މޫސުމީ ބަދަލާ ގުޅިގެން ގުދުރަތީ ނިޒާމުތަކަށާއި ތިމާވެއްޓަށް އަންނަ ލޮޅުން

މޫސުމީބަދަލާ ގުޅިގެން ރަށްތައް ގިރުން އިތުރުވޭ

ކަނޑާއި ފަރުތަކުގެ މާހައުލީ ނިޒާމުތަކަށާއި އެތަންތަނުގެ ދިރުން އަދި އެތަންތަނާ ގުޅިފައިވާ މަސްވެރިކަމަށް މިހާރުވެސް އެކި ގޮތްގޮތުން ނޭދެވޭ އަސަރު ފޯރައެވެ. އޭގެ ތެރޭގައި މާގިނައިން މަސް ހިފުމުގެ އިތުރުން ވެށި ތަގައްޔަރުވުން އަދި އިންސާނުން ހިންގާ އެކިބާވަތުގެ ހަރަކާތްތަކުން ކުރާ ނޭދެވޭ އަސަރު ހިމެނެއެވެ. މި ކަންތައްތަކުގެ އިތުރުން މޫސުމީ ބަދަލުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ފުޅާވުމާ ވިދިގެން ދެމެހެއްޓެނިވި ގޮތުގައި ކަނޑާއި ފަރުތަކުގެ ބޭނުންކުރުމަށާއި މެނޭޖުކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. ހާއްސަކޮށް މޫސުމީ ބަދަލާ ވިދިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމުން ކަނޑުގެ "ބައޯކެމިސްޓްރީ" ބަދަލުވުމުން ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ.

ކަނޑުފަރުތަކުގައި އުޅޭ ދިރޭތަކެއްޗަށް އެތަކެތީގެ މާހައުލަށް އަންނަ މިފަދަ ބަދަލުތަކުން ތަފާތު އަސަރު ކުރެއެވެ. އޭގެތެރޭގައި އެތަކެތި އުފެދި ބޮޑުވުމަށް އަންނަބަދަލު، އަދި މާހައުލުގައި ހިނގާ ކަންތައްތަކާ (މިސާލަކަށް: ފިނިހޫނުމިން، އޮއިވަރު، ލޮނުގަނޑުގެ ލޮނުކަން) ގުޅިގެން އެތަކެތީގެ އާ ޖީލެއް އުފެއްދުމަށް ކުރާކަންތައްތައް (މިސާލަކަށް: ބިސް ދޫކުރުން، ބިސް ދަރިމައިވުން) ހިމެނެއެވެ. މީގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ ބާވަތްތަކުގެ މުއްސަނދިކަމަށް ބަދަލު އާދެއެވެ. އެއާއެކު އެފަދަ މާހައުލީ ނިޒާމުތަކުން ފޯރުކޮށްދެމުންދިޔަ ހިދުމަތްތަކަށްވެސް ބަދަލު އާދެއެވެ.

މޫސުމީބަދަލާ ގުޅިގެން ކަނޑުގެ ލޮނުގަނޑަށް ކުރާނެ އަސަރުތަކުގެ ތެރޭގައި ލޮނުގަނޑު ހޫނުވުން، ލޮނުގަނޑު އުފުލުން، ލޮނުގަނޑުގެ ލޮނުކަމުގެ މިންވަރަށް ބަދަލުއައުން، ލޮނުގަނޑުގައި އޮކްސިޖަން އަދި ކާބޮންޑައިއޮކްސައިޑް އެކުލެވޭ މިންވަރަށް ބަދަލުއައުން އަދި ލޮނުގަނޑު އެސިޑިކްވުން ފަދަކަންކަން ހިމެނެއެވެ.

