ފަންނާނުންގެ މިއުޒިކީ ޢީދު ފުރަތަމަ ފަހަރަށް މާލެއިން ބޭރުވެ، އައްޑޫއަށް މިސްރާބު ޖަހަނީ

މިދިޔަ ބޮޑު ޢީދާ ގުޅިގެން އައްޑޫ ސިޓީ، ހިތަދޫގައި ބޭއްވި މިއުޒިކް ޝޯވްގެ ތެރެއިން -- ފޮޓޯ/ ކައުންސިލް

މިނިވަންދުވަހާ ގުޅިގެން މާލޭގައި ބާއްވަމުން އަންނަ "ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު" ޝޯ މިފަހަރު އައްޑޫ ސިޓީގައި ބާއްވައިގޮތަށް ހަމަޖައްސައިފިއެވެ.

މިއީ މި ޝޯވް މާލެއިން ބޭރުގައި ބާއްވައި ފުރަތަމަ ފަހަރެވެ.

އައްޑޫ ސިޓީ ކައުންސިލާ ނެޝަނަލް ސެންޓާ ފޯ ދި އާޓްސް، ގުޅިގެން ބާއްވައި މި ޝޯވްތައް އޮންނާނީ މިމަހުގެ 27 އަދި 28 ވަނަ ދުވަހު، ހިތަދޫ ސްޓޭޖު ސަރަހައްދުގައެވެ.

މި ޝޯވްއާ ބެހޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުޢާއު ވިދާޅުވީ މާދަމާގެ ވަގުތެއްގައި ޝޯވް ބާއްވައި ސަރަހައްދުގެ ސްޓޭޖު އިތުރަށް ރީތި ކުރުމުގެ މަސައްކަތް ފައްޓާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ ބޮޑު ޢީދުގައި ބޭއްވި ޝޯ އިން ޢިބުރަތް ހާސިލު ކޮށްގެން މިފަހަރުގެ ޝޯގައި ގޮނޑި ޖަހާ އަދަދު އިތުރު ކުރުމަށް ވިސްނަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ޝޯ ބަލަން އަންނަ މީހުންނަށް ފަސޭހަ ކުރުމަށް ޓަކައި ފުޑް ޓްރަކްތަކެއް ބެހެއްޓުމުގެ އިތުރުން އެ ސަރަހައްދުގައި ހިންގައި ކެންޓީން ތަކަށް ވެސް ފުރުސަތު ދޭނެ ކަމަށެވެ.

"ސްޓޭޖު ވަނީ ޢީދަށް ރީތި ކޮށްފައި. ނަމަވެސް މި ޝޯވްއަށް އިތުރަށް ރީތިކޮށް ތައްޔާރު ކުރުމުގެ މަސައްކަތް މާދަމާ ފަށާނަން. ފާހަގަ ކުރަން ބޭނުންވަނީ މިދިޔަ ޢީދު ޝޯވް ބަލަން އައި މީހުން ގިނަވެ، ގޮނޑިތައް ވެސް މަދުވީ. އެހެންވީމަ މިފަހަރު އެތަނުގައި ގިނައިރު މީހުން ތިބޭ ނަމަ އިތުރު ގޮނޑި ޖަހަން ގަސްތު ކުރަނީ،" ޝުޢާއު ވިދާޅުވިއެވެ.

މިނިވަން ދުވަހާ ގުޅުވައިގެން މީގެ އެތައް އަހަރެއް ކުރިން ފެށިގެން މާލޭގައި ބާއްވަމުން އަންނަ ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު ޝޯ އަކީ ލަވަކިއުމުގެ ދާއިރާއާއި މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކި ފެންވަރުގެ ފަންނާނުންނަށް އެމީހުންގެ ހުނަރު ދައްކާލުމަށް ޓަކައި ބާއްވަމުން އަންނަ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ވަރަށް ފޯރި ގަދަ ޝޯތަކެކެވެ.

comment ކޮމެންޓް