އިސްރާއީލުގެ ޔަހޫދީ ނޫސްވެރިއަކު މައްކާގެ ހަރަމްފުޅުގެ ކައިރިއަށް ގޮސް ރިޕޯޓެއް ތައްޔާރު ކުރަނީ

ޔަހޫދީ ނޫސްވެރިޔާ އަރަފާތު ބިމުގައި

ޓެލްއަވީވު (20 ޖުލައި 2022): އިސްރާއީލުގެ ޔަހޫދީ ޒަޔަނިސްޓް ނޫސްވެރިޔަކު ސައޫދީ އަރަބިއާއަށް ދަތުރުކޮށް މުސްލިމުންގެ އެންމެ މުގައްދަސް ހަރަމްފުޅުކަމަށްވާ މައްކާގެ މަސްޖިދުލްހަރާމް (ގެފުޅު) ކައިރިއަށް ގޮސް އޭނާ ތައްޔާރުކުރާ ރިޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔަކަން ހާމަވުމުން މުސްލިމުންގެ އެތައް ބައެއްގެ ރުޅި ސައޫދީ އަރަބިއާއަށް އަމާޒުވެއްޖެއެވެ.

މިޚަބަރު ފެތުރިގެން ދިޔުމާއެކު އަރަބި ގައުމުތަކާއި އަރަބި ނޫން ގައުމުތަކުގެ މުސްލިމުންގެ އެތައް ބަޔަކު ދަނީ ޔަހޫދީ ނޫސްވެރިއާ ގެފުޅާއި މައްކާގައިވާ ހައްޖުގެ މަޝްޢަރުތަކާއި މައާލިމްތަކުގެ ކައިރިއަށް ގޮސް ކުރި ނޫސްވެރިކަމުގެ މަސައްކަތް ސޯޝަލް މީޑީއާގައި ކުށްވެރިކޮށް މިފުރުސަތު އޭނާއަށް ދިނީތީ ސައޫދީ ސަރުކާރާ މެދު ވެސް ނުރުހުންފާޅު ކުރަމުންނެވެ.

ޔަހޫދީ ނޫސްވެރިއާ މައްކާގެ ހަރަމްފުޅުގެ ކައިރީގައި

ސައޫދީ ސަރުކާރުންވެސް އަދި ސައޫދީ މަސްއޫލުވެރިއަކުވެސް މިޚަބަރު ދޮގުކޮށްފައެއް ނުވެއެވެ. އަރަބި މީޑީއާ ބުނާގޮތުން ގެފުޅާއި މައްކާގައިވާ ހައްޖުގެ މަޝްޢަރުތަކާއި މައާލިމްތަކުގެ ކައިރިއަށް ޔަހޫދީ ޒަޔަނިސްޓް ނޫސްވެރިޔާ ދިޔައީ ސައޫދީ ސަރުކާރުގެ ޚާއްސަ ހުއްދައެއް ލިބިގެން ސައޫދީ ކަމާބެހޭ މަސްއޫލުވެރިންގެ ބެއްލެވުމުގެ ދަށުންނެވެ.

އަރަބި މިޑިއާ ބުނާގޮތުން މައްކާގައިވާ މުސްލިމުންގެ މުގައްދަސް ތަންތަނުގެ ކައިރިއަށް ގޮސް ނޫސްވެރިކަމުގެ މަސައްކަތް ކޮށްފައިވަނީ އިސްރާއީލުގެ ޓީވީ ސެޓޭޝަނެއްކަމަށްވާ ޗެނަލް ތޭރަގެ ނޫސް ވެރިއެއްކަމަށްވާ ގިލް ޓިމާރީ ނަމަކަށް ކިޔާ މީހެކެވެ. ގިލް ޓިމާރީ އަކީ ޔަހޫދީ ޗެނެލް ތޭރަގެ ދުނިޔޭގެ ޚަބަރުތަކާބެހޭ އެޑިޓަރުކަމަށް ވެއެވެ.

އޭނާ މައްކާގައިވާ މުސްލިމުންގެ މުގައްދަސް ތަންތަނުގެ ކައިރިއަށް ދިޔައީ ކުރީ ޒަމާނުގައި ހިޖާޒުކަރާގައި ޔަހޫދީން ދިރިއުޅެފައިވާތީ އެކަމާ ބެހޭގޮތުން ރިޕޯޓެއް ތައްޔާރުކުރަން ބޭނުންވާ މައުލޫމާތު ހޯދުމަށް ކަމަށާއި އޭނާ އަރަފާތު ބިމުގައި ހުންނަ ޖަބަލު އަރަފާތަށް އެރިކަމަށާއި ގެފުޅުގެ ކައިރީގައިވާ ބޮޑުގަޑި ހުންނަ އިމާރާތުގެ ކައިރީގައި ފޮޓޯނަގަން އުޅުނުކަމަށް ވެސް އަރަބި މިޑީއާ ބުނެއެވެ.