ލޮނުގަނޑު ހޫނުވުން

ޖައްވުހޫނުވުމާ ވިދިގެން ޖައްވުގައި ހުންނަ ހޫނު ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް ފޭދިގެންދެއެވެ. އަދި ބެލެވޭގޮތުގައި ޖައްވަށް އިތުރުވާ ހޫނުގެ %80 ވަދެގެންދަނީ ކަނޑުގެ ލޮނުގަނޑުގެ ތެރެއަށެވެ. މީގެސަބަބުން ދުނިއޭގެ މޫސުމަށާއި ކަނޑުގެ އެކިނިޒާމުތަކަށް ތަފާތުބަދަލުތައް އާދެއެވެ. މީގެތެރޭގައި ދުނިއޭގެ ދެދަނޑީގައި (ނޯތް އަދި ސައުތް ޕޯލް) އުފެދިފައިވާ ބޮޑެތި ގަނޑުފެންތައް ވިރުން، ގަނޑުފެންތައް ވިރުމުންނާއި ލޮނުގަނޑު ހޫނުވުމުން ލޮނުގަނޑު ފުޅާވެ އުފުލުން، އެއްތަނުން އަނެއްތަނަށް ދެވޭ ދިރޭތަކެތި އެތަކެތީގެ މާހައުލުގެ ފިނިހޫނުމިނަށް އައިބަދަލާ ގުޅިގެން އެސޮރުމެން އުޅުމަށް އެންމެ އެކަށީގެންވާ ފިނިހޫނުމިން ހުންނަ ހިސާބުތަކަށް ހިޖުރަކުރުންވެސް ހިމެނެއެވެ. މީގެއިތުރުން ލޮނުގަނޑު ހޫނުވުމުން، ކުރީގައި މޫސުންގޯސްވާ ދުވަސްވަރު އާއްމުކޮށް އުފެދޭ ކޮޅިގަނޑަށް ވުރެ މާބާރުގަދަ ކޮޅިގަނޑުތައް މާއަވަސްއަވަހަށް އުފެދުން އަދި ފަރުތަކުގެ ގާހުދުވުމުގެ ކަންތައްތައް ގިނައިން ކުރިމަތިވެ ފަރުތައް މަރުވުން ހިމެނެއެވެ.

ލޮނުގަނޑު ދައުރުވާގޮތަށް ބަދަލުއައުން

ކަނޑާއި ފަރުތަކުގައި ދިރިއުޅޭ ތަފާތު ދިރޭތަކެތި ދިރިއުޅޭ ވެށި ހިޔާރުކުރުމުގައި ލޮނުގަނޑުގެ ދައުރުވުމާ އެލޮނުގަނޑާއެކު އަންނަކާނާ އަދި އޮކްސިޖަން މުހިންމު ރޯލެއް އަދާކުރެއެވެ. ލޮނުގަނޑު މާބޮޑަށް ހޫނުވުމުން ލޮނުގަނޑުގެ ދައުރުވުން ހުއްޓެއެވެ. ދައުރުވުން ހުއްޓުމުން، ލޮނުގަނޑާއެކު ކަނޑުގެ އަޑިން ކަނޑުގެ މަތީފަށަލައަށް ނަގައިދޭ ކާނާގެ ބާވަތްތައް ދައުރުވުން ހުއްޓެއެވެ. އަދި ލޮނުގަނޑުގެ ފިނިހޫނުމިން މަތިވުމުން ލޮނުގަނޑުގެ ތެރެއަށް ފޭދި ލޮނުގަނޑުގައި އެކުލެވޭ އޮކްސިޖަންގެ މިންވަރުވެސް މަދުވެއެވެ. މިހެންވުމުން އެފަދަ ސަރަހައްދުތަކުގައި އުޅޭ ދިރޭތަކެއްޗަށް އެކަށީގެންވަވަރަށް ކާނާއާއި އޮކްސިޖަން ނުލިބި އެތަކެތި މަރުވުމަށް މަގުފަހިވެއެވެ. އަދި އެމާހައުލީނިޒާމުތައް އެކުގައި ނެތިދެއެވެ.

