ޕެސްޓިސައިޑުން ތަޣައްޔަރުވެފައިވާ މޭބިސްކަދުރުގެ ބާވަތެއް ރާއްޖޭގައި ވިއްކުން މަނާ ކޮށްފި

ތޫލްސަން ސީޑްލެސް ގްރޭޕްސް: މި ބާވަތުގެ މޭބިސްކަދުރުގައި ބޭނުން ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފަ ---

ހުންނަން ޖެހޭ މިންވަރަށް ވުރެން އިތުރަށް 'ޕެސްޓިސައިޑް' ހުރި މޭބިސްކަދުރުގެ ބާވަތެއް ރާއްޖެ އެތެރެކޮށްފައިވާ ކަމަށާއި އެ ބާވަތުގެ ކަދުރު ބޭނުން ނުކުރުމަށާއި ނުވިއްކުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ, ހުންނަންވީ މިންވަރަށްވުރެ އިތުރަށް ޕެސްޓިސައިޑް' ހުރި، އިންޑިއާގެ ޔޫރޯ ފްރުޓްސް ބްރޭންޑްގެ ތޫލްސަން ސީޑްލެސް ގްރޭޕްސް ރާއްޖެ އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރުއޭއެސްއެފްއެފް) ދީފައިވާ ކަމަށެވެ.

އެ ބާވަތުގެ މޭބިސްކަދުރު އެކްސްޕޯޓް ކޮށްފައިވަނީ އިންޑިއާގެ ޔޫރޯ ފްރްޓްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ހޯލްސޭލްކޮށްފައިވަނީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ގްލޯބަލް ގްރީން ޓީމް އިންނެވެ.

އެލާޓާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހީރާސްގެ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޔޫރޯ ފްރުޓްސް ބްރޭންޑްގެ ތޫލްސަން ސީޑްލެސް ގްރޭޕްސްގެ ވަކި ލޮޓް ނަންބަރެއް ހިމެނޭ ތަކެތި ނުވިއްކުމަށް އެމްއެފްޑީއޭއިން ވަނީ ވިޔަފާރީތަކަށް އަންގާފައެވެ.

އެ ލޮޓް ނަންބަރަކީ: ލޮޓް ނަންބަރު L-21.099 0001 05 GGN:4049929236608, 4056186631107

comment ކޮމެންޓް