ކަނޑުމަހުގެ ބާވަތްތައް

ދުނިޔޭގެ މަސްވެރިކަމުގެ އުފެއްދުން މިހާރުވަނީ ގާތްގަނޑަކަށް އަހަރަކު 180 މިލިއަން ޓަނަށް އަރާފައެވެ. އަގު ކުރާނަމަ އެއީ ގާތްގަނޑަކަށް 400 ބިލިއަން ޑޮލަރުގެ އަގުހުރި އުފެއްދުމެވެ. މީގެ ތެރެއިން 82 މިލިއަން ޓަނަކީ އެކުއަކަލްޗާ ކޮށްގެން އުފައްދާ އުފެއްދުމެވެ. 180 މިލިއަން ޓަނުގެ ތެރެއިން 156 މިލިއަން ޓަނު ބޭނުން ކުރެވެނީ އިންސާނުން ކެއުމަށެވެ. އެއީ މީހެއްގެ މައްޗަށް އަހަރަކު ގާތްގަނޑަކަށް 20.5 ކިލޯއެވެ. ބާކީ 24 މިލިއަން ޓަނު ބޭނުން ކުރެވެނީ ގަސްކާނާ އަދި މަހުން އުފައްދާ ތެޔޮ އުފެއްދުމަށެވެ. ދުނިޔޭގެ އެކިބާވަތުގެ މަސްވެރިކަމުގެ ޖުމުލަ އުފެއްދުމުގެ 46 ޕަސެންޓު އެއީ އެކުއަކަލްޗާ ކޮށްގެން އުފައްދާ އުފެއްދުންތަކެވެ. އަދި ވޭތުވެދިޔަ އަހަރު އިންސާނުން ކެއުމަށް ބޭނުންކުރި ބާވަތްތަކުގެ ގާތްގަނޑަކަށް 52 ޕަސެންޓު އެއީ އެކުއަކަލްޗާގެ އުފެއްދުމެވެ. މީގެތެރެއިން 35 ޕަސެންޓު އެއީ ޗައިނާގެ އުފެއްދުމެވެ.

ދުނިއޭގައި އެކިބާވަތުގެ މަސްވެރިކަމުގައި ހިފާ ބާވަތްތައް މިހާރު ވަނީ ގާތްގަނޑަކަށް އަހަރަކު 96 މިލިއަން ޓަނަށް އަރާފައެވެ. މީގެ ތެރެއިން 85 މިލިއަން ޓަނަކީ އައްސޭރިފަށާއި މާކަނޑުގެ ސަރަހައްދުތަކުން ހިފާ ބާވަތްތަކެވެ. މީގެ ތެރެއިން އެންމެ ގިނައިން ހިފާފައިވާ ބާވަތަކީ އެންކޮވިޓާއެވެ. ދެން އެލަސްކާ ޕޮލޮކް އެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން ހިފާފައި ވަނީ ކަޅުބިލަމަހެވެ. މުޅި ދުނިއޭގައި ހިފާ ހުރިހާ ކަނޑުމަހާއި ކަނޑުމަހާ އެއްކަހަލަ މަހުގެ (ޓޫނާ އަދި ޓޫނާ ސްޕީސީސް ފަދަ އެހެނިހެން މާކަނޑުގައި އުޅޭ ބާވަތްތައް) މިންވަރު މިހާރު ވަނީ އަހަރަކު ގާތްގަނޑަކަށް އަށް މިލިއަން ޓަނަށް އަރާފައެވެ. ކަނޑުމަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން ހިފާ ދެ ބާވަތަކީ ކަޅުބިލަމަހާއި ރީނދޫއުރަހަ ކަންނެއްޔެވެ. އިންޑިއާ ކަނޑުގެ ހުރިހާ ބާވަތުގެ މަސްވެރިކަން ހިމެނޭ ގޮތައް ބަލާއިރު މިހާރުވަނީ 12 މިލިއަން ޓަނަށް އަރާފައެވެ. އިންޑިއާ ކަނޑުގެ މަސްވެރިކަން ފުޅާވާންފެށީ 1980ގެ އަހަރުތަކުގެ ތެރޭގައި ޔޫރަޕުގެ ބޮޑުދާއަޅާ ބޯޓުފަހަރު އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރަންފެށުމާއެކުގައެވެ.