ލޮނުގަނޑު އެސިޑިކްވުން

ކާބަންޑައޮކްސައިޑަކީ އެސިޑިކް ގޭހެކެވެ. މިގޭސް ޖައްވުގެތެރެއަށް އިތުރުވުމުން މިގޭސް ކަނޑުގެ ލޮނުގަނޑާ އެކުވާ މިންވަރު އިތުރުވެއެވެ. އަދި ލޮނުގަނޑާ އެކުވުމުން ކާބޮނިކްއެސިޑް އުފެދެއެވެ. މީގެސަބަބުން ލޮނުގަނޑު އެސިޑިކްވެއެވެ. ލޮނުގަނޑު އެސިޑިކްވުމުން ކަނޑާއި ފަރުތަކުގެ މާހައުލުގައި ދިރިއުޅޭ އެކިބާވަތުގެ ތަކެއްޗަށް އެކިމިންވަރަށް އަސަރުކުރެއެވެ. މިގެތެރޭގައި ކެލްސިއަމްކާބޮނޭޓުން ތޮށިއުފައްދާ ތަކެތިހިމެނެއެވެ. އަދި މީގެއިތުރުން ފޮޓޯސިންތިސައިޒް ކުރާވަރު، ދިރޭތަކެތި ކާނާއިން އެނަރޖީ އުފައްދާވަރު (ރެސްޕިރޭޝަން)، ނައިޓްރޮޖެން ފިކްސޭޝަން އަދި ދަރިމައިވެ ދަރިފަސްކޮޅު އުފެއްދުމަށް އަސަރުކުރެއެވެ. މިހާތަނަށް ހޯދުނުހޯދުންތަކުން އެންމެ މުހިންމުކަމެއް ދެވިފައިވަނީ ލޮނުގަނޑުގެ ޕީއެޗް ދަށްވުމުން (އެސިޑިކް ވުމުން) ކެލްސިއަމްކާބޮނޭޓް ބޭނުންކޮށްގެން ދިރޭތަކެތީގެ ތޮށިގަނޑު އުފެއްދުމަށް ދިމާވާ ހުރަސްތަކަށެވެ. މިގޮތުން ލޮނުގަނޑު އެސިޑިކްވުމުން ގަލާއި އެހެނިހެން ތޮށިހުންނަ ދިރޭތަކެތީގެ (އެކިބާވަތުގެ ބޮލި) ތޮށި އުފެއްދުމަށް ހުރަސްއެޅެއެވެ. މީގެއިތުރުން ކަނޑުގައި ޕްލެންކްޓަން (ފަނިފަކުސާ) އުފެދޭ މިންވަރު މަދުވެ އެހެނިހެން ދިރޭތަކެއްޗަށް އެކަށީގެންވާ ކާނާ ނުލިބުންވެސް ގާތެވެ.

ކެލްސިއަމް ކާބަނޭޓުން އުފައްދާ ބައެއްތަކެތި

ލޮނުގަނޑު އުފުލުން

ވޭތުވެދިޔަ އަހަރުތަކުގައި ކަނޑުގެ ލޮނުގަނޑު ވަނީ އުފުލިފައެވެ. މީގެސަބަބުން ގޮނޑުދޮށްތައް ގިރުން އިތުރުވެ އުދައެރުމުގެ ހާދިސާތަކުން ލިބޭ ގެއްލުންތައް ބޮޑުވެފައިވެއެވެ. ދުނިއޭގެ އެކިހިސާބުތަކުގެ އައްސޭރިފަށުގައި ދިރިއުޅޭމީހުންގެ ގެދޮރުނެތި، ޗަސްބިންތައް ހަލާކުވެ، ދަނޑުގޮވާންކުރާ ދަނޑުތަކާއި އިގުތިސާދީ އެހެނިހެން ކަންތައްތަކަށް (މަސްވެރިކަން، ފަތުރުވެރިކަން އަދި ކާރުހާނާތަކަށް) ހުރަސްއެޅިފައިވެއެވެ. މީގެއިތުރުން މޫދުވިނަ، ފަރުތައް، ކުޅި އަދި މިނޫންވެސް މޫދާގުޅިފައިވާ މާހައުލުތަކަށް ވަރަށްބޮޑު ނޭދެވޭއަސަރު ކުރެއެވެ. އަދި ލޮނުގަނޑު އުފުލޭމިންވަރު އަވަސްވެއްޖެނަމަ މިކަމުން ގެއްލުންލިބޭނީ ހަމައެކަނި ކުދިގައުމުތަކަށް އެކައްޏެއް ނޫނެވެ. އައްސޭރިފަށުގައި އިގްތިސާދީ މަރުކަޒުތައް ބިނާކޮށްފައިވާ ގައުމުތަކުގެ ބޮޑެތި ސިޓީ (މިސާލަކަށް ނިއުޔޯކު، ޓޯކިއޯ، ސިޑްނީ) ތަކަށްވެސް ވަރަށްބޮޑެތި ގެއްލުން ވާނެއެވެ.