ޔަހޫދީ ނޫސްވެރިޔާ އަރަފާތު ބިމުގައި (ޖަބަލު އަރަފާތުގެ ތިރީގައި ނަގާފައިވާ ފޮޓޯއެއް) ސައޫދީ އަރަބިއާއިން ރަސްމީ ސިފައެއްގައި އިސްރާއީލާ ގުޅުންތައް އުފައްދާފައެއް ނުވެއެވެ. ނަމަވެސް ސައޫދީ ސަރުކާރާއި ސައޫދީ މަސްއޫލުވެރިން ނުރަސްމީކޮށް އިސްރާއީލާ ވަރަށް ފުޅާދާއިރާއެއްގައި ގެންދަނީ މުއާމަލާތް ކުރަމުންނެވެ. އަދި ދެގައުމުގެ މެދުގައި ނުރަސްމީ ގުޅުންތައްވެސް ދަނީ ހަލުވިކަމާއެކު ކުރިއަރަމުންނެވެ. މިއީ ކުރިން ސިއްރެއްގެ ގޮތުގައި އޮތްކަމެއް ނަމަވެސް މިހާރު މިއީ ސިއްރެއް ނޫނެވެ. ސައޫދީ ސަރުކާރުން މިހާރު މިކަން ދޮގެއްވެސް ނުކުރެއެވެ.

ނަމަވެސް ސައޫދީ ސަރުކާރު ބުނަނީ 1967ގެ ހަނގުރާމައިގާ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުން ފައިބައި އެބިންތަކުގައި ފަލަސްތީނުގެ ދައުލަތެއް އުފައްދައި ނުދޭހާ ހިނދަކު އިސްރާއީލާ ރަސްމީ ގުޅުންތައް ނުއުފައްދާނެ ކަމަށެވެ.

މިދިޔަ ހަފްތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ސައޫދީއަށް ކުރެއްވި ދަތުރުފުޅުގައިވެސް ސައޫދީ އާއި އިސްރާއީލާ ދެމެދު ރަސްމީ ގުޅުންތައް އުފައްދައި އެކަން އިއުލާން ކުރަން ސައޫދީ މަސްއޫލުވެރިންނަށް ބާރު އެޅުއްވިކަމަށް ވެއެވެ.

ޔަހޫދީ ނޫސްވެރިއާ އަރަފާތު ބިމުގައި

ނަމަވެސް ސައޫދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާނުވަނީ 1967ގެ ހަނގުރާމައިގާ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުން ފާބައި އެބިންތަކުގައި ފަލަސްތީނުގެ ދައުލަތެއް އުފައްދައި ނުދޭހާ ހިނދަކު ސައޫދީ ސަރުކާރުން އިސްރާއީލާ ރަސްމީ ގުޅުންތައް ނުއުފައްދާނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ސައޫދީން އިސްރާއީލާއެކު ރަސްމީ ގުޅުންތައް ނުއުފެއްދި ނަމަވެސް އެމެރިކާގެ ރައީސް ސައޫދީއަށް ކުރެއްވި ދަތުރުފުޅާއެކު ސައޫދީ ސަރުކާރުންވަނީ އިސްރާއީލުގެ މަތިންދާބޯޓުތަކަށް ސަޢޫދީގެ ވައިގެ ސަރަޙައްދު ހުޅުވާލާފައެވެ. މިއާއެކު އިސްރާއީލާއި އެމެރިކާވަނީ އެކަމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ސައޫދީގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން ބުނެފައިވަނީ ކުރިން އެގައުމުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައިން ވަކި ގައުމެއް އިސްތިސްނާ ކޮށްފައިވާނެކަމަށާއި ނަމަވެސް ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ބެހޭގޮތުން 1944 ވަނަ އަހަރު ސޮއިކޮށްފައިވާ ޝިކާގޯ މުއާހަދާގައިވާ ގޮތަށް ދުނިޔޭގެ ހުރިހާ ގައުމެއްގެ ފަސިންޖަރު މަތިންދާބޯޓުތަކަށް (އެއްވެސް ގައުމެއް އިސްތިސްނާ ނުވާގޮތަށް) ސައޫދީގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ މިހާރު ދީފައިވާނެ ކަމަށެވެ. އިސްރާއީލުގެ ނަން ހާމަކޮށްފައެއް ނުވެއެވެ.

މީގެއިތުރުން ސައޫދީ ސަރުކާރުންވަނީ އިސްރާއީލުގެ ޗާޓަރު މަތިންދާބޯޓުތައްވެސް ސީދާ އިސްރާއީލުން ފުރައިގެން ސައޫދީ ވައިގެ ބަނދަރުތަކުގައި ޖެއްސުމުގެ ހުއްދަ ދީފައެވެ.

ސައޫދީ ގާނޫނު ބުނާގޮތުން މައްކާގެ ޙަރަމްފުޅުގެ ސަރަހައްދަށް ޣައިރު މުސްލިމުން (މުސްލިމުން ނޫން މީހުން) ވަނުމަކީ މަނާކަމެކެވެ. ގާނޫނަކުން ސައޫދީގައި މިކަން މަނާކޮށްފައިވަނިކޮށް އެސަރަހައްދަށް ވަދެ ނޫސްވެރިކަމުގެ ކަންކަން ކުރުމުގެ ފުރުސަތު ސައޫދީ ސަރުކާރުން ޔަހޫދީ ނޫސްވެރިޔާ ގިލް ޓިމާރީއަށް ދިނުމުން އޭނާ ނިސްބަތްވާ އިސްރާއީލުގެ ޔަހޫދީ ޓިވީ ކަމަށްވާ ޗެނަލް ތޭރައިން ވަނީ އެކަން ވަރަށް ފަޚުރުވެރިކަމާއެކު ފާހަގަކޮށްފައެވެ. އެޗެނެލް ބުނާގޮތުން މިއީ ސައޫދީ އާއި އިސްރާއީލުގެ ގުޅުން ފަރުދާގެ އަނެއްފަރާތުން ތަރައްގީވަމުންދާކަމުގެ ވަރަށް ބޮޑު ހެއްކެކެވެ.

comment ކޮމެންޓް