ކަނޑުމަހުގެ (ޓޫނާ) ބާވަތްތަކަކީ ދުނިޔޭގެ ހުރިހާ ބޮޑެތި ކަނޑުތަކުގައި އުޅޭ ބާވަތްތަކެކެވެ. މިބާވަތުގެ މަސް އުތުރުން ގާތްގަނޑަކަށް 45 ޑިގްރީއާއި ދެކުނުން 45 ޑިގްރީއާ ދެމެދު ފެތުރިފައި ވެއެވެ. ޓެކްސޮނޮމިކަލް ގޮތުން ސައެންސްވެރިން މިބާވަތުގެ މަސް ހިމަނާފައިވާ ގުރޫޕު ނުވަތަ އާއިލާ (ފެމިލީ) އަކީ ސްކޮމްބްރިޑޭ އެވެ. މިއާއިލާގައި 50 ބާވަތެއްގެ މަސް ހިމެނެއެވެ. އެންމެ ގިނައިން ދުނިޔޭގެ ބާޒާރުގައި ވިއްކާ ބާވަތްތަކަކީ ކަޅުބިލަމަސް (ސްކިޕްޖެކް ޓޫނާ / ކަޓްސުވޯނަސް ޕެލަމިސް)، ރީނދޫއުރަހަ ކަންނެލި (ޔެލޯފިން ޓުނާ / ތުންނުސް އަލްބަކަރެސް)، ލޯބޮޑު ކަންނެލި (ބިގްއައިޓޫނާ / ތުންނުސް އޮބެސަސް)، ކަންފަތްދިގު ކަންނެލި (އަލްބަކޯރ / ތުންނުސް އަލަލުންގާ) އަދި ނޫއުރަހަ ކަންނެލީގެ ދެބާވަތް (ނޮދަރން ބުލޫފިން / ތުންނުސް ތިންނުސް އަދި ސަދަރން ބުލޫފިން / ތުންނުސް މަކޯއީ) އެވެ.

ކަޅުބިލަމަސް

ކަނޑުމަހަކީ މާކަނޑުތެރޭގައި ދިރިއުޅޭ ދުރު ސަރަހައްދުތަކަށް ދަތުރުކުރާ މަހުގެބާވަތްތަކެކެވެ. މިބާވަތުގެ މަހުގެ މަތީ ފަރާތް ހުންނަނީ ގަދަނޫކުލައެއްގައެވެ. ނުވަތަ ކަޅުނޫކުލައެއްގައެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ރިހިކުލައެވެ. މިހެން ހުރުމުން ކަނޑުތެރޭގައި އުޅޭއިރު ކަނޑުގެކުލައާ އެކުވެ (ކެމޮފްލާޖް) މަސް އެސޮރުމެން ޝިކާރުކުރާ އެކިބާވަތުގެ ތަކެއްޗަށް ފިލަން ފަސޭހަވެއެވެ. އަހަރެމެން މާކަނޑަށް ނުކުމެ ކަނޑުގެ ލޮނުގަނޑަށް މަތިން ބަލައިލައިފިއްޔާ ފެންނާނީ ގަދަނޫކުލަ ނުވަތަ ކަޅުނޫކުލާގައެވެ. މިއީ މަހުގެ މަތީގައި ހުންނަ ކުލައެވެ. އަދި ކަނޑުގެ ތެރެއަށް އަޑިއަށް ފީނާލުމަށްފަހު މަތިބަލައިލުމުން ކަނޑުގެ މަތީފަށަލައަށް އިރުގެއަލި އެޅިފައިހުންނައިރު ފެންނާނީ ރިހިކުލައެއްގައެވެ. މިއީ މަހުގެ ބަނޑުދަށުގެ ކުލައެވެ. އެހެންވުމުން ޝިކާރަކުރާ ފަރާތްތަކަށް މާކަނޑުގައި އުޅޭ މިމަސްތައް ހޯދުމަކީ އެހާފަސޭހަ ކަމެއްނޫނެވެ.