ވާރޭވެހޭ މިންވަރަށް ބަދަލުއައުން

މޫސުމީބަދަލާ ގުޅިގެން ވާރޭވެހޭ މިންވަރާއި ވެހޭވާރޭގެ ބޯމިނަށް މިހާރުވެސް ބަދަލު އައިސްފައިވެއެވެ. ކުރީން އެތައްދުވަހަކުން ވެހޭވަރަށް މިހާރު ވަރަށް ބޯކޮށް ކުޑަހިނދުކޮޅެއްގެ ތެރޭގައި ވާރޭވެއެވެ. އަދި ބައެއްސަރަހައްދުތަކުގައި ވާރޭނުވެހި ދިގުލައިގެންދާ ހަނަފަސްދުވަސްވަރު އިތުރުވެފައި ވެއެވެ. އަދި ކުޑަހިނދުކޮޅެއްގައި ވަރަށްބޯކަށް އެއްސަރަހައްދަކަށް ވާރޭވެހުމުން ސައިލުހެދި ފެންގަޑު ދަތުރުކުރުމަށް އުދަގުވެ އެސަރަހައްދުގައި ދިރިއުޅޭފަރާތްތަކުގެ ގެދޮރަށް ފެންވަދެ ހަލާކުވުމަށް މަގުފަހިވެއެވެ. އަދި ބިންގަޑު ކަނޑައިގެންގޮސް ދަނޑުބިންތައް ހަލާކުވުންވެސް އާއްމުވެފައި ވެއެވެ. ފެނާއެކު މޫދަށް ފައިބައިގެންދާ ކިސަޑާއި އެކިބާވަތުގެ ކެމިކަލްތަކުން (މިސާލަކަށް ދަނޑުހައްދާ ރަށްރަށުގައި ދަނަޑަށް ޖަހާ ކެމިކަލް) ކަނޑުގެ ލޮނުގަނޑަށް ބަދަލުއައިސް ދިރޭތަކެއްޗާއި މާހައުލީނިޒާމުތަކަށް އޭގެނޭދެވޭ އަސަރު ވަރަށްބޮޑަށް ފޯރައެވެ. ފަރުތަކަށް ކިސަޑުގެ އަސަރުކޮށް ގާތަކާއި ފަރުތަކުގައި ދިރިއުޅޭ އެހެނިހެން ދިރޭތަކެތި މަރުވުމަށް މަގުފަހިވެއެވެ. ވާރޭވެހޭ މިންވަރަށް އަންނަ މިފަދަ ބަދަލުތަކާ ގުޅިގެން މޫދުގައިވާ މާހައުލީނިޒާމުތަކަށް ކުރާ ނޭދެވޭ އަސަރުތައް އިތުރުވެ ލިބޭގެއްލުން ބޮޑުވާނެއެވެ.

