މޫދުވިނަ ނައްތާލުމަށްވުރެ ބެހެއްޓުމުން ލިބޭ ފައިދާ ބޮޑު

މޫދުވިނަ އަދި މޫދުގައި ހެދިފައިއޮންނަ ހުއިގަނޑު މާހައުލީނިޒާމު ގާއިމުކުރުމުގައި ވަރަށްމުހިންމު ރޯލެއް އަދާކުރޭ

ގަސްގަހާގެހީގެ، އެކި ބާވަތުގެ ވިނައާއި ހުއި، ފެހި އަދި ފެންގަނޑުތެރޭ އުޅޭ ހަމަ ލޮލަށް ރަނގަޅަށް ނުފެންނަ ކުދިކުދި ފައިޓޯޕްލެންކްޓަންގެ ބާވަތްތަކަކީ އަމިއްލައަށް ކާނާއުފައްދާ (އޮޓޯޓްރޮފިކް) ދިރޭ ތަކެއްޗެވެ. މިތަކެތި ކާނާ އުފައްދަނީ ކާބޮންޑައޮކްސައިޑް އާއި ފެން ބޭނުންކޮށްގެން އިރުގެ އަލީގެ އެހީގައެވެ. މިޕްރޮސެސްއަށް އިނގިރޭސިން ކިޔަނީ ފޮޓޯސިންތިސިސްއެވެ. މިގޮތަށް ކާނާ އުފައްދާއިރު ޖައްވުގައި ހުންނަ ނުވަތަ ފެނާ އެކުވެފައި ހުންނަ ކާބޮންޑައޮކްސައިޑް ބޭނުން ކުރެއެވެ. މީގެ ސަބަބުން ދުނިޔޭގެ ޖައްވުގައި ހުންނަ ކާބޮންޑައޮކްސައިޑްގެ މިންވަރު މަދުވުމަށް މަގުފަހިވެއެވެ. އަދި ކާނާ އުފައްދާއިރު ޖައްވަށް އޮކްސިޖަން ބޭރުވެއެވެ. މީގެ ސަބަބުން ޖައްވު ސާފުވެ އެހެނިހެން ޖަނަވާރުތަކަށް ލިބެން ހުންނަ އޮކްސިޖަންގެ މިންވަރު ޖައްވުގައި އިތުރުވެއެވެ. އަދި ފެންގަނޑާ އެކުވާ އޮކްސިޖަންގެ މިންވަރު ވެސް އިތުރުވެއެވެ.

މޫދުވިނައަކީ އެހެންވެސް އެއްގަމުގައި ހެދޭވިނަ ފަދައިން މާއަޅާބާވަތުގެ ވިނައެވެ. މޫދުވިނަ ހެދެނީ ލޮނު ފެނުގައެވެ. މޫދުވިނަ އެންމެ ގިނައިން ހެދިފައި ހުންނަނީ ދުނިޔޭގެ ޓްރޮޕިކަލް އަދި ޓެމްޕަރޭޓް ސަރަހައްދުތަކުގައިވާ ގައުމުތަކުގެ އައްސޭރިފަށުގައެވެ. މޫދުވިނައިގެ ބާވަތްތަކަށް (ސްޕީސީސް ޑައިވަސިޓީ) ބަލާއިރު އެހެން ބައެއް ބާވަތްތައްހާ ގިނައެއް ނޫނެވެ. މުޅި ދުނިޔެއިންވެސް ފެނިފައިވަނީ 60 ބާވަތަށްވުރެން މަދުންނެވެ. ދުނިޔޭގައި އެއް ސަރަހައްދެއްގައި މޫދުވިނަ އެންމެ ގިނައިން ހެދިފައި ހުންނަނީ އިންޑިއާ ކަނޑު އަދި ޕެސިފިކު ކަނޑުގައި ހިމެނޭ ގައުމުގަކުގެ ތިލަފަޅު/ފަރުތަކުގައެވެ. ދިރާސާތަކުން ތަފާތު 14 ބާވަތުގެ މޫދުވިނަ މި ސަރަހައްދުތަކުގައި އެކުގައި ހެދިފައި ހުންނަ ކަމަށް ރެކޯޑުކުރެވިފައިވެއެވެ. މޫދުވިނަ އެންމެ ރަނގަޅަށް ހެދިފައިހުންނަނީ ރާޅުގެއަސަރުކުޑަ ކޮންމެވެސް ވަރަކަށް ކިސަޑުއެކުލެވޭ ސަރަހައްދުތަކުގައެވެ. އަދި ވިނަގަނޑުމަތިން ރަނަގަޅަށް ލޮނުއަރާފައި ހުންނަ ތަންތަނުގައެވެ.

މުޅި ދުނިޔެއަށް ބަލާއިރު މޫދުވިނަ ހެދިފައި ހުންނަނީ 345،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައެވެ. މިއީ މުޅި ކަނޑުގެ ސަރަހައްދަށް ބަލާއިރު ގާތްގަނޑަކަށް އެންމެ 0.2 ޕަސެންޓުގެ ސަރަހައްދެކެވެ. އިންޑިއާ ކަނޑުގައި ރާއްޖެއާ އެންމެ ކައިރިން އެންމެބޮޑު ސަރަހައްދެއްގައި މޫދުވިނަ ހެދިފައިވާ ގައުމަކީ އިންޑިއާއެވެ. އިންޑިއާގައި މޫދުވިނަ ހެދިފައިވާ ސަރަހައްދުގެ ބޮޑު މިނަކީ ގާތްގަނޑަކަށް 517 އަކަ ކިލޯމީޓަރެވެ. އިންޑިއާގައި މޫދުވިނަ ހެދިފައި ހުންނަ ސަރަހައްދުތަކުގެ ފުން މިނަށް ބަލާއިރު ވަރަށް ތިލަފަޅުތަކުން ފެށިގެން ގޮސް 15 މީޓަރު ފުން ސަރަހައްދުތަކުގައިވެސް މޫދުވިނަ ހެދިފައި ހުއްޓާ ފެނިފައިވެއެވެ. އިންޑިއާގައި އެންމެ ބޮޑަށް މޫދުވިނަ ހެދިފައިވާ ސަރަހައްދަކީ އިންޑިއާގެ އިރު ދެކުނުގައި ހިމެނޭ ގަލްފް އޮފް މަނާރު އަދި ޕާކްބޭ ހިމެނޭ ސަރަހައްދެވެ.

މޫދުވިނަ - އޮއިވަރާއެކު ދެމިގެންދާ ވެލިގަނޑު ހިފަހައްޓާލަދޭ

ދިވެހިރާއްޖެގެ އެކި ހިސާބުތަކުގައި މޫދުވިނަ އަދި ހުއި ހެދިފައިހުރެއެވެ. ބައެއް ރަށްރަށުގައި އުޅޭ މީހުން ދެކެނީ އެއީ ގޮނދޮށްތައް ހަޑިކުރާ ފަޅުތެރެ ނުސާފުކުރާ އެއްޗެއް ގޮތަށެވެ. އެހެންވުމުން އެކި އުކުޅުތައް ބޭނުންކޮށްގެން މޫދުވިނަ ނައްތާލަންވެސް މަސައްކަތް ކުރެއެވެ. ނަމަވެސް ހަގީގަތުގައި މޫދުވިނައިގެ ސަބަބުން މުޅި މާހައުލީ ނިޒާމަށް ލިބޭ ފައިދާ ވަރަށް ބޮޑެވެ. މިގޮތުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ކާނާ، ހިމާޔަތް، އެކިބާވަތުގެ ބޭސްފަރުވާއަށް ބޭނުންކުރާ ތަކެތި، މޫސުމީ ބަދަލުން ލިބޭ ގެއްލުން ކުޑަކުރުން، ކާބޮންޑައޮކްސައިޑް މަދުކުރުން، ރާޅު މައިތިރި ކުރުން، އަދި ލޮނުގަނޑުގެ ކޮލިޓީ ރަނގަޅުކުރުން ހިމެނެއެވެ. މީގެ އިތުރުން މަސްވެރިކަމަށް މަގުފަހިކޮށްދޭ ވެށި ގާއިމުކުރުން އަދި ކަނޑުގައި އުޅޭ ތަފާތު ބާވަތްތަކުގެ ދިރޭ ތަކެތީގެ ނަސްލު ދެމެހެއްޓުމަށް އެހީތެރިވެއެވެ.

