަށް ރައީސް ވަނީ ސަބް ކޮމިޓީއެއްވެސް އުފައްދަވާފައެވެ.

ފުލުހުންވެސް ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަމަށް ބުނެ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ވާހަކަ ބުނެފައެވެ.

ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ޖުމުލަ 21 މީހުން ހައްޔަރުކޮށްފައިވާއިރު މިހާރު އޭގެ ތެރެއިން ހަތް މީހަކު ވަނީ ބަންދުން ދޫކޮށްލާފައެވެ.

comment ކޮމެންޓް