ކޮޅިގަނޑުތަކުގެ ބާރުގަދަވުން

މޫސުމީބަދަލުން ދިމާވާ އަނެއްކަމަކީ މޫސުންގޯސްވެ ވިއްސާރަ ކުރާއިރު އުފެދޭ ބޮޑެތި ތޫފާނުތައް ވަރުގަދަވެ، ވައި އާދަޔާހިލާފަށް ބާރުވެ، ބޯކޮށް ވާރޭވެހުމެވެ. އަދި ކޮޅިގަނޑާއި ތޫފާންތަކާއެކު ކަނޑުގެ ލޮނުގަނޑު އިތުރަށް އުފުލި އުދައެރުމުގެ ހާދިސާތައް އިތުރުވުމެވެ. މިހާރުވެސް ދުނިއޭގެ އެކިހިސާބުތަކުގައި އުފެދޭ ކޮޅިގަނޑުތަކުގެ ބާރުގަދަވެ އެފަދަކޮޅިގަނޑު ތަކުން އާބާދީތަކަށް ލިބޭގެއްލުން ވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. ހަމަމިއާވިދިގެން ފާހަގަކޮށްލެވޭ އަނެއްކަމަކީ ފެސިފިކު ސަރަހައްދުގައި އުފެދޭ ތޫފާންތައް މަދުވެފައިވާކަމެވެ. ނަމަވެސް ފާހަގަކުރެވޭ އެހެންކަމަކީ މިސަރަހައްދުގައި ތޫފާނެއް އުފެދޭއިރު އެތޫފާނުގެ ބާރު މާގަދަކަމެވެ. މިފަދަ ތޫފާނުތަކާ ގުޅިގެން ފަރުތަކާއި، މޫދުވިނަ، ކުޅިފާޗަސްބިންތައް ހަލާކުވެ އެތަންތަނުން ލިބެމުންދާ ހިދުމަތްތައް އެންމެ ފުރިހަމައަށް ނުލިބުން ވަރަށް ގާތެވެ. އަދި އެހެންވުމުން މާހައުލީނިޒާމުތައް ހުއްޓުމަކަށް އައުން ވަރަށް އެކަށީގެންވެއެވެ.

ޖުމުލަގޮތެއްގައި ބުނަނީނަމަ އެކިމާހައުލީނިޒާމުތައް ވަނީ އަހަރެމެން އިންސާނުން ފުރިހަމަ ސިއްހަތުގައި ދިރިއުޅުން ބިނާކުރުމަށް މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދޭ ތަންތަނަށެވެ. ބައެއްނިޒާމުތަކުން ކާނާއާއި އިންސާނުންގެ ތަފާތު ބޭނުންތަކަށް އެކިބާވަތުގެ ތަކެތި ފޯރުކޮށްދެއެވެ. އަނެއްބައި ނިޒާމުތަކަކީ އިންސާނުން ދިރިއުޅޭ މާހައުލު އެންމެ އެކަށީގެންވާގޮތުގައި ދެމިއޮތުމަށް ތަފާތު ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނެވެ. އެހެންކަމުން މޫސުމީބަދަލުން ދިމާވާގޮންޖެހުންތަކުގެ ސަބަބުން އިންސާނުން މިހާރު މިދިރިއުޅޭ ގޮތްތަކަށް ބަދަލުތަކެއް ގެންނަންޖެހުން އެއީ ވަރަށް އެކަށީގެންވާ ކަމެކެވެ. މިހާރުވެސް ދުނިއޭގެ ބައެއް ސަރަހައްދުތަކުގައި އެކަށީގެންވާވަރަށް ކާނާނުލިބުމުގެ ސަބަބުން އެސަރަހައްދުތައް ދޫކޮށް އެހެންތަންތަނަށް ހިޖުރަކުރަން ޖެހިފައިވާ އެތައްވަޔަކު ވެއެވެ. ރާއްޖެއަށް ބަލައިލިއަސް މޫސުމީބަދަލާއެކު ކަނޑުގެ ލޮނުގަނޑު އުފުލި ހުޅަނގުމޫސުމުގެ ކޮޅިގަނޑުތައް ވަރުގަދަވުމާ ގުޅިގެން ރަށްތަކަށް އުދައެރުން އާއްމުވަމުން ދާކަން ފާހަގަކުރެވެއެވެ. މޫސުމީބަދަލުގެ ސަބަބުން މިދިމާވާ ކަންތައްތަކާ ކުރިމަތިލުމުގެ ގާބިލުކަން މުޖުތަމައު ތަކުގައި އިތުރުކުރުމަކީ މުޖުތަމައުތަކަށް ލިބޭގެއްލުން ކުޑަކުރުމަށް އެޅިދާނެ އެންމެ މުހިންމު އެއްފިޔަވަޅެވެ.

ގުޅޭ ޓެގު
comment ކޮމެންޓް