މޫދުވިނަ – މަސްވެރިކަމަށް އެހީތެރިވޭ

ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާ އެކިބާވަތުގެ މަސްވެރިކަމުގައި ހިފާތަކެތީގެ (މަސް އަދި އެހެނިހެން މައިކަށި ނުހުންނަ ބާވަތްތައް) އުފެއްދުންތެރިކަން އިތުރުކުރުމުގައި މޫދުވިނަ އަދި މޫދުހުއި މުހިންމު ރޯލެއް އަދާކުރެއެވެ. މޫދުވިނަ ހެދިފައި ހުންނަ ބޮޑެތި ދަނޑުތައް ވެފައިވަނީ ދުނިޔޭގެ އެންމެ ގިނައިންކުރާ 25 ބާވަތުގެ މަސްވެރިކަމުގެ ފަސްބައިކުޅަ އެއްބައި މަސްވެރިކަމުގައި ހިފާ ތަކެތީގެ "ނާސަރީ" އަކަށެވެ. މިތަކެތި އެންމެ ކުދި ނާޒުކު ދުވަސްވަރު މޫދުވިނައިގެ ދަނޑުތައް ބޭނުންކުރަނީ ރައްކާތެރިކަމާއި ކާނާ ހޯދުމަށެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުގައި މޫދުވިނަ ހުންނަ ސަރަހައްދުގައި އުޅޭ އެޓްލާންޓިކް ކޮޑްގެ އާބާދި އެހެން ސަރަހައްދުތަކުގައި އުޅޭ ކޮޑަށްވުރެ އަވަހަށް އިތުރުވެއެވެ. އަދި ބޮޑުވާވަރު އަވަސްވެފައި ދިރި ހުރުމުގެ ފުރުސަތުވެސް އިތުރުވެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި މޫދުވިނައިގެ މާހައުލާ ގުޅިފައިވާ ތަފާތު މަސްވެރިކަން ހުރެއެވެ. އޭގެތެރޭގައި އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަން، ހިފާ ތަކެތި ވިއްކައިގެން އިގުތިސާދީ ފައިދާއެއް ހޯދުމަށްކުރާ މަސްވެރިކަން، މަޖަލަށްކުރާ މަސްވެރިކަން އަދި އެންވެރިކަން ހިމެއެވެ. މުޖުތަމައުތަކާ ކައިރީގައި މޫދުވިނައިގެ ދަނޑުތައް ހެދިފައި ހުންނަ ސަރަހައްދުތަކުގައި މިމާހައުލަކީ އެމުޖުތަމައުތަކުގައި ދިރިއުޅޭ މީހުން ކާނާ ހޯދުމަށް ވަރަށް ބޮޑަށް ބަރޯސާވާ ތަނެކެވެ. އިންޑިއާ އަދި ފެސިފިކު ކަނޑުގެ ބައެއް މުޖުތަމައުތަކުން މިތަންތަން ބޭނުންކުރަނީ އެސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ކެއުމަށް ބޭނުންވާ ޕްރޮޓިން ހޯދުމަށެވެ.

