އޭވިއޭޝަން އެކަޑަމީގެ ތަމްރީނުތައް ފަށައިފި

އެމްއޭއޭއިން ވަނީ ޕައިލެޓްކަން ކިޔަވާ ދަރިވަރުންގެ ތަމްރީނުތައް ފަށާފައިވާކަން އިއުލާންކޮށްފަ -- ފޮޓޯ/ އެމްއޭއޭ

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ (އެމްއޭއޭ)ގެ ތަމްރީނުތައް ފަށައިފިއެވެ.

އެމްއޭއޭއިން މިއަދު ކުރި ޓުވީޓެއްގައި ވަނީ އަހަަރަކަށް ވުރެ ގިނަ ދުވަހުގެ ތަކުލީފުތަކަށް ފަހު، އައްޑޫގައި ޕައިލެޓްކަން ކިޔަވަމުން ދިޔަ ދަރިވަރުން މިހާރު ތިބީ ޕްރޮފެޝަނަލް ޕައިލެޓުންނަށް ވުމުގެ މަގުމަތީގައި ކަމަށެވެ. އަދި އެ ދަރިވަރުންގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެހީތެރިވެދިން އެންމެންނަށް އެމްއޭއޭއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެމްއޭއޭ ހިންގުމުގެ ހުއްދަ ދީފައިވަނީ މިމަހުގެ ތިން ވަނަ ދުވަހެވެ.

އެ އެކަޑަމީން އެންމެ ފުރަތަމަ ފަށަން ނިންމާފައި ވަނީ ޕައިލެޓް ޓްރެއިނިން ހަދަމުންދިޔަ އެންމެ ފަހު ބެޗްގެ ދަރިވަރުން ހިމެނޭ، ރިފްރެޝާ ޕްރޮގްރާމް ނިންމާފައިވާ 35 ދަރިވަރުންގެ ތަމްރީނެވެ.

އެމްއޭއޭއަކީ އައިލެންޑް އޭވިއޭޝަން ސާވިސްއާއި ޗެކްރިޕަބްލިކްގެ ފްލައިޓް ޓްރެއިނިން ސްކޫލެއް ކަމުގައިވާ ފްލައިން އެކަޑަމީއާ ގުޅިގެން ގާއިމްކުރި ސްކޫލެކެވެ. އައްޑޫ ސިޓީގައި އެ ސްކޫލް ހިންގުމާ ބެހޭ އެއްބަސްވުމުގައި ގައުމީ ޔުނިވާސިޓީ އާއި އައިލެންޑް އޭވިއޭޝަނުން ސޮއިކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އެއީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)އިން 2009ގައި ހަވާލުވި އައްޑޫ ފްލައިން ސްކޫލްގެ ހިންގުން ދޯދިޔާވެ، ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވޭ ގޮތް ވުމާ ގުޅިގެން އުފައްދަން ނިންމި ސްކޫލެކެވެ.

comment ކޮމެންޓް