ގޮތަބަޔަ އިސްތިއުފާ ދެއްވިކަން ނަޝީދު ހާމަކުރައްވައިފި

ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ --- ފޮޓޯ/ އަޑާ ޑެރާނާ

ސްރީލަންކާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ގޮތަބަޔަ ރާޖަޕަކްސަ އެ މަގާމުން އިސްތިއުފާދެއްވައިފި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގޮތަބަޔަގެ ފުރާނައަށް ނުރައްކަލެއް ނެތް ނަމައާއި އެ މަނިކުފާނު ލަންކާގައި ހުންނެވި ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ރައީސް ނަޝީދަށް ގަބޫލުނުކުރެވޭ ކަމަށެވެ.

މީގެ އިތުރުން، އެ މައްސަލައާ ގުޅިގެން ދިވެހި ސަރުކާރުން އަމަލު ކުރި ގޮތަށް ތައުރީފު ކުރައްވާ ކަމަށާއި ލަންކާގެ ރައްޔިތުންނަށް ހެޔޮއެދޭ ކަމަށް ވެސް ރައީސް ނަޝީދުގެ ޓުވީޓުގައިވެއެވެ.

ގޮތަބަޔަ ރައީސް ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭރު އެ މަނިކުފާނު ވިދާޅުވީ އިއްޔެގެ ވަގުތެއްގައި އިސްތިއުފާ ދެއްވާނެ ކަމަށެވެ.

ގޮތަބަޔަ ރާޖަޕަކްސަ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ، 2018 ވަނަ އަހަރު އެ ގައުމުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ، އެ މަގާމުން ރަސްމީކޮށް ވަކި ނުކޮށް، ހަމަ އެ މަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަނުކުރެއްވުމާ ގުޅިގެން އުފެދުނު ހަލަބޮލި ކަމަށް ފަހު، 2019 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ.

އެ އިންތިހާބު ގޮތަބަޔަ ކާމިޔާބު ކުރެއްވީ އިދިިކޮޅު ލީޑަރު ސަޖިތު ޕްރޭމްދާސާއާ ވާދަކުރައްވާ، އާންމުންގެ 52 އިންސައްތައަށް ވުރެ ގިނަ ވޯޓާ އެކުއެވެ.

ނަމަވެސް، 2019 އަހަރުގެ ފަހުކޮޅު ދުނިޔޭގައި ފެތުރެން ފެށި ކޮވިޑުގެ ބަލިމަޑުކަމާއެކު، ސްރީލަންކާގެ ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން ފަތުރުވެރިން އައުން ހުއްޓި، ބޭރު ފައިސާ ވަނުން މަދުވިއެވެ. އަދި އެ ފިޔަވަޅުތައް ގިނަ ދުވަހު ދެމެހެއްޓުމުގެ ނަތީޖާއަކަށްވީ ގައުމުގެ އިގްތިސާދީ ހާލަތު އިތުރަށް ގޯސްވުމެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭ އެ ގައުމަށް ބޭރުން ގަސްކާނާ އެތެރެ ކުރުން މަނާ ކުރުމާއެކު، ދަނޑުވެރިކަމުގެ ސިނާއަތް ހީނަރުވެ، އެކްސްޕޯޓް އާމްދަނީ ވަނީ އެތައް ގުނައެއް ދަށްވެފައެވެ.

އެއާއެކު އެ ގައުމަށް ތެލާއި، އަސާސީ އެހެނިހެން ބާވަތްތައް އެތެރެކުރުމަށް ދަތިވެ، ތަކެތީގެ އަގު އުފުލެން ފެށިއެވެ. އަދި މި އަހަރުގެ މާޗުމަހުގެ ތެރޭގައި އެ ގައުމުން ވަނީ ބޭރު ދަރަނި ދެއްކުން ހުއްޓާލާ، ގައުމު ބަނގުރޫޓުވިކަން އިއުލާނުކޮށްފައެވެ.

މި ސަބަބުތަކާ ހުރެ، އޭރު ބޮޑުވަޒީރުކަމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ އާއި، ރައީސް ގޮތަބަޔަގެ އިތުރުން، މުޅި ސަރުކާރު އެއްކޮށް އިސްތިއުފާ ދިނުމަށް ގޮވާލާ ރައްޔިތުން މުޒާހަރާ ކުރަން ފެށިއެވެ. އެއާއެކު، ހަމަ އެ މަހުގެ ތެރޭ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވިއެވެ.

ނަމަވެސް، މުޒާހަރާގެ ބައިވެރިން ހުއްޓާނުލާ ގޮވަމުން ދިޔައީ ރައީސް ގޮތަބަޔަ ވެސް އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ. ހުސްވެފައިވާ ބޮޑުވަޒީރުގެ މަގާމަށް، ކުރިން ވެސް އެ މަގާމު ފުރުއްވި ރަނިލް އައްޔަނުކުރެއްވުމުން، އެ މަނިކުފާނުގެ އިސްތިއުފާއަށް ވެސް އެ ގައުމުގެ ރައްޔިތުން ވަނީ ގޮވަން ފަށާފައެވެ.

އެންމެ ފަހުން، ގޮތަބަޔަ އިސްތިއުފާ ދެއްވާނެކަން އިއުލާނުކުރެއްވީ މުޒާހަރާގެ ބައިވެރިން އެ ގައުމުގެ ރިޔާސީ ގަނޑުވަރަށް ވަދެ، އެތަން ހިފުމާއެކުއެވެ. މީގެ އިތުރުން އެ މުޒާހަރާގައި ވަނީ ރަނިލްގެ އަމިއްލަ ގެކޮޅު ވެސް އަންދާލާފައެވެ.

އިސްތިއުފާ ދެއްވާނެކަން އިއުލާނު ކުރެއްވުމަށް ފަހު، އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ގޮތަބަޔަ ވަނީ އެ ގައުމުގެ މިލިޓަރީ މަތިންދާ ބޯޓެއްގައި އަނބިކަބަލުންނާއެކު ރާއްޖެއަށް ވަޑައިގެންފައެވެ. އަދި މިއަދު އެ މަނިކުފާނު ވަނީ ސިންގަޕޫރަށް ފުރާވަޑައިގެންފަ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ސިންގަޕޫރުން ވަނީ ގޮތަބަޔައަށް ހިމާޔަތް ދީފައި ކަމަށް ވެސް އެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

comment ކޮމެންޓް