އަދާލަތު ޕާޓީއަށްވުރެ ބޮޑަށް ދީނަށް ޚިދުމަތް ކުރި ޕާޓީއެއް ނެތް: އިމްރާން

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ބަޔަކަށް ގަބޫލު ކުރެވުނަސް، ނުކުރެވުނަސް 2005 ވަނަ އަހަރުން ފަށައިގެން މިއަދާ ހަމައަށް ބެއްޔަސް އަދާލަތު ޕާޓީއަށްވުރެ ބޮޑަށް ދީނަށް ޚިދުމަތްކުރި ޕާޓީއެއް ރާއްޖޭގައި ނޯންނާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚު އިމްރާމް މިހެން ވިދާޅުވީ ރާއްޖޭގައި މިދުވަސްވަރު، ހިންގަމުން އަންނަ ބޮޑެތި މުންކަރާތްތައް މަނާ ކުރުމުގައި އަދާލަތު ޕާޓީގެ ޒިންމާ އަދާ ނުކުރާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އެ ޕާޓީއަށް އަމާޒުވަމުން އަންނަ ފޯވައްސެއްގައެވެ. އަދި ރާއްޖޭގައި އިސްލާމް ދީނަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވާ ހާލަތްތަކުގައި، ދިވެހީންގެ އަގީދާ ބަލިކަށިވާގޮތަށް އަދާލަތުން ޢަމަލުކުރާ ކަމަށް ވެސް މީހުން ތުހުމަތު ކުރެއެވެ.

ޝައިޚު އިމްރާން ވިދާޅުވީ ބަޔަކަށް ގަބޫލު ނުކުރެވުނަސް ވޭތުވެދިޔަ ތިން އަހަރާއި ބަޔަށް ބެއްޔަސް ނޫނީ 2005 އަހަރުން ފަށައިގެން މިހާތަނަށް ބެލިޔަސް އަދާލަތު ޕާޓީގެ ދީނީ ޢިލްމުވެރީންނަށްވުރެ ބޮޑަށް ދީނަށް ޚިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާއަތެއް ވެސް ރާއްޖޭގައި ނޯންނާނެ ކަމަށެވެ.

އަދާލަތު ޕާޓީއަކީ ރާއްޖޭގައި އިސްލާމްދީން ކުރިއެރުވުމާއި ދީން ހިމާޔަތް ކުރުމަށް 2005 ވަނަ އަހަރު އުފެއްދި ޕާޓީއެކެވެ. ކަން މިހެން އޮތް ނަމަވެސް ދީނީ އެކިއެކި މައްސަތަކުގައި ހައްގު ބަސް ބުނުމުގެ ބަދަލުގައި އަދާލަތު ޕާޓީން އެފަދަ ކަންކަން ދިފާއު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމުގެ ތުހުމަތު ވެސް އެ ޕާޓީއަށް ވަނީ އަމާޒުވާން ފަށާފައެވެ.

އަދާލަތު ޕާޓީއަށްވުރެ، ބޮޑަށް ދީނަށް ޚިދުމަތްކުރި ޕާޓީއެއް ނެތް ކަމަށް ޝެއިޚު އިމްރާން ވިދާޅުވުމާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް ފާޑު ކިޔަމުންނެވެ.

އެގޮތުން އިބްރާހީމް ރަޝީދު ކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަދާލަތު ޕާޓީގެ ރައީސް ކަމާއި އެންމެ ފުރަތަމަ ހަވާލުވި ދުވަހު މަނިކުފާނު ރުއި މަންޒަރާއި، އަދި ރޮވުނީ މަތިކުރެވުނު މަސްއޫލިއްޔަތު އަދާނުކުރެވިދާނެތީ ބިރުން ކަމުގައި ބުނި މަންޒަރު ލައިވްކޮށް އޭނާ ދެކެފައިވާ ކަމަށެވެ. ނަމަވެސް ޝައިޚު އިމްރާމް އެންމެފަހުން ބަދަލުވީ ލާދީނިއްޔަތު ކުރިއަރުވާ މީހަކަށް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

comment ކޮމެންޓް