ޝިހާމަށް ކުރި އަނިޔާއަށް އިންސާފު ހޯދައިދޭން ވިލިނގިލީ ރައްޔިތުން މުޒާހަރާއަށް

ގއ. ވިލިނގިލީގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން --

ކ. ދިއްފުއްޓަށް ގޮސް އުޅުނު ގއ. ވިލިނގިލީ، މުޙައްމަދު ޝިހާމުގެ ބޮލުގައި ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތު އަޅުވައި އޭނާއަށް އެ ރަށުން ކުރި އަނިޔާއަށް އިންސާފު ހޯދައިދޭން ވިލިނގިލީ ރައްޔިތުން ނިކުމެ، ސިލްސިލާ މުޒާހަރާތަކެއް ފަށައިފިއެވެ.

ދިއްފުއްޓަށް ދަތުރު ގޮސް އުޅުނު ގއ. ވިލިނގިލީ މުޙައްމަދު ޝިހާމް, 35، އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެ ރަށުގެ ރައްޔިތުން ވަނީ އޭނާ އަތިރި މައްޗަށް ނެރެ، ބަރަހަނާ ކުރުމަށްފަހު، ބޮޑެތި އަނިޔާތަކެއް ދީފައެވެ.

ޝިހާމަށް ދިއްފުށީ ރައްޔިތުންގެ ފަރާތުން ލިބުނު އަނިޔާތަކަށް މިވަގުތު ފަރުވާ ހޯދަމުންު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

ގއ. ވިލިނގިލީގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން --

މި މުޒާހަރާއާއި ބެހޭގޮތުން ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުޙައްމަދު "ސަން"އަށް ވިދާޅުވީ ކަން ހިނގައިދިޔަ ގޮތަށް ބަލާއިރު، އެއީ ދިއްފުށީ ރައްޔިތުންނާއި ދިވެހި ފުލުހުން ގުޅިގެން ހިންގި ޓެރެރިސްޓް ޖަރީމާއެއް ކަމަށެވެ.

"ފުލުސް މީހާ އެ ބުނަނީ ޝިހާމާއި ދިމާލަށް ސްޓްރެޗާއެއްގައޭ ކަލެއަށް މި ރަށުން ފޭބޭނީ. މިމީހުންގެ އަތުން ސަލާމަތް ވެގެން ދެން ވެސް ކަލޭ އަންނާނީ ތިމަންނަމެންގެ އަތްދަށަށޭ. މިއީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން. ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދޭން ތިބި ޑޮކްޓަރުން ވެސް ބުނަނީ ކަލެއަށް މިތަނުން ދޭނެ ފަރުވާއެއް ނެތޭ. އަނެއްކާ ހޮސްޕިޓަލް ތެރޭގައި އޮއްވައި އެތަނުން ކަރަންޓު ކަނޑާލައިގެން ބޭރަށް ނެރެ، އަނެއްކާ ވެސް ތަޅާ އަނިޔާ ކުރީ. އެހެންވީމަ މި ޖަރީމާ ދުލުން ބަޔާންކޮށްދޭން ވެސް އަޅުގަނޑަކަށް ނޭނގެ،" ވިޝާލް ވިދާޅުވިއެވެ.

ގއ. ވިލިނގިލީގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން --

އޭނާ ވިދާޅުވީ ވިލިނގިލީ ޒުވާނަކަށް ނުހައްގުން އަނިޔާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެހެންކަމުން ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ޒިންމާދާރު ކުރުވުމަށް ޓަކައި ކުރާންޖެހުނު ކޮންމެ ކަމެއް ވިލިނގިލީ ރައްޔިތުން ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ޖަރީމާގައި ބައިވެރި ޓެރެރިސްޓުން ހޯދައި އިންސާފުގެ ކުރިމައްޗަށް ނުގެންނަނީސް މުޒާހަރާތައް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.

"ހަގީގަތުގައި ވެސް މި ހުޅުވާލެވެނީ ދެ ރަށެއްގެ ދޭތެރޭގައި ބޮޑު ފިތުނައެއް އުފެދެން. އެހެންވީމަ ރައްޔިތުން ނުކުމެ މިކަމަށް އިންސާފު ހޯދުމުގެ ކުރިން ސަރުކާރުން ވީހާ ވެސް އަވަހަކަށް މި ޖަރީމާގައި ބައިވެރިވި އެންމެން ގެންނަންވީ އިނގޭތޯ،" ވިޝާލް ވިދާޅުވިއެވެ.

"އެހެންނޫނީ މި ދެ ރަށުގެ ދޭތެރޭގައި މި އުފެދޭ ފިތުނައިގެ އޮއިވަރު ނިމޭނެ ގޮތެއް އަޅުގަނޑަށް ބުނަންވެސް ނޭނގެ،"

އެ ހަމަނުޖެހުން ހުއްޓުވުމަށް ދިއްފުއްޓަށް ދިޔަ ހަތަރު ފުލުހުންގެ ތެރެއިން އެކަކު ޝިހާމްއާ ދިމާލަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެކޮޅު ހެދިކަމަށް އޭނާ ބުނެއެވެ.

ޝިހާމް ހޮސްޕިޓަލުގައި އޮވެ ވާހަކަ ދައްކަމުން ބުނީ އެމީހުންގެ ތެރޭގައި ހުރި ޕޮލިސް ސާޖެންޓެއް، ބޭނުންހާ ގޮތެއް ހެދޭނެ ކަމަށް ހީކުރަމަކީ ގޯހެއް ކަމަށް ބުނެ އޭނާއަށް ބިރު ދެއްކި ކަމަށެވެ. އަދި އެ ރަށުން ދާން ޖެހޭނީ ސްޓްރެޗާއެއްގައި އަނެއްކާ ވެސް އެމީހުންގެ އަތްދަށަށް ކަމަށް ބުނެ، އިންޒާރު ދިން ކަމަށް އޭނާ ބުންޏެވެ.

ޝިހާމް ތުހުމަތު ކުރާ ގޮތުގައި އެވަގުތު އެތަނުގައި ހަރަކާތްތެވި ފުލުހުން ވެސް އޭނާއަށް އަނިޔާ ކުރުމުގައި ބައިވެރިވިއެވެ.

މި މައްސަލައިގައި ވިލިނގިލީ ކައުންސިލުން ވަނީ ޝިހާމަށް އަނިޔާކުރި މީހުން އިންސާފުގެ ކުރިމައްޗަށް ވީހާވެސް އަވަހަކަށް ގެނައުމަށް ގޮވައިލާފައެވެ.

އެ ހަމަނުޖެހުމުގައި ފުލުހެއް ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

comment ކޮމެންޓް