މިނީ ބަހުގެ ޚިދުމަތް ފެށުން: ބައެއް މަގުތަކުގެ ޕާކިން ޒޯން ބަދަލުކުރާނެ ބިންތައް ހަމަޖައްސައިދީފި

އެމްޓީސީސީގެ މިނީ ބަސްތައް --- ފޮޓޯ/ އެމްޓީސީސީ

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ޓަކައި ބައެއް މަގުތައް ހުސްކުރުމުގެ ގޮތުން، އެ މަގުތަކުގައި ހަދާފައިވާ ޕާކިން ޒޯންތައް އެހެން ތަނަކަށް ބަދަލުކުރުމަށް ޓަކައި ސަރުކާރުން ބިންތައް ހަމަޖައްސައިފިއެވެ.

މީގެ ކުރިން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ މިނީ ބަހުގެ ޚިދުމަތް ފެށުމަށް ޓަކައި މާލޭ ސިޓީ ކައުންސިލުން ދޭންޖެހޭ އެއްބާރުލުން ނުދޭކަމަށް ވިިދާޅުވެފައެވެ.

އޭގެތެރޭގައި މާލޭގެ މަގުތަކުގައި ހުރި ބައެއް ޕާކިން ޒޯނުތައް ނަގައިދިނުމަށް އެދިފައިވާނެ ކަމަށާއި ނަމަވެސް އެކަމަށް ސިޓީ ކައުންސިލުގެ އެއްބާރުލުމެއް ލިބިފައިނުވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭގެ ރައްދެއްގެ ގޮތުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މީގެ ކުރިން "ސަން"އަށް ވިދާޅުވީ މިހާރު ބޮޑެތި މަގުތަކުގައި ހުރި ޕާކިން ޒޯނުތައް އެހެން ތާކަށް ބަދަލުނުކޮށް އެކަން ނުކުރެވޭނެ ކަމަށެވެ.

"ރައްޔިތުންނަށް ޕާކު ކުރާނެ ތަނެއް ނުދައްކައި އެ ޕާކިން ޒޯންތައް ނެގޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ކައުންސިލުން ބުނެފައިވާނެ. އެމަގުތަކަކީ މިހާރުވެސް އިތުރު ޕާކިންއެއް ދެވޭނެހެން އޮތް މަގުތަކެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އޭގެ ފަހުން މިއަދު ނަރީޝް "ސަން"އަށް ވިދާޅުވީ ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ އެކި މިނިސްޓްރީތަކުގެ ބޭނުންތަކަށް ކަނޑައަޅާފައިވާ ހުސް ބިންތަކެއްގައި ޕާކިން ޒޯން ހެދުމަށް ބޭނުންވާތީ އެ ބިންތައް ޕާކިން ޒޯން ހެދުމަށް ހަމަޖައްސައިދީފައިކަމަށެވެ.

"ސަރުކާރުން އަޑު އެހި ސިޓީ ކައުންސިލުން ދެއްކި ވާހަކަވެސް. ކައުންސިލުގެ ކަންބޮޑުވުންތަކަށްވެސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މިހާރު ވަނީ ޕްލޭނިން މިނިސްޓްރީ މެދުވެރިކޮށް ޕާކިން ހެދުމަށް ބޭނުންވާ ބިން ހަމަޖައްސައިދީފަ،" އޭނާ ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ އެ ބިންތަކާ ގުޅޭ ތަފުސީލީ މައުލޫމާތުތައް ޕްލޭނިން މިނިސްޓްރީން އެ ކައުންސިލަށް މިއަދު ފޮނުވާނެ ކަމަށެވެ.

މީގެ އިތުރުން ހަމަޖައްސައިދީފައިވާ ބިންތަކުގައި ޕާކިން ޒޯންތައް ހެދުމުން، ބަސް ސްޓޮޕްތައް ހަދާ މަގުތަކުގައި ޕާކްކުރުން އެއްކޮށް މަނާވާނެ ކަމަށް އޭނާ ވިދާޅުވީއެވެ. އަދި އެކަމަކީ ކިތަންމެ ގޮންޖެހުންތައް ގިނަ ކަމެއް ނަމަވެސް ސިޓީ ކައުންސިލުގެ އަމާޒަކީ ވީހާވެސް ރަނގަޅަށް އެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދިއުން ކަމަށް ނަރީޝް ފާހަގަކުރެއްވިއެވެ.

މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ 36 ބަސް މިހާރު ވަނީ މާލެ ގެނެސްފައެވެ. އޭގެތެރެއިން 12 ބަސް މާލޭގައި ބޭނުންކުރާއިރު ބާކީ 24 ބަހަކީ ރާއްޖެތެރޭގައި ބޭނުންކުރުމަށް ގެނައި ބަސްތަކެކެވެ.

މިނީ ބަހުގެ ޚިދުމަތް ރާވާނީ ކޮންމެ 10 މިނެޓަކުން ސްޓޮޕްތަކަށް މަޑުކުރާގޮތަށެވެ.

comment ކޮމެންޓް