ލިބެމުންދިޔަ މަދު ފައިސާކޮޅުން ކުރި ބުރަ މަސައްކަތާއި ދެކުނު ހުވަފެން، ހިނދުކޮޅެއްގެ ތެރޭގައި އަޅިއަށް!

ގައްދޫގައި އިއްޔެ ރޯވި ހަރުގެ އާއި ދޯނި ---

ގދ. ގައްދޫގައި އަބްދުއްލަތީފާއި އޭނާގެ ޅިޔަނު އަބްދުﷲ ވަހީދު މީގެ އަށް އަހަރު ކުރިން މަސައްކަތް ފެށީ އަމިއްލައަށް ދޯންޏެއް ބަނުމަށެވެ. އެ ދޯނި ބަނދެ ނިންމައި، މި އަހަރުގެ ޑިސެންބަރު މަހު ބޭލުމުގެ ފޮނި އުއްމީދުގައެވެ.

ލަތީފްގެ ދައްތަގެ ހުރިހާ ދަރިންގެ ހިއްސާ އޮންނަ އެ ދޯނި ބަނުމުގެ މަސައްކަތް ކުރީ އެމީހުންނަށް ލިބޭ މަދު ފައިސާކޮޅު ބޭނުންކޮށްގެންނެވެ. އިތުރު އެއްވެސް ބަޔެއްގެ އެހީއެއް ނުހޯދައެވެ.

ގައްދޫގައި އިއްޔެ ރޯވި ދޯނި --- ފޮޓޯ/ އަބްދުލް ލަތީފް

އެ ދޯނި ޚާއްސަވާ ސަބަބަކީ އަދި އެ އާއިލާއިން ކުރަމުން އައި ފޮނި އުއްމީދުތަކުގެ އަސްލަކީވެސް ލިބޭ މަދު ފައިސާކޮޅުން ދޯނި ބަނުމަށް އެންމެން އަޒުމު ކަނޑައަޅައިގެން ތިބުމެވެ. ނަމަވެސް އާއިލާގެ ހުރިހާ ކުދިން ދެކެމުން އައި ހުވަފެންތައް ފަނޑުވެގެންދިޔައީ އިއްޔެ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުންނެވެ.

އިއްޔެ އެ ހާދިސާ ހިނގުމުގެ ކުރިން ލަތީފާއި އޭނާގެ ޅިޔަނު ގެއަށް ދިޔައީ މެންދުރު ކެއުމަށެވެ. އެއަށް ފަހު ދޯނި ބަންނަ ސަރަހައްދަށް އެމީހުން ދިޔައީ، އެތަނުގައި ރޯވެގެން އުޅޭ ކަމަށް އެމީހުންނާއެކު މަސައްކަތް ކުރާ ބިދޭސީ މީހާ ގުޅާފައި ބުނުމުންނެވެ.

"ބިދޭސީ މީހާ ގުޅީމަ ދިޔައީ. އޭރު ގެއަށް އައިސް މަޑުކޮށްލައިގެން އިންދާ އޭނާ ގުޅީ،" ލަތީފް ބުންޏެވެ.

ލަތީފް ބުނީ އެމީހުން ދޯންޏާ ހިސާބަށް ދިޔައިރުވެސް އެ ދޯނީގައި ވަރަށް ބޮޑަށް ރޯވެފައިވާ ކަމަށާއި އޭރު އަލިފާން ހިފާފައި ހުރީ ދޯނީގެ ގެގަނޑުގައިކަމަށެވެ.

އިއްޔެ ހަވީރު 16:00 ހާއިރު ހިނގި އެ ހާދިސާގައި އަލިފާން ނިއްވާލާފައިވަނީ އެ ރަށު ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުންނެވެ.

ގައްދޫގައި އިއްޔެ ރޯވި ދޯނި --- ފޮޓޯ/ އަބްދުލް ލަތީފް

އަލިފާން ރޯވުމުގެ ކުރިން، 83 ފޫޓުގެ އެ ދޯނީގެ 95 ޕަސެންޓު މަސައްކަތް އޮތީ ނިމިފައެވެ. އަދި މިހާތަނަށް އެ ދޯންނަށް ވަނީ 4.5 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

ނަމަވެސް މިހާރު އެ ދޯނީގެ 65 ޕަސެންޓް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ އިރު އެކަމާމެދު ކުރެވޭނެ އެއްވެސް ކަމެއް މިވަގުތު ނެތް ކަމަށް ލަތީފް ބުންޏެވެ.

އެ ހާދިސާ ހިނގާ ދިޔަ ގޮތާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނަން އެނގޭނީ ފުލުހުން މައްސަލަ ބަލައި، އެކަން އެންގުމުން ކަމަށް ވެސް ލަތީފް ބުންޏެވެ.

"އިއްޔެ ހިނގާދިޔަ އެ ހާދިސާގެ ސަބަބުން ދޯނީގެ ހިއްސާ އޮންނަ ހުރިހާ ކުދިންނަށްވެސް ވަނީ ބޮޑު ޝޮކެއް ލިބިފަ،" ލަތީފް ކިޔާދިނެވެ.

ފޫ ނުބެއްދޭވަރުގެ އެ ގެއްލުމާ ގުޅިގެން ދެން ކަންކުރާނެ ގޮތެއް ނިންމާނީ ހުރިހާ ކުދިންނާ ވާހަކަދެއްކުމަށް ފަހުކަން ލަތީފް ފާހަގަކުރިއެވެ.

comment ކޮމެންޓް