ލަންކާގެ އިގްތިޞާދީ ކާރިސާއިން އަރައިގަތުމަށް ބޭނުންވަނީ ތަޖުރިބާކާރެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު--- ފޮޓޯ/ މަޖިލިސް

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިޞާދީ ކާރިސާއިން އެގައުމު ސަލާމަތް ކުރުމަށް ބޭނުންވަނީ ހަރުދަނާ ތަޖުރިބާކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ވަގުތަކީ ލަންކާއަށް ވަރަށް ދަތި އުނދަގޫ ދުވަސްވަރެއް ކަމަށެވެ. އަދި ގައުމަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ތަޖުރިބާހުރި މީހެއްގެ އެހީ އެގައުމަށް ބޭނުންވާ ކަމަށެވެ.

ސްރީލަންކާއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އެ ގައުމަށް ފައިސާ ހޯދައިދިނުމުގެ މެދުވެރިއަކަށް އެގައުމުން ވަނީީ ރައީސް ނަޝީދު ހަމަޖައްސާފައެވެ.

އެކަމަށް ރައީސް ނަޝީދު ހަމަޖެއްސީ، އެމަނިކުފާނުގެ އެދިލެއްވުމަކަށް ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެފައިވެއެވެ.

ނަމަވެސް މިހާތަނަށް އެއްވެސް އެހީއެއް ލިބިފައިވާ ކަން އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ސްރީލަންކާގެ ރައްޔިތުންގެ އެތައް ހާސްބަޔަކު އިއްޔެ ރިޔާސީ ގަނޑުވަރަށް އަރައިގަތުމާއެކު ކުރިމަތިވި އާދަޔާ ޚިލާފު ފިއްތުންތަކުގައި ރައީސް ގޮތަބަޔަ އާއި ބޮޑުވަޒީރު ރަނިލް ވަނީ އިސްތިއުފާ ދޭން ނިންމަވައި އެކަން އިއުލާނުކުރައްވާފައެވެ.

ލަންކާގެ ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ އެގައުމު އިގުތިސާދީ ގޮތުން އިނދަޖެހި، އަސާސީ ތަކެތި ކަމަށްވާ ކާބޯތަކެއްޗާއި ތެލާއި ގޭހާއި ބޭސްވެސް ނުލިބޭ ހާލަތަށް ގައުމު ގޮސްފައިވުމުންނެވެ.

އެ ހާލަތުގައި ގައުމު އޮންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު މިއަހަރުގެ ކުރީކޮޅު ބޭއްވި މުޒާހަރާތައް ހޫނުވުމުން، މިދިޔަ މެއި މަހު އޭރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

comment ކޮމެންޓް