ކަނޑުމަހުގެ ބައްޓަމަށް ބަލާއިރު، މަހުގެބައްޓަން (ޑިޒައިން) ހުންނަނީ ބާރުދުވެލީގައި ދަތުރުކުރާ އެއްޗެހި ހުންނަ ބައްޓަމަށެވެ. "ސްޓްރީމްލައިން" ކޮށެވެ. މިހެންހުރުމުން އާއްމުގޮތެއްގައި މިބާވަތުގެ މަސް އެވަރެޖުކޮށް ގަޑިއަކު 48 ކިލޯމީޓަރު ބާރުމިނުގައި ދަތުރުކުރުމަކީ އުނދަގޫ ކަމަކަށް ނުވެއެވެ. މިފަދަ މަސް ޝިކާރަކޮށް އަތުލައިގަތުމަކީވެސް އެހާފަސޭހަކަމަކަށް ނުވެއެވެ. ފަރުމަހުގެ ބާވަތްތަކާ ހިލާފަށް ކަނޑުމަހުގެ ބާވަތްތަކަކީ އަބަދުހެން ދަތުރުކުރަންޖެހޭ މަހެވެ. އެހެނީ މިބާވަތުގެ މަހަކީ "ނެގަޓިވްލީ ބޮޔަނޓް" މަހެވެ. އެހެންގޮތަކަށް ބުނަނީނަމަ ކަނޑުމަސް ދުވުން ހުއްޓާލައިފިނަމަ ކަނޑުގެއަޑިއަށް ވެއްޓޭނެއެވެ. އަދި ފަރުމަހާ ހިލާފަށް ކަނޑުމަހުގެ ބާވަތްތައް އެއްތަނެއްގައި ހުއްޓިގެންތިބެ ނޭވާލުމުގެ ކުޅަދާނަކެމެއްވެސް ނުހުރެއެވެ. އެހެންވުމުން ކަނޑުގެ ލޮނުގަނޑު މަހުގެކަރުގަނޑު (ގިލްސް) ތެރޭން ފޮނުވުމަށް ކަނޑުމަސް އަނގަހުޅުވައިގެން ދަތުރުކުރެއެވެ. ލޮނުގަނޑުން އޮކްސިޖަން ނެގުމަށް ކަރުގަނޑުތެރޭން ލޮނު ގާތްގަނޑަކަށް ސިކުންތަކު 65ސެންޓިމީޓަރުގެ ބާރުމިނުގައި ދައުރުކުރަންޖެހެއެވެ. ވުމާއެކު ކަނޑުމަސް ދުނިޔެއަށް އުފަންވެ އަމިއްލަ ޒާތުގައި ދުވަން ފެށުނީއްސުރެ އަޖަލު ހަމަވަންދެން އަބަދު ދުވެދުވެހުންނަން ޖެހިފައިވެއެވެ.

ކަނޑުމަހުގެ ގިނަ ބާވަތްތަކަކީ އައިން ހަދައިގެން ކަނޑުތެރޭ ދަތުރުކުރާ މަހެވެ. އަދި މިގޮތަށް ދުރު ސަރަހައްދުތަކަށް ދަތުރުކުރެއެވެ. ނަމަވެސް ބައެއް މަސް އެކަނި ދުރުހިސާބުތަކަށް ހިޖުރަކުރެއެވެ. މިކަން އެނގިފައި ވަނީ އެކިބާވަތުގެ ކަނޑުމަހުގައި ފާހަގަ ޖަހައިގެން ކުރި ދިރާސާތަކުންނެވެ. ރާއްޖޭގައި ފާހަގަޖެހި ކަނޑުމަހުގެ ބާވަތްތައް އެފްރިކާގެ ކައިރިން ހިފާފައިވެއެވެ. މިގޮތަށް މަސް ހިޖުރަކުރަނީ ކާނާހޯދުމަށާއި ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިނަށް އަންނަ ބަދަލާގުޅިގެންނެވެ. އެހެންކަމުން މި ހިޖުރަކުރުން މޫސުމަށް އަންނަ ބަދަލާވެސް ގުޅިފައިވެއެވެ. މޫސުމީ ބަދަލާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމުން އެސަރަހައްދު ދޫކޮށް ލޮނުގަނޑު ފިނި ހިސާބުތަކަށް މަސްތައް ދެއެވެ. ބައެއްފަހަރު ލޮނުގަނޑު ފިނި ފުންހިސާބުތަކަށް ކަނޑުގެ އަޑިއަށް ދެއެވެ. މަސްވެރިކަން ކުރާއިރުވެސް މިކަން ފާހަގަ ކުރެވެއެވެ. ކަނޑުގެ ލޮނުގަނޑުގެ މަތީފަށާލައިގެ ފިނިހޫނުމިން މަތިވެފައި ހުންނައިރު މަސްތިލަވުން ދުރެވެ.

