ކޮލަންބޯ (25 ޖުލައި 2022): ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް ކުރަމުން ގެންދިޔަ މުޒާހަރާތަކަށް އަލުން ފުރުސަތު ދިނުމަށް ނިންމިކަން ރައީސް ރަނިލް ވިކްރަމަސިންހަގެ އޮފީހުން ހާމަކޮށްފިއެވެ.
އެއޮފީހުން ބުނީ ރައީސް ރަނިލް ވިކްރަމަސިންހަގެ ސަރުކާރުން ގެންދަނީ ސްރީލަންކާ ކުރިންއޮތް އާންމު ހާލަތަށް ރުޖޫއަކުރަން ގިނަ މަސައްކަތް ކުރަމުން ކަަމަށާއި މިގޮތުން ވެރިރަށް ކޮލަންބޯއާއި އެނޫން ސަރަހައްދުތަކުގައި ސަރުކާރާ ދެކޮޅަށް ސުލްހަވެރިކަމާއެކު މުޒާހަރާތައްކުރުމާއި އާންމުންގެ އެއްވުންތައް ބޭއްވުމުގެ ފުރުސަތު އަލުން ދިނުމަށް ނިންމާފައިވާކަމުގައެވެ. ދާދިފަހުން ސްރީލަންކާގެ ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާކުރާ މީހުން ހުއްޓުވުމަށްޓަކައި ބާރުގެ ބޭނުންކޮށްފައެވެ.
ނަމަވެސް މުޒާހަރާކުރާ މީހުން ހަރުކަށި އަމަލުތައް ހިންގައި ތަންތަނުގައި ހުޅުޖަހައި ސަރުކާރުގެ އިދާރާތަކަށް އަރައިގަންނަން މަސައްކަތް ކުރާނަމަ ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ހުއްޓުވާނެކަމަށް ސްރީލަންކާގެ ރައީސް އޮފީހުން ބުނެފައިވެއެވެ. ސުލްހަވެރި މުޒާހަރާތަކަށް އަލުން ފުރުސަތު ދިންކަން ސްރީލަންކާގައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުންނަށްވެސް އިއްޔެ އަންގާފައިވާނެކަމަށާއި މުޒާހަރާތަކަށް ރިއާޔަތް ކޮށްގެން ޑިޕްލޮމޭޓުންގެ ދަތުރުތައް ރޭވުމަށް އެފަރާތްތަކަށް އިލްތިމާސް ކުރިކަން ރަނިލްގެ އޮފީހުން ބުނެފައިވެއެވެ.
ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރަމުންގެންދިޔަ މުޒާހަރާތަކުގެ މަރުކަޒުގެ ގޮތުގައި ބޭނުންކުރަމުން ގެންދިޔައީ ރިޔާސީ އޮފީސް (ޕްރެސިޒެންޓަލް ސެކްރެޓޭރިއަޓް)ގެ ކުރިމަތީގައި ޖަހާފައިވާ ޓެންޓެކެވެ. މިދިޔަ ހުކުރުދުވަހު ފުލުހުންވަނީ އެ ޓެންޓް ރޫޅާލާފައި އެތަނުގައި ތިބި މީހުން ބާރުގެ ބޭނުންކޮށްގެން ފައްސާލާފައެވެ.
ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ވެރިކަމުގެ އެންމެ ފަހުގެ ދުވަސްތަކުގައި ރައްޔިތުން އޭނާއާ ދެކޮޅަށް އެރި އުތުރިއެރުމުގައި ރައްޔިތުން އަރައިގަތް ރިޔާސީ އޮފީސްވެސް ބަންދުކޮށްފައި ބެހެއްޓުމަށްފަހު މިއަދު އަލުން ވަނީ ހުޅުވާފައެވެ.
މިމަހުގެ ނުވަ ވަނަ ދުވަހު ސްރީލަންކާގެ ރިޔާސީ އޮފީހަށާއި ރިޔާސީ ގަނޑުވަރަށް ގަދަބާރުން ވަދެގަތް އާންމުން އެތަނުން ނެރެފައިވަނީ ރަނިލް ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު އޭނާގެ އަމުރަށް ސިފައިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
ސްރީލަންކާގެ މަސްއޫލުވެރިން ވިދާޅުވެފައިވާގޮތުގައި މި މަހުގެ ނުވަ ވަނަ ދުވަހު ގޮތަބަޔައާ ދެކޮޅަށް ނުކުތް އާންމު ރައްޔިތުން ރިޔާސީ އޮފީހަށް އަރައިގަތުމުގެ ސަބަބުން އެއޮފީހަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ސަރުކާރުންވަނީ އެއޮފީސް މަރާމަތު ކުރުމުގެ މަސައްކަތްކޮށްފައެވެ. ނަމަވެސް ރިޔާސީ ގަނޑުވަރު މަރާމަތު ކުރުމުގެ މަސައްކަތް އަދި ނުނިމޭކަމަށްވެއެވެ. އެހެންކަމުން ރައީސް ރަނިލް ރިޔާސީ ގަނޑުވަރަށް އަދި ބަދަލުވެފައެއް ނުވެއެވެ.
ސްރީލަންކާގެ ރައީސް އޮފީހާއި ރިޔާސީ ގަނޑުވަރަކީ އިނގިރޭސީންގެ އިސްތިއުމާރީ ވެރިކަން ސްރީލަންކާގައި އޮތް ދުވަސްވަރު ސްރީލަންކާގައި ތިއްބެވި އިނގިރޭސި ސަރުކާރުގެ ގަވަރުނަރުން ވެރިކަން ހިންގި އިމާރާތްތަކެކެވެ. އެހެންކަމުން އެއީ ވަރަށް ބައު އަދި ވަރަށް ދުވަސްވީ އެހެންނަމަވެސް ވަރަށް ވަރުގަދަ އިމާރާތްތަކެކެވެ.
ރަނިލްގެ ސަރުކާރުގެ ބޮޑުވަޒީރަކީ އުމުރުފުޅުން 73 އަހަރުވީ ބޭފުޅެއްކަމަށްވާ ދިނޭޝް ގުނަވަރުދަނާއެވެ. އޭނާއަކީ ސްރީލަންކާގެ ކުރީގެ ސަރުކާރުތަކުގައި ޚާރިޖީ ވަޒީރު ކަމާއި ތައުލީމީ ވަޒީރު ކަމާއި ދާޚިލީ ވަޒީރުކަން ވެސް ކުރައްވައިފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
ސްރީލަންކާ އާންމު ހާލަތަކަށް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން އެގައުމުގެ ސްކޫލްތައްވެސް މިއަދުވަނީ އަލުން ހުޅުވާފައެވެ. މީގެ ތެރޭގައި ސަރުކާރުގެ ސްކޫލްތަކާއި ޕްރައިވެޓް ސްކޫލްތައްވެސް ހިމެނޭކަމަށާއި ބައެއް ސްކޫލްތައް ހުޅުވީ އޮންލައިންކޮށް ކިޔަވާ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަން އަދިވެސް އޮތީ އެގޮތުގައެވެ. މީގެތެރޭގައި އިގްތިސާދީ ގިނަ ހަރަކާތްތަކެއް ހުއްޓިފައިވުމާއި ތެލާއި ކަރަންޓްގެ ދަތިކަމާއި ބައެއް ބާވަތުގެ ކާބޯތަކެތީގެ ދަތިކަމާއި ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވުމުގެ މައްސަލަ ހިމެނެއެވެ.