ރިލްވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ އިސޫ މަރު ކޮމިޝަނަށް ހާޒިރު ކޮށްފި

ރިލްވާން ގެއްލުވާލި މައްސަލާގައި ތުހުމަތު ކުރެވޭ އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ) މަރު ކޮމިޝަނަށް ހާޒިރުކުރުމަށްޓަކައި ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާލެ ގެނެސްފައި --- ފޮޓޯ/ މިދުއަމް ސައުދު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގައި ޝާމިލުވާކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވާ އިސްމާޢީލް އަބްދުލްރަހީމް (އިސޫ) މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.

އެނގިފައިވާގޮތުގައި އިސޫ މިއަދު މަރު ކޮމިޝަނަށް ހާޒިރުކުރީ އެ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށެވެ.

މި މައްސަލައިގައި އިސޫގެ އިތުރުން ހައްޔަރު ކޮށްފައިވަނީ އަހްމަދު އިސްމާޢީލް، (އަހަނދު) 39، އާއި އަހްމަދު މުއާޒް، (ގަޓު މުއާ) 40،އެވެ.

އެ މީހުން ހައްޔަރުކުރުމަށްފަހު ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ރިލްވާން ވަގަށް ނަގައި މަރާލާފައިވާ މައްސަލައިގެ އިތުރުން، ސ. ފޭދޫ، ޗަނބޭލީގެ، ޔާމީން ރަޝީދު މަރާލި މައްސަލައާ ގުޅޭ ޖިނާއީ ކުށްތައް ރާވައި ހިންގުމުގައްޔާއި އެ ކުށް ހިންގުމަށް މަގުފަހިކުރުވައި ޓެރަރިޒަމްގެ ޢަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ރިޔާސީ ކޮމިޝަނުން އާންމުކުރި ރިޕޯޓްގައިވާ ގޮތުން، ރިލްވާން ދިރިއުޅެމުން އައި އެޕާޓްމަންޓް ކައިރިން އޭނާ ރަހީނުކޮށް ކާރަކަށް އަރުވައި ޑިންގީއަކަށް އަރުވައިގެން ގެންގޮސް އޭނާ އެރުވީ ކަނޑު އުޅަނދަކަށެވެ. އަދި އެ އުޅަނދުގައި އޭނާގެ ކަރު ބުރިކޮށް ހަށިގަނޑު ކަނޑުފެއްތީއެވެ. އެއީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށް ވަނަ ދުވަހުގެ ރެއެވެ

ރިލްވާން ގެއްލުވާލި މައްސަލައާ ގުޅިގެން ހ. ހިލްޓަން އަހްމަދު އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ. އެ މައްސަލާގައި ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ދައުވާ ކުރިއެވެ. ނަމަވެސް ސީރިއާ ހަނގުރާމައިގައި އޭނާ މަރުވެފައިވާ ކަމަށް ވަނީ އަޑުފެތުރިފައެވެ.

ރިލްވާން ގެއްލުވާލުމުގެ ފަހަތުގައިވާ ބޮޑެތި ކަންކަމުގެ މައުލޫމާތު ހާމަކުރައްވަމުން މަރު ކޮމިޝަންގެ ކުރީގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ، ރިލްވާން ކިޑްނެޕްކޮށް މަރާލާފައި ވަނީ ދީނީ މިނިވަންކަމާއި އެހެން ވެސް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ "މިނިވަން ފިކުރު"ގެ ބަޔަކާއި ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ "ޖިހާދީ ފިކުރު"ގެ ބައެއްގެ ދެމެދުގައި 2010 އަދި 2011 ގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ޒުވާބަށް ބަދަލުވެ، ކުރި ފަޅައިގެން ގޮސްގެން ކަމަށެވެ.

ސުއޫދު ވިދާޅުވީ، ސީރިޔާގެ ހަނގުރާމައަށް ދިވެހީން ދާ ދިޔުމާ ގުޅޭ ގޮތުން ރިލްވާން މިނިވަން ނޫހުގައި ލިޔަމުން އައި ލިޔުންތަކަކާ ގުޅިގެން ސީރިޔާގައި ތިބި ދިވެހި ހަނގުރާމަ ވެރިންގެ މައުލޫމާތު ގެނެސްދޭ ފޭސްބުކް ގްރޫޕެއް ކަމަށްވާ، ބިލާދުއްޝާމް އާއި ރިލްވާންއާ ދެމެދު ފޭސްބުކް މެދުވެރިކޮށް 2014، މޭ 27، އަދި 28 ވަނަ ދުވަހު ވާހަކަތަކެއް ދެކެވިފައިވާ ކަމަށެވެ.

އެގޮތުން މޭ 28 ވަނަ ދުވަހު ބިލާދުއްޝާމް ގްރޫޕްގެ އެޑްމިންއިން ރިލްވާންގެ ފޭސްބުކަށް ފޮނުވި މެސެޖެއްގައި "ކަލެއަށް އޮތީ މަދު ދުވަސްކޮޅެއް ކަމަށް" ބުނެ ރިލްވާންއަށް އިންޒާރު ދީފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ އިންޒާރަކީ ރިލްވާން މަރާލުމަށް ދިން އިންޒާރެއް ކަމަށް ކޮމިޝަންގެ ތަހުގީގަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި ބިލާދުއްޝާމް ގްރޫޕަކީ އަލްގައިދާގެ ސީރިޔާ ގޮފި، ޖަބުހަތުއް ނުސްރާ ނުވަތަ ނުސްރާ ފްރޮންޓާ ގުޅިގެން އެ ގައުމުގައި ހަނގުރާމަ ކުރަމުން އަންނަ ދިވެހިންތަކެއް ހިންގާ ގްރޫޕެއްކަން ޔަގީން ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް