ރާއްޖެއަށް މަނުކު ވިދުރި އައުމުގެ ފުރުސަތު އެބައޮތް: އެޗްޕީއޭ

މަކުނު ވިދުރި ޖެހިފައިވާ މީހެއް: މި ނުރައްކާތެރި ބަލި ރާއްޖެއަށް އައުމުގެ ފުރުސަތު އެބައޮތް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައި

ދުނިޔޭގައި މިހާރު ފެތުރެމުންދާ މަންކީޕޮކްސް (މަކުނު ވިދުރި) ރާއްޖެއަށް ވެސް އައުމުގެ ފުރުސަތު އޮތަތީ، ރާއްކާތެރިވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

ގައުމުތަކުގައި މަކުނު ވިދުރި ފެތުރޭ މިންވަރު އިތުވަމުން ދިއުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން މުޅި ދުނިޔޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައެވެ.

މަކުނު ވިދުރި އަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ކަނޑައެޅުމާ ގުޅިގެން އެޗްޕީއޭ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ދުނިޔޭގެ ގައުމުތަކުގައި މަކުނު ވިދުރި ފެތުރެމުންދާ ހާލަތަށް ބަލައިއިރު، ރާއްޖެއަށް ވެސް މި ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެހެންނަމަވެސް ކޮވިޑް ބައްޔާ އަޅައި ބަލައިއިރު، މިފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށް ވުމުން މި ބަލި ފެތުރޭ ގޮތް ތަފާތުވާނެ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.

މި ބަލީގެ ހާލަތު މިވަގުތު އޮތްގޮތަށް ރިއާޔަތްކުރުމަށްފަހު ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ވަނީ ދުނިޔޭގެ ނިސްބަތުން ބަލީގެ ނުރައްކާތެރިކަން މިވަގުތު އޮތީ މެދުމިނުގެ ރިސްކުގައި ކަމަށް ކަނޑައަޅާފައެވެ.

ބަލީގެ ނުރައްކާތެރިކަން ބޮޑަށް އޮތީ ޔޫރަޕްގެ ގައުމުތަކުގައެވެ.

މީގެ އިތުރުން މި ބަލި ކުރިން ފެތުރިފައިވާ ގައުމުތަކުގައި ބަލި ފެންނަގޮތާ ޚިލާފަށް، އަލަށް މިބަލި ފެންނަ ގައުމުތަކުގައި ބަލި ފެތުރެމުންދާގޮތް ތަފާތުކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ވެއެވެ. އަދި މި ބަލި އާންމުގޮތެއްގައި ގިނައިން ފެތުރިފައިވަނީ ފިރިހެނުންގެ މެދުގައި، ޚާއްސަކޮށް އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައިކަން ފާހަގަ ކޮށްފައިވެއެވެ.

އެހެންނަމަވެސް އަންހެނުންނާއި ކުޑަކުދިންގެ މެދުގައި ވެސް މި ބަލި މަދު މިންވަރަކަށް ވަނީ ފެނިފައި ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

"މަކުނު ވިދުރި އަލަށް ފެންނަމުންދާ ގައުމުތަކުގައި ބަލި ފެންނަމުންދަނީ ވަކި ޖަމާއަތްތަކެއްގެ މެދުގައި ކަމުގައިވީ ނަމަވެސް އަދި ބަލީގެ ހާލުދެރަވާ މިންވަރު ކުޑަނަމަ ވެސް ބަލިފެތުރޭގޮތް ތަފާތުވުމާއި، ގިނަ ޤައުމުތަކެއްގައި މި ބަލި ހަލުވިކަމާއެކު ފެތުރެމުންދިއުމަކީ ނުހަނު ކަންބޮޑުވުން އޮތްކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަ ކޮށްފައިވެއެވެ،" އެޗްޕީއޭގެ ބަޔާނުގައިވެއެވެ.

މިވަގުތު ބައްޔަށް ޓެސްޓް ކުރެވޭނެ ގޮތާ އަދި ބައްޔަށް ފަރުވާ ކުރެވޭނެ ބޭހާއި ބަލިން ރައްކާތެރިވުމަށް ދެވޭނެ ވެކްސިންފަދަ ވަސީލަތްތައް ދުނިޔޭގައި ވަރަށް މަދުކަން ފާހަގަ ކުރަމުން އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވަނީ ހުރިހާ ޤައުމުތައް ގުޅިގެން ބަލި ކޮންޓްރޯލު ކުރުމަށް މަސައްކަތް ކުރުމަކީ ނުހަނު މުހިންމުކަމެއް ކަމުގައި އެޗްޕީއޭގެ ބަޔާނުގައިވެއެވެ.

މަކުނު ވިދުރި ފެތުރޭ ސަބަބު ދެނެގަތުމަށް މިހާތަނަށް ކުރި ދިރާސާއިން ދައްކާ ގޮތުގައި މި ބަލި އެންމެ ގިނައިން ފެތުރެނީ އެއް ޖިންސުން ގުޅުން ހިންގައި މީހުންގެ މެދުގައެވެ.

comment ކޮމެންޓް