ޓީއެމްއޭ ވިއްކާލުމަށް ހިއްސާދާރުން މަޝްވަރާކުރަނީ

ޓީއެމްއޭގެ ސީ ޕްލޭނެއް --- ފޮޓޯ: ޓީއެމްއޭ

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) ވިއްކާލުމަށް އެ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި މަޝްވަރާ ކުރެވެމުންދާކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ ބްލޫމްބާގުން ރިޕޯޓުކޮށްފިއެވެ.

ބްލޫމްބާގުން ރިޕޯޓުކުރާ ގޮތުގައި، އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ އޮންނަ ކާލައިލް ގްރޫޕާއި، ކޯ އިންވެސްޓަރުންގެ ގޮތުގައި ތިބި ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓް އަދި ޑޭވިޑްސަން ކެމްޕްނާ ކެޕިޓަލް މެނޭޖްމަންޓުން މިކަމާ ގުޅޭ މަޝްވަރާތަށް މިހާރު ވަނީ ފަށާފައެވެ.

އެ ކުންފުނި 500 މިލިއަން ޑޮލަރާއި، 700 މިލިއަން ޑޮލަރާ ދެމެދުގައި މިހާރު އަގު ކުރެވޭނެ ކަމަށް އެ ނޫހުން ރިޕޯޓުކުރެއެވެ.

ބްލޫމްބާގުން ރިޕޯޓުކުރާ ގޮތުގައި ޓީއެމްއޭ ގަތުމަށް މިހާރު ވެސް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. ނަމަވެސް، އަދި އެ ކުންފުނި ވިއްކާލުމާ މެދު ވަކި ގޮތެއް ނިންމާފައި ނުވާކަމަށާއި، އެ ކުންފުނީގެ މިލްކުވެރިކަން އަދި ދޫކޮށް ނުލުމަށް ހިއްސާދާރުން ނިންމުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެތެރޭގެ މަސްދަރަކާ ހަވާލާދީ ބްލޫމްބާގުން ރިޕޯޓުކުރެއެވެ.

ކާލައިލް ގްރޫޕަށް ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ލިބުނީ މިދިޔަ އަހަރު ކުރިއަށް ދިޔަ، ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ޑީލަކަށް ފަހުއެވެ. އޭގެ ކުރިން އެ ކުންފުނި އޮތީ އެމެރިކާގެ ބެއިން ކެޕިޓަލް އާއި، ޗައިނާގެ ޓެމްޕަލް ގުރޫޕުގެ މިލްކުވެރިކަމުގެ ދަށުގައެވެ. އެ ދެ ކުންފުނިން ޓީއެމްއޭ ގަތީ 2017 ވަނަ އަހަރު، 550 މިލިއަން ޑޮލަރުގެ އަގެެއްގައެވެ.

ޓްރާންސް މޯލްޑިވްސް އެއާވޭސް ޕްރައިވެޓް ލިމިޓެޑް އުފެދުނީ 2013ވަނަ އަހަރު، ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދެމުން ދިޔަ މޯލްޑިވްސް އެއާ ޓެކްސީއާއި، ޓްރާންސް މޯލްޑިވްސް އެއާވޭސް އަދި މަޝްހޫރު އިންވެސްޓްމަންޓް ފާމް، ބްލެކްހެޑް ގުޅިގެންނެވެ.

comment ކޮމެންޓް