ފަތުރުވެރިކަމުގެ ކާމިޔާބު 50 އަހަރަކީ ދާއިރާގެ ޚިދުމަތްތެރިންނަށްވެސް ލިބުނު ކާމިޔާބެއް: އަފީފް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ވައިސް ޗެއާމަން ހުސައިން އަފީފް --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމުޔާބު 50 އަހަރަކީ ދާއިރާގެ ޚިދުމަތްތެރިނަނަށްވެސް ލިބުނު ފުރިހަމަ ކާމިޔާބެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ވައިސް ޗެއާމަން ޗަމްޕާ ހުސައިން އަފީފް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފާހަގަކުރުމުގެ ގޮތުން ދާއިރާއަށް އެކި ފެންވަރުގައި ޚިދުމަތްކުރި ފަރާތްތަކަށް އެވޯޑު ދިނުމަށް "50 އިޔާޒް އޮފް ޓޫރިޒަމް އެވޯޑްސް"ގެ ނަމުގައި އިއްޔެ ހަވީރު ބޭއްވި އެވޯޑު ހަފްލާފައި އަފީފް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖެއަށް އެތަށް ރޮނގަކުން ކުރިއެރުން ގެނުވި ދާއިރާއެއް ކަމަށެވެ.

ރާއްޖެ ފުދުންތެރި ގައުމެއްގެ ގޮތުގައި ކުރިއެރުމުގެ އެންމެ ބޮޑު މަގު ދައްކައިދިން ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާ ކަމަށާއި މިއަހަރު ދާއިރާއަށް 50 އަހަރު ފުރުމަކީ މުޅި ގައުމަށް ވެސް ލިބޭ ކާމިޔާބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރޭއިރު މިހާރު ރާއްޖެ އޮތް ފުދުންތެރިކަމަށް ގައުމު ވާސިލުވުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރި ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާ،" އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ކާމިޔާބު 50 އަހަރަކީ ދާއިރާއަށް އެކި ގޮތްގޮތުން ޚިދުމަތްކޮށްދިން ފަރާތްތަކުގެ ހައްގެކެވެ. އަދި އެ ފަރާތްތަކަށްވެސް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގު ވަރަށް ވެސް އަލިކަމަށާއި ދާއިރާގެ މުސްތަގުބަލަށް ކުރެވޭ އުއްމީދު ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ދާއިރާގައި ދެމިހުންނެވި އަފީފް ވިދާޅުވީ މި ޖީލުގެ ކުދިންނަކީ މަސައްކަތަށް ފަރުވާތެރި، ޚިދުމަތްތެރި އަދި އަޒުމު ވެރުގަދަ ކުދިން ކަމަށާއި މިހާރު ދާއިރާގައި މަސައްކަތްކުރާ ކުދިންނާމެދު އުއްމީދު އެބައޮތްކަމަށެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ދެގޮތެއް ނުވެ މިއަދާ ހަމައަށް ގެނައުމަށް ފަސޭހަ އަދި އުނދަގޫ ވަގުތުތަކުގައިވެސް އެތައް ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑުގެ އުނދަގޫ ވަގުތުގައި ދިމާވި އެކި ކަހަލަ ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި މަގުތަކަށާއި ދެއްވި ލަފަ އާއި އެހީތެރިކަމަށް އެމަނިކުފާނަށް އަފީފް ޝުކުރުދެންނެވިއެވެ.

އިއްޔެގެ އެވޯޑު ހަފުލާގައި ފަތުރުވެރިކަމުގެ ދާއިރާއަށް އެކި ގޮތް ގޮތުން ޚިދުމަތްކުރައްވާފައިވާ އަދި އެހީތެރިވެދެއްވި 50 ފަރާތަކަށް ވަނީ އެވޯޑު ދީފައެވެ.

މި އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ފުރޭއިރު، ޓޫރިޒަމް މިނިސްޓްރީއާއި މަޓީން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގައި އަދި ރާވަމުންނެވެ.

comment ކޮމެންޓް