ހެކި ހުއްޓައި ރޭޕްގެ މައްސަލަ އަލުން ނުބަލަން އުޅޭ ސަބަބު ސަރުކާރުން ބުނެދޭން ޖެހޭ: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު -- ފޮޓޯ/ މަޖިލިސް

ރ. މަޑުއްވަރީގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ހެކި ހުއްޓައި އެ މައްސަލަ އަލުން ނުބަލަން އުޅޭ ސަބަބު ސަރުކާރުން ބުނެދޭން ޖެހޭކަމަށް އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަޑުއްވަރީ ސްކޫލްގެ ގްރޭޑް 8 ގައި ތައުލީމު ހާސިލުކުރަމުން ދަނިކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ އޮޅުވާލައިގެން އެރަށު ގެސްޓް ހައުސްއަކަށް ގެންގޮސް އެއްޗެއް ބޯންދިނުމަށްފަހު ވަޅިން ބިރުދެއްކުމަށްފަހުއެވެ. ޖިންސީ ގޯނާ ކުރީ އެ ކުއްޖާގެ ފައި އެއްސުމަށްފަހު ކަމަށް ވެސް ތުހުމަތުކުރެއެވެ. އެ މައްސަލަ ފައިލްކޮށްފައި ވަނީ ހެކި ނެތް ކަމަށް ބުނެއެވެ.

ނަމަވެސް އެ ކުއްޖާގެ އާއިލާ އިން ވަނީ އެ މައްސަލާގައި ހެކި ހުރިކަމަށް ބުނެފައެވެ. އަދި އެ މައްސަލަ އަލުން ބެލުމަށް ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ގޮވާލަމުންނެވެ.

މިކަމާ ގުޅޭގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މިހާ ދުވަސްވީއިރު ވެސް މި މައްސަލައިގެ ތަހުގީގު ނުނިމި ދިގުލައިގެން ދަނީ ސިޔާސީ ނުފޫޒު އެ މައްސަލައިގައި އޮތުމުންކަމަށެވެ.

"ފާހަގަކުރެވެނީ ސަރުކާރުން މިކަންކަމުގެ ތެރެއަށް ވަދެގެން ގަސްތުގަ މި މައްސަލައިގެ ހަގީގަތުގެ އަސްލު އޮޅުވާލަން މަސައްކަތްކުރަމުން ދާކަން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ، ތަހުގީގު ގެންދަން ޖެހޭގޮތައް ނޫންކަމަށެވެ. އެގޮތުން ތަހުގީގުގެ އެންމެ ފުރަތަމަ މަރުހަލާވެސް ފެއިލްކޮށްލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެއާ ގުޅުވައިގެން މި ދަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް. ގޮއްސަ މި ބުނަނީ މިއަކަށް އެކަށީގެންވާ ހެއްކެއް ނެތޭ ކިޔާފަ މިކަންކަން މި ކުރަނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކުގެ ތަހުގީގީ މަރުހަލާގައި ކަމުގެ އެންމެ ފުނަށް ފީނަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މައްސަލަ ދިގުދެމިގެން ދިއުމަކީ އަނިޔާލިބުނު ކުއަޖާއަށް ލިބޭ އިތުރު އަނިޔާއެއްކަމަށެވެ. އެހެންކަމުން ސަރުކާރުން މިކަމަށް ޖަވާބުދާރީ ވާންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ރޭ ޗެނަލް 13ގެ "ހަޖަމް" ޕްރޮގްރާމުގައި ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ޓީޗަރުގެ ފޯން ކޯލްތަކެއްގެ އޯޑިއޯ ރެކޯޑިން ތަކެއް ލީކު ކޮށްލާފައެވެ. އެ ރެކޯޑިންތަކުގައި، އެ މައްސަލައާ ގުޅިގެން ސަރުކާރުގެ ބޮޑުންނާ ކޮށްފައިވާ މަޝްވަރާތައް ދެމީހަކަށް ކިޔައިދެއެވެ.

އެގޮތުން އެކަމާ ގުޅިގެން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) މެދުވެރިކޮށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހުއާ އެ މައްސަލައާ ގުޅޭގޮތުން ދެއްކި ވާހަކަ އެ ރެކޯޑިންގައި ކިޔައިދީފައިވެއެވެ. އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲއާ ދެއްކެވި ވާހަކަވެސް އެ ރެކޯޑިންގައި ދައްކާފައިވެއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް "ސަން"އަށް ވިދާޅުވީ މިކަމާ ގުޅިގެން ކުރެވޭ ތުހުމަތު ތަކަކީ އެއްވެސް ހަގީގަތެއް ނެތް، ދޮގެއް ކަމަށެވެ. އަދި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ އޭނާގެ ނަން އޭނާއަށް ނޭނގި ވަރަށް ގިނައިން ބޭނުންކުރާ ކަމަށާއި، ގާނޫނާ ހިލާފު އެއްވެސް ކަމަކަށް އެއްބާރުލުން ނުދޭ ކަމަށެވެ. ސީދާ އެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އާއި، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒުގެ ބަހެއް ހޯދުމަށް "ސަން"އިން ކުރި މަސައްކަތް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.

comment ކޮމެންޓް