އެފްއޭއެމް ދެވަނަ ޑިވިޝަނުގައި ނިއުރޭޑިއެންޓާއި ވިކްޓްރީ ސްޕޯޓްސް ކުލަބު ބައްދަލުކުރި ފޯރިގަދަ މެޗު ނިއު ރޭޑިއަންޓް ކާމިޔާބުކޮށްފިއެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ނިއު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިފައިވަނީ އަވަސް ކުޅުމެކެވެ. ދެ ޓީމުން ވެސް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ތަނަވަސް ކޮށްފައެވެ.
އެގޮތުން މެޗުގެ 12 ވަނަ މިނެޓުގެ ތެރޭގައި ނިއު އިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިއާ ކޯފީ އޮސޫވޫ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުންހިފައި ނިއުގެ އަހުމަދު ސުހައިލް ކާމިޔާބުކޮށްދިން ގޯލެކެވެ.
މީގެ އިތުރުން މެޗުގެ 27 ވަނަ މިނެޓުގައި ނިއުގެ މުޙައްމަދު ލިޔާހަށް ވަނީ އިތުރު ގޯލެއް ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ލިޔާހަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ ހިފައިގެން ވިކްޓްރީގެ ގޯލު ކީޕަރު ކައިރިން ނައްޓާފަ އެތެރެއަށް ވަންނަން މަސައްކަތް ކުރި ނަމަވެސް ވިކްޓްރީގެ ކީޕަރު ވަނީ އެ ބޯޅަ ދިފާއު ކޮށްފައެވެ.
މެޗުގެ 41 ވަނަ މިނެޓުގައި ކޯފީ ވަނީ ނިއު އަށް ގޯލެއް ކާމިޔާބު ކޮށް މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ވިކްޓްރީގެ ގޯލްކީޕަރު އަތުން ހެދުނު ގޯހަކުން ތަނަވަސްވި ފުރުސަތަކުން އޭނާ ޖެހި ގޯލެކެވެ.
ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވުމުން އިތުރުވަގުތުގެ ގޮތުގައި ދިން ފަސް މިނެޓުގެ ތެރޭގައި ކޯފީ ވަނީ ނިއުގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އެ ގޯލަކީ ސުހައިލް އޭރިއާތެރެއަށް ނަގައިދިން ބޯޅަ ކޯފީގެ ބޮލުން ޖެހި ގޯލެކެވެ.
ދެވަނަ ހާފު ފަށައިގެން ވެސް ދެ ޓީމުން ގޯލު ޖަހާނެ ރަނުގެ ފުރުސަތުތައް ވަނީ ލިބިފައެވެ.
އެ ފުރުސަތު ތަކުގެ ތެރެއިން ވިކްޓްރީ ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. އެ ގޯލަކީ 75 ވަނަ މިނެޓުގެ ތެރޭގައި ވިކްޓްރީއަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުޙައްމަދު ކުޑޮއުހް ޖެހި ގޯލެކެވެ.
ނަމަވެސް މެޗުގެ އެންމެ ފަހު މިނެޓުގެ ތެރޭގައި ނިއުރޭޑިއެންޓު ވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގެ އެހީގައި އެ ޓީމުގެ ހަތަރު ވަނަ ގޯލުޖަހައިފައެވެ. އެ ގޯލުޖެހީ ނިއުގެ ޓޮރިކް ޖެބްރިންއެވެ.
އެންމެފަހުން ވިކްޓްރީ އާއި ނިއުރޭޑިއަންޓް މެޗެއް ކުޅެފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު އެ މެޗުވެސް ނިއުރޭޑިއެންޓު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.