މި މަހު ރާއްޖެއަށް މޫސުން ގޯސްވެ ގަދަވަޔާއިއެކު ވާރޭ ވެހުމާއި އުދައެރުމުގެ ސަބަބުން ޖުމުލަ ނުވަ ރަށަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އެންޑީއެމްއޭއިން އާންމުކުރި މައުލޫމާތުގައި ބުނެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ 16:00 ޖެހުމާއި ހަމައަށް މި މަހު ޖުމުލަ ނުވަ ރަށަކުން އެކި ވަރުގެ ގެއްލުންތައް ވެގެން 261 ޑެމޭޖް އެސެސްމެންޓް ފޯމު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ސ. މަރަދޫގެ އަށް ގޭގެ ފޯމާއި ސ. މަރަދޫ ފޭދޫއިން 20 ގޭގެ ފޯމާއި ށ. ބިލެތްފަހިން ދެ ގޭގެ ފޯމާއި ގދ. ރަތަފަންދޫ އިން އަށް ގޭގެ ފޯމާއި ތ. ތިމަރަފުށިން 61 ގޭގެ ފޯމާއި ގދ. މަޑަވެލިން 67 ގޭގެ ފޯމާއި ހދ. ވައިކަރަދޫ އިން ދެ ގޭގެ ފޯމާއި ގދ. ފިޔޯރީ އިން 11 ގޭގެ ފޯމު އަދި ގދ. ހޯނޑެއްދޫ އިން 82 ގޭގެ ފޯމު ހިމެނެއެވެ.
އެންޑީއެމްއޭ އިން ބުނީ އެ ހުރިހާ ފޯމުތަކުން ލިބިފައިވާ މައުލޫމާތުން ގޯތީގެދޮރާއި ޒަރޫރީ ބޭނުންތަކަށް ބުރޫއަރާފަދަ ގެއްލުންތަކެއް ނުވަ ރަށެއްގެ 96 ގެއަކަށް ލިބިފައިވާކަމަށެވެ.
އެ ހާދިސާތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުނަތަކެއް ވެފައިވަނީ ދަނޑުވެރިންނަށް ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އެގޮތުން ލިބިފައިވާ ފޯމުތަކަށް ބަލާއިރު ހަތަރު ރަށަކުން 110 ގޭބީސީއަކުން ބަލަހައްޓާ ދަނޑުތަކަށް ވަނީ ގެއްލުންވެފައެވެ.
ދަނޑުބިންތަކަށް ގެއްލުން ލިބިފައިވަނީ އާމްދަނީ ހޯދުމުގެ ގޮތުން ހައްދާ ބާވަތްތައް ކަމަށްވާ މިރުސް، ފަޅޯ، ބިލެތް، ދޮންކެޔޮ، ބަނބުކެޔޮ އަދި އަނބުގަސް މަރުވެގެންނެވެ.
ލިބުނު ގެއްލުންތަކާ ގުޅިގެން އެންޑީއެމްއޭއިން ބުނީ ކާރިސާތަކުގައި އިންސާނީ އެހީީ ފޯރުކޮށްދިނުމަށް އަމަލުކުރާ އުސޫލުގެ ތެރެއިން ޑެމޭޖް އެސެސްމެންޓް ފޯމު' ތަކުގެ މައުލޫމާތު ފުރިހަމަ ކޮށްފައިވާ ރަށްރަށަށް އެހީ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވޭތުވެދިޔަ ދުވަސްކޮޅު ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ބައެއް ރަށްރަށުގެ ބައެއް އާއިލާތައް އަމިއްލަ ގެދޮރު ދޫކޮށް ވަގުތީ ހިޔާތަކަށް ބަދަލުވާން ޖެހުނެވެ.