ރިނދޫއުރަހަ ކަންނެލި

މަސްމިގޮތަށް އައިން ހަދާއިގެން ބާރަށް ދަތުރުކުރާއިރު މަހުގެ ގިނަކޮތަރިތައް ލައްޕާލައި ނަގޫބޭނުންކޮށްގެން ކުރިއަށް ދަތުރުކުރެއެވެ. ގިނަފަހަރު އެހެނިހެން ކޮތަރިތައް ބޭނުންކުރަނީ މަސް މަޑުންދަތުރުކުރާއިރު ބެލަންސް ހިފެހެއްޓުމަށެވެ. މަހުގެ ކަންފަތްގަނޑު ބޭނުންކޮށްގެން މަހުގެ މިސްރާބު، މައްޗަށް ނުވަތަ ތިރިއަށް ބަދަލުކުރެއެވެ. އެއީ މަތިންދާބޯޓުގެ ފިޔަގަނޑު ބޭނުންކުރާގޮތާ ދާދިއެއްގޮތަކަށެވެ. ބާރަށް ދަތުރުކުރާ ކަނޑުމަހަށް ބަލާލައިފިނަމަ ނަގޫފަތް ފެންނާނީ ހަނދުފަޅިއެއް ހުންނަ ކަހަލަ ބައްޓަމަކަށެވެ. މިހެންހުރުމުން މަހުގެ ފަހަތުގައި ލޮނުގަނޑުގައި އުފެދޭ "ޓާރބިއުލަންސް" ކުޑަވެއެވެ. ދޯނިފަހަރު ދަތުރުކުރާއިރު ފަހަތުގައި އުފެދޭ ރާޅުގަނޑު ކަހަލަގޮތަކަށެވެ. މިޓާރބިއުލަންސް ދަށްވިވަރަކަށް ދުވެލި ހަލުވިވާނެއެވެ.

އައިންހަދައިގެން އުޅުމުގައި އެހެންފައިދާތަކެއްވެސް އެބަހުރެއެވެ. އެއްކަމަކަށް ބަލާއިރު ޝިކާރަކޮށް ކާނާހޯދުމުގެ ގާބިލުކަން އިތުރުވެއެވެ. އެތައްބައިވަރު މަސްތަކެއް އެތައްސަތޭކަ ލޮލުން ކާނާހޯދަން ކުރާ މަސައްކަތް ކާމިޔާބުވުމުގެ ފުރުސަތު މާބޮޑެވެ. އަދި ކާނާ ހޯދުމަށްފަހު އެތަކެތި އަތުލައިގަތުމުގެ ގާބިލުކަންވެސް އިތުރުވެއެވެ. އެހެނީ ބައިގަނޑެއް ގޮތަށް ޝިކާރަކުރާއިރު އެކި ފަރާތްފަރާތުން ކުދިމަސްތަކަށް ހަމަލާދިނުމުން އެތަކެތި އަތުލައިގަތުމަށް ދާދި ފަސޭހަވެއެވެ. ކަނޑުމަހުގެ ދަރިފަސްކޮޅު އާލާކުރުމަށްވެސް އެކުގައި އުޅުމުން ފަސޭހަވެއެވެ. ފިރިހެން އަދި އަންހެން މަސް ކަނޑުތެރެއަށް ބިސްދޫކުރުމާއެކު (ކިރުބިސް އަދި ދޮންބިސް) ބިސްތައް ދަރިމައިވުމުގެ ފުރުސަތު އިތުރުވެއެވެ. އެއީ އެއްސަރަހައްދަކަށް ދެބާވަތުގެ ބިސްދޫކުރެވޭތީއެވެ. މިގޮތަށް ބިސްދޫކުރާއިރު ކޮންމެ މަހެއް އެތައްލައްކަބިހެއް އެއްފަހަރާ ކަނޑުތެރެއަށް ދޫކުރެއެވެ. ދޮންބިހާއި ކިރުބިހުގައި ހުންނަ ކުދިކުދި ފުށްތައް ކަނޑުތެރޭ ދަރިމައިވުމުން އެއިންކޮންމެ ކުޑަބިހަކުން (ފުކަކުން) އާމަހެއް އުފެދުމުގެ ފުރުސަތުލިބެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް