ގައްދޫގައި ބަންނަމުން ދިޔަ ފައިބަރު ދޯންޏެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ގައްދޫގައި މިއަދު ރޯވި ހަރުގެ އާއި ދޯނި --

ގދ. ގައްދޫގައި ބަންނަމުން ދިޔަ ފައިބަރު ދޯންޏެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ގައްދޫ އަތިރިމަތީގައި ޓިނުން ހަދާފައި ހުރި ހަރުގެއްގެ ތެރޭގައި ބަންނަމުން ދިޔަ މި ދޯނީގައި ރޯވީ މިއަދު 16:00ހާއިރެވެ. ހާދިސާ ހިނގަމުން މެދުވެރި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މިހާދިސާއާއި ބެހޭގޮތުން ގައްދޫ ކައުންސިލަރު އައިމިނަތު ފަރުޙާނާ، "ސަން"އަށް ވިދާޅުވީ ފައިބަރުން ބަންނަމުން ދިޔަ މި އޮޑީގައި ރޯވި އަލިފާންގަނޑު ނިއްވައި ލެވުނީ ރަށުގެ ރައްޔިތުންނާއި އެރަށުގައި ތިބި ފުލުހުން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

ގައްދޫގައި މިއަދު އަލިފާނުގެ ހާދިސާ ހިނގި ހަރުގެއާއި އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރަނީ --

"މި ދޯއްޏަކީ އަށްޑިހަ ފޫޓުގެ ދޯންޏެއް. ދޯނީގައި ރޯވިއިރު އޮތީ ބަނދެ ނިމި، ފިނިޝިން މަރުހަލާގައި. މި ހާދިސާގައި ދޯނީގެ އެންމެ އަޑީގައި ހުރި އެކޮމޮޑޭޝަން ބްލޮކް އެއްކޮށް ވަނީ އަނދާފަ. މުޅި ދޯންޏަށް ވެސް ވަނީ ގެއްލުން ލިބިފަ. އިންޖީނު ރޫމާ ހަމައަށް ވެސް އަލިފާނުގެ އަސަރު ކުރި. ލިބިފައިވާ ހުރިހާ ގެއްލުމެއް އަދި އެނގޭނީ ފަހުން،" ފަރުޙާނާ ވިދާޅުވިއެވެ.

ފަހުޙާނާ ވިދާޅުވީ މިހާރު ކުރަމުން އަންނަނީ އަލިފާން ރޯވި ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކަމަށެވެ.

comment ކޮމެންޓް