3 މީހުންނާއެކު ކަރާ ބަރުކޮށްގެން ފިޔޯރީން ފުރި ޑިންގީއެއް ގެއްލިގެން ހޯދަނީ

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިން މީހުންނާއެކު ގދ. ފިޔޯރީން ގއ. އަތޮޅަށް ފުރި ޑިންގީއެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

މި ކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން ފިޔޯރީ ކައުންސިލްގެ މެންބަރު އަހްމަދު ޒިހާން ވިދާޅުވީ ތިން މީހުންނާއެކު އެ ޑިންގީ ފުރީ މިއަދު ހުކުރަށްފަހު މެންދުރުފަހު، 14:15 އެހާކަންހާއިރު ކަމަށާއި، އެއީ ރޯދައާ ދިމާކޮށް ކަރާ ވިއްކުމަށް ކަރާ ހިފައިގެން ފެށި ދަތުރެއް ކަމަށެވެ.

އެ ދަތުރުގައި ދިޔައީ ފިޔޯރީގެ ދެ މީހަކާއި ބިދޭސީ މީހަކު ކަމަށް ޒިހާން ވިދާޅުވިއެވެ.

"ޑިންގީއެއްގައި ދިޔައީ، އެ ޑިންގީއަކީ އެހާ ބާރަށް ދުވާ ޑިންގީއެއް ވެސް ނޫން. ޑިންގީގައި ދިޔައީމަ ލަފާކުރީ ގާތްގަނޑަކަށް [އިރުއޮއްސި] ހައެއް ޖަހާކަންހާއިރަށް އެ ކޮޅަށް [ގއ. އަތޮޅަށް] ދެވޭނެ ކަމަށް. އެކަމު އެ ކޮޅަކަށް ނުދޭ، އެ މީހުންނަކާ ނުއެއް ގުޅޭ. މޫސުން ވެސް ގޯސް،" ޒިހާން ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން މިހާތަނަށް އަދި އެމްއެންޑީއެފްގެ ބަހެއް ނުލިބެއެވެ.

މޫސުން ގޯސްވުމާއެކު މި ވަގުތު ވެސް އޮތީ ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފައެވެ.

މޫސުން ގޯސްކޮށް އޮތުމުން،ހުރިހާ އެންމެން ވެސް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވާއިރު، ވިއްސާރައިގައި ދިމާވެދާނެ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ވެސް މަސައްކަތް ފަށާފައިވާކަން މިއަދުވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް