ދިޔަރެސްގެ ނޫސްވެރިޔާ އަޒާންގެ ތަހުގީގާ ގުޅިގެން އެމްނެސްޓީން ކަންބޮޑުވުން ފާޅުކޮށްފި

ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާން --- ފޮޓޯ/ ރައީސް އޮފީސް

ދިޔަރެސް ނޫހުގެ ނޫސްވެރިޔާ، އަޙްމަދު އަޒާން މަރުޒޫޤްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކާ ގުޅިގެން އެމްނެސްޓީ އިންޓަނޭޝަލްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޖިނާއީ ކުށެއް ކުރި ކަމުގެ ތުހުމަތަށް އަޒާން ވަނީ ޕޮލިހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އޭނާ ހާޒިރު ކޮށްފައިވަނީ އައިޖީއެމްއެޗްގެ ޕޯޓަލްއިން އާންމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަނެތި އެކްސެސްވިގޮތާ ގުޅޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގުގައި ސުވާލު ކުރުމަށެވެ.

އެ ތުހުމަތުތައް އޭނާ ވަނީ ދޮގުކޮށްފައެވެ. އެމްނެސްޓީން ބުނީ އަޒާނަށް ބިރުދައްކައި އޭނާގެ މައްސަލަ ބަލަމުންދާތީ ކަންބޮޑުވާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު، ކަމާބެހޭ ފަރާތްތަކުން ހިމާޔަތް ކޮށްދޭންޖެހޭނެ ކަމަށް އެމްނެސްޓީން ބުނެއެވެ.

އަޒާން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމާ ގުޅިގެން ބައެއް ނޫސްވެރިން ވަނީ އޭނާ ހާޒިރުކުރި ވަގުތު ޝަހީދު ހުސައިން އާދަމް ބިލްޑިން ކައިރިއަށް އެއްވެ މުޒާހަރާކޮށްފައެވެ. އަދި އަޒާން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅިދާނެފަދަ އެއްވެސް ކަމެއް ދިވެހި ފުލުހުންގެ ޚިދުމަތުން ނުކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

comment ކޮމެންޓް