މޫދުވިނަ – މުޅިމާހައުލީ ނިޒާމުގެ އުފެއްދުންތެރިކަމަށް އެހީތެރިވޭ

އެތައް ބައިވަރު ތަފާތު ދިރޭ ތަކެތި ކާނާ ހޯދާ ރައްކާތެރިކަމާއެކު އުޅޭނެ މާހައުލެއް މޫދުވިނަ ގާއިމުކޮށްދެއެވެ. މޫދުވިނައިގެ ފަތްތަކާއި މޫތަކުގައި ތަތްކޮށްލައިގެން ވިނަގަނޑުތެރޭގައި ވަރަށް ގިނަ ބާވަތުގެ ދިރޭ ތަކެތި ހިމާޔަތް ހޯދައެވެ. މިފަދަ ވިނަގަނޑު ނުހުންނަ، (ރާޅާއެކު ކޮޅުކޮޅަށްދުވާ) ހުސްވެލި އޮންނަ ފަޅުފަޅުގައި އެކިބާވަތުގެ ދިރޭތަކެތި ހިމާޔަތް ހޯދުމުގެ ފުރުސަތު ވަރަށް ކުޑައެވެ. މޫދުވިނައިގައި ހުންނަ މޫތަކުން މޫދުވިނަ ހެދިފައިހުންނަ ސަރަހައްދުތަކުގެ ވެލިގަނޑު، ކޮޅުކޮޅުމައްޗަށް ދުވިއަނުދީ ހިފަހައްޓައިދެއެވެ. ފަތްތައް ވެފައި ވަނީ އެކިބާވަތުގެ ކުދިކުދި ދިރޭތަކެތި ހިމާޔަތް ހޯދުމަށް ވަރަށް ފުރިހަމަ ތަނަކަށެވެ. އޭގެ ތެރޭގައި މައިކަށި ނުހުންނަ ކުދިކުދި ދިރޭތަކެތީގެ އިތުރުން ވިޔަފާރީގެ ގޮތުގައި ބޭނުންކުރާ ތަފާތު ބާވަތްތަކުގެ މަސްވެސް ހިމެނެއެވެ. މީގެ ތެރެއިން ބައެއް ދިރޭތަކެތި މޫދުވިނަ ކާނާއެއްގެ ގޮތުގައި ބޭނުންކުރެއެވެ. ބައެއް ދިރޭތަކެތި ބިސްއަޅާ ތަނެއްގެ ގޮތުގައިވެސް ވިނަގަނޑު ބޭނުންކުރެއެވެ. މިތަކެއްޗަކީ ކާނާގެ ވިއުގަރގަ މުހިންމު ރޯލު އަދާކުރާ އެއްޗިއްސެވެ. އެހެންކަމުން މޫދުވިނަ ވެފައިވަނީ އެސަރަހައްދެއްގެ މާހައުލީނިޒާމުގެ މުއްސަނދިކަން އިތުރުވުމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދޭ އެއްޗަކަށެވެ.

މަސްމަހާމެހީގެ އިތުރުން މައިކަށިނުހުންނަ ދިރޭތަކެތި މޫދުވިނަގަނޑުގައި އުޅޭ

މޫދުވިނަ – ލޮނުގަނޑު ސާފުކޮށް އެކިބާވަތުގެ ގެއްލުންދޭ ކެމިކަލްތައް ފުރާނާލާ

ލޮނުގަނޑު ތަގައްޔަރުކުރަނިވި އެކިބާވަތުގެ ތަކެތި ކަނޑުގެލޮނުގަނޑާ އަބަދުހެން އެކުވެއެވެ. މީގެތެރޭގައި ނަޖިސް، ފާހާނާތަކުން ބޭރުވާ ތަފާތު ކެމިކަލްތައް، ތެޔޮ، ބޯކޮށް ވާރޭ ވެހުމުން ރަށްރަށުން މޫދަށް ފައިބައިގެންދާ ފެންގަނޑާއެކު މޫދަށްފައިބާ ތަކެތި – ގަސްހެއްދުމަށް ބޭނުންކުރާ އެކިބާވަތުގެ ކެމިކަލް ހިމެނެއެވެ. މޫދުވިނައަކީ މިފަދަ ތަކެތިން ލިބޭގެއްލުން ކުޑަކޮށްދޭ އެއްޗެކެވެ. މޫދުވިނައިގެ ފަތްތަކުންނާއި މޫތަކުން މިފަދަ ގެއްލުން ދެނިވި ކެމިކަލްތައް މޫދުވިނައިގެ ތެރެއަށް ނަގައިގަނެއެވެ. އަދި މީގެ އިތުރުން މޫދަށް ފައިބައިގެންދާ ކިސަޑުތައް ވެސް މޫދުވިނައިގެ ފަތްތަކުގައި ހަރުލާ ލޮނުގަނޑު ސާފުވެއެވެ. ނަމަވެސް މިފަދަ ގެއްލުންދެނިވި ތަކެތި މާގިނަވުމަކީ މޫދުވިނަ އުފެދުމަށް ހުރަސްއެޅޭ ކަމެކެވެ. އަދި ބައެއް ސަރަހައްދުތަކުގައި މޫދުވިނަ މަރުވުމަށް މަގުފަހިވާކަމެކެވެ. ފަހުގެ ދިރާސާތަކުން އެނގިފައިވާ ގޮތުގައި އެކި ބާވަތުގެ ޕްލާސްޓިކު މޫދުތެރޭގައި ނެތިފަނާވާއިރު އުފެދޭ ބައެއް ކެމިކަލްތައްވެސް މޫދުވިނައިގެ ތެރެއަށް ނަގައިގަނެ (ދަމާލާ) މޫދުސާފުކުރެއެވެ.

