އީދު ދުވަހު 71 ފުޅި ބަނގުރާ އަތުލައިގަނެފި

މަސްތުވާތަކެއްޗާއި ބަނގުރަލާއި ދެކޮޅަށް ފުލުހުން ހިނގި އޮޕަރޭޝަންގައި އަތުލައިގެން ބަނގުރާ ފުޅިތައް --- ފޮޓޯ/ ފުލުހުން

މަސްތުވާތަކެއްޗާއި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތިން ރަށެއްގައި ހިންގި އޮޕަރޭޝަންތަކެއްގައި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންތަކުގެ ތެރެއިން ކ. ހިންމަފުށީގައި އިއްޔެ ރޭ ހިންގި އޮޕަރޭޝަނަކީ އީދު ބަންދާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަނުގައި އެ ރަށުގެ ކެފޭއެއް ކައިރީގައި ހުރި ގަސްތަކެއް ކައިރި ބަލައި ފާސްކުރިއިރު 71 ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ މިދިޔަ ހުކުރު ދުވަހުގެރޭ ފުލުހުން ވަނީ ގއ. ވިލިގިނލީގައިވެސް މަސްތުވާތަކެއްޗާއި ދެކޮޅަށް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަނަކީވެސް އީދު ބަންދާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންގައި، އެ ރަށު ހިއްކި ސަރަހައްދުގައި ހުރި ފަޅު ގެއެއް ބަލައިފާސްކުރިއިރު ހަ ދަޅު ބިޔަރު ފެނިފައިވާކަމަށާއި އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން މާފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މިދިޔަ ބުރާސްފަތި ދުވަހު 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.

މާފުށީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގެ، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 58 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށާއި މިހާރު އެ މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

comment ކޮމެންޓް