ޑިޔޯންގަކީ އަދިވެސް ބާސާގެ ކުޅުންތެރިއެއް، ކުލަބަށް އޭނާ މުހިންމު: ލަޕޯޓާ

ފްރެންކީ ޑިޔޯންގް---

ފެރެންކީ ޑިޔީންގަކީ އަދިވެސް ބާސާގެ ކުޅުންތެރިއެއްކަމަށް އެ ޓީމުގެ ރައީސް ޖޯން ލަޕޯޓާ ބުނެފިއެވެ.

މެންޗެސްޓާ ޔުނައިޓެޑުން އޭނާ ހޯދުމަށް މަސައްކަތް ކުރާއިރު ލްޕޯޓާ ބުނީ ޑިޔޯންގަކީ ބާސާއިން އަދިވެސް ބޭނުންވާ ކުޅުންތެރިއެއްކަމަށެވެ. އޭނާއަށް އަދިވެސް ގަޔާވާކަމަށް ވެސް ލަޕޯޓާ ވަނީ ބުނެފައެވެ.

މީގެއިތުރުން އޭނާ ބުނީ ޑިޔޯންގް ހޯދުމަށް ބައެއް ކުލަބުތަކުން ހުށަހަޅާފައިވާކަމަށާއި، ބާސާއިން ކުޅުންތެރިޔާއާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

އޭނާ ބުނީ ޑިޔޯންގަކީ ބާސާއަށް މުހިންމު ކުޅުންތެރިއަކަށް ވާއިރު އޭނާ ހޯދުމަށް ހުށަހަޅާފައިވާ ހުށެހެޅުންތަކަށް ގޮތެއް ނިންމާނީ ޑިޔޯންގް ބޭނުންވާ ގޮތަކަށްކަމަށެވެ.

ނަމަވެސް މީގެކުރިން ޑިޔޯންގް ބުނެފައިވަނީ އޭނާ ބޭނުންވަނީ ޗެމްޕިއަންސް ލީގު ކުޅެން ބާސެލޯނާގައި މަޑުކުރަން ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑާ އަލަށް ހަވާލުވި ހެޑް ކޯޗް އެރިކް ޓެން ހެގްގެ އެދުމަށް ޑިޔޯންގް ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ފަށައިފައިވީ ނަމަވެސް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ޔުނައިޓެޑް ކޮލިފައިވެފައެއް ނުވެއެވެ.

ޑި ޖޮންގް ވަނީ ބާސެލޯނާގައި ގިނަ އަހަރުތަކެއް ވަންދެން މަޑުކުރަން ބޭނުންވާ ކަމަށް އެތައް ފަހަރެއްގެ މަތިން ފާޅުގައި ބުނެފައެވެ.

ބާސެލޯނާއަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވެއެވެ. އާ ސީޒަނަށް ފަންޑު ކުރުމަށް އެހީތެރިވުމުގެ ގޮތުން ޑިޔޯންގް ވިއްކާލަން ޖެހިދާނެ ކަމުގެ ބިރު އެ ޓީމަށް މިހާރު ވަނީ ހީވެފައެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އަޔެކްސް އިން 65 މިލިއަން ޕައުންޑަށް ބާސެލޯނާއާ ގުޅުނު ޑިޔޯން މިވަގުތު އެ ޓީމުގައި ހުރީ 2026 ވަނަ އަހަރާ ހަމައަށް އެ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓެއްގައެވެ. ނަމަވެސް ބާސެލޯނާގެ މެދުތެރޭގައި ޕެޑްރީ ގޮންޒާލޭޒް އާއި ޕަބްލޯ ގަވީގެ މޮޅު ކުޅުން ފެންނަން ފެށުމާއެކު އޭނާގެ މުސްތަގުބަލު ވަނީ ޝައްކެއްގެ ތެރެއަށް ވެއްޓިފައެވެ.

ޑިޔޯންގް އަކީ 2018/19 ވަނަ ސީޒަނުގައި ޓެން ހެގް އަޔެކްސްގެ ކޯޗުކަމުގެ ދަށުން ހީވެސް ނުކުރާވަރުގެ މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ. ނެދެލެންޑުގެ އެރެޑިވީސީ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދައި އަޔެކްސައާއެކު އެ އަހަރު އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލް ކުޅެފައެވެ.

comment ކޮމެންޓް