ޗައިނާގެ ރައީސް ޝީ ޖިންޕިން ޖެއްސެވީ އެގައުމުން ކޮވިޑް-19އަށް އުފެއްދި ވެކްސިނެއް ކަމަށް ޗައިނާގެ ހެލްތު ކޮމިޝަނުން ބުނެފިއެވެ.
ޗައިނާގެ ސަރުކާރުގެ އިސް ވެރިން، އެގައުމުން އުފެއްދި ކޮވިޑް ވެކްސިން ޖެއްސެވިކަން ހެލްތު ކޮމިޝަނުން ހާމަކުރީ އެ ވެކްސިންތަކުގެ ރައްކާތެރިކަން ސާބިތުކޮށްދިނުމުގެ ގޮތުންނެވެ. އެގައުމަކީ އާންމު ގޮތެއްގައި ސަރުކާރުގެ އިސް ވެރިންގެ ސިއްހީ މައުލޫމާތު އާންމުކުރާ ގައުމެއް ނޫނެވެ.
ޝީ ވެކްސިން ޖައްސަވާފައިވަނީ އެގައުމުގައި މިހާރު ކުރިއަށްގެންދާ ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމުގެ ކެމްޕޭނަށް މީހުން އަހުލުވެރިކޮށް ވެކްސިން ޖެހުމަށް ހިތްވަރުދިނުމަށްޓަކައި ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
ޝީ ޖެއްސެވީ ވެކްސިންގެ ކިތައް ޑޯޒްކަން އަދި ހާމަކޮށްފައިނުވެއެވެ.
ޗައިނާގެ ހުރިހާ ލީޑަރުން ވެސް ޖެއްސެވީ އެގައުމުގައި އުފެއްދި ކޮވިޑް ވެކްސިންކަން އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ ޑެޕިއުޓީ ހެޑް ޒެންގް ޔިކްސިން ފާހަގަކުރެއްވިއެވެ. އަދި އެކަމުން ދޭހަވަނީ ޗައިނާގެ ވެކްސިންއަށް އިތުބާރު އޮތްކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޗައިނާއިން ދަނީ ވެކްސިން ދޭ ރޭޓްތައް އިތުރު ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ގައުމަކީ "ޒީރޯ ކޮވިޑު"ގެ ސީޔާސަތެއް ގެންގުޅޭ ގައުމެކެވެ. މި ސިޔާސަތުގެ ދަށުން މީހުން އެކަހެރި ކުރުމާއި ލޮކްޑައުންގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްގެންދެއެވެ.
އެގޮތުން މިދިޔަ އޭޕްރީލް މަހު ޝަންހާއީގައި ކޮވިޑު ފެތުރެން ފެށުމާއެކު އެ ސިޓީ ދެ މަހަށް ވުރެ ގިނަ ދުވަހަށް ލޮކްޑައުންކޮށްފައިވެއެވެ.
ޖޯންސް ހޮޕްކިންސް ޔުނިވާސިޓީން ބުނާ ގޮތުގައި، ކޮވިޑުގެ ބަލިމަޑުކަން ފެތުރެން ފެށި ފަހުން ޗައިނާއިން މިހާތަނަށް 2.2 މިލިއަން މީހުންނަށް ބަލި ޖެހި، ބަލީގައި 14،647 މީހުން ވަނީ މަރުވެފައެވެ.