މޫދުވިނަ – މޫސިމީބަދަލުން ލިބިދާނެގެއްލުން ކުޑަކޮށްދޭ

ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް މޫދުހުއިން ހެދިފައި ހުންނަ ބޮޑެތި ސަރަހައްދުތަކަކީ ޖައްވަށް ބޭރުވާ ކާބަން މަދުކުރުމަށް ވަރަށް މުހިންމު ރޯލެއް އަދާކުރާ ތަންތަނެވެ. މިފަދަ ތަންތަނަކީ އެތަންތަނުގައި ހެދޭގަސް/ވިނަ ފަދަ ތަކެއްޗަށް ކާބަން ނަގާ އޭގައި ކާބަން ރައްކާކުރާ ތަންތަނެވެ. ކާބަން ރައްކާކުރެވިފައި ހުންނަނީ މޫދުވިނައިގެ ފަތްތަކުގައާއި މިފަތްތަކުގައި ޖެހި ހަރުލާ ތަކެތީގައެވެ. އަދި މޫދުއަޑި ބިމުގެތެރޭވާ ކިސަޑުގަނޑު ތެރޭ އުފެދިފައި ހުންނަ މޫގަނޑުގައިވެސް މޫދުވިނަ ކާބަން ރައްކާކުރެއެވެ. އަދި މިފަދައިން ކިސަޑުގަނޑު ތެރޭގައި އެތައް މިލިއަން އަހަރެއް ވަންދެން ކާބަން ރައްކާކޮށްފައި ބަހައްޓައެވެ.

ރަށްތަކަށް އުދައަރާ ފެންބޮޑުވެ ގޮނޑުދޮށްތައް ގިރައިގެންދިއުން ކުޑަކުރުމަށްވެސް މޫދުވިނަ އެހީތެރިވެއެވެ. ބާރުދުވެލީގައި ރަށާ ދިމާލަށް ދަތުރުކުރާ ރާޅުތަކުގެ ބާރުކަނޑުވާލާ މައިތިރިކޮށްލުމަށް މޫދުވިނައިގެ ފަތްތައް އެހީތެރިވެއެވެ. މޫދުވިނައިގެ މޫތައް އުފެދިފައި ހުންނަ ގޮތުން މޫދުގެ އަޑީގައި އޮންނަ ކިސަޑު/ވެލިގަނޑު ހިފަހައްޓާލައެވެ. އަދި އިސާހިތަކު މިސަރަހައްދުގެ ވެލިގަނޑުއުފުލި މިތަންތަން ތިލަވާން މަގުފަހިވެއެވެ. އަދި ރަށުގެ ގޮނޑުދޮށް ގިރުމަށް އެޅޭ މުހިންމު ގުދުރަތީ ހުރަހަކަށްވެއެވެ.

ކުރުކޮށް ބުނަނީނަމަ ދުނިޔެ ހޫނުވެ ކަނޑުގެ ލޮނުގަނޑު އުފުލި ރަށްރަށަށް އުދައެރުމުގެ ކަންތައް އާއްމުވަމުންދާއިރު މޫދުވިނަގަނޑު ބެހެއްޓުމުން މުޖުތަމައުތަކަށް ލިބޭނެ ފައިދާ މާބޮޑު ވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް