އަހަރުތަކަކަށް ފަހު، ފީއަލީ އީދުގެ ފެށުމަށް ސަގާފީ އަދި ޒަމާނީ ދިރުން

އީދުގެ ކުޅިވަރުތައް ކުޅުމަށް ކައުންސިލުގެ ރައީސްގެ ހުއްދައަށް އެދުން: މިއީ ފީއަލީގައި މި ހަރަކާތް މިގޮތަށް ބޭއްވި ފުރަތަމަ ފަހަރު --- ސަން ފޮޓޯ

[ފ.ފީއަލިން]

ޢީދު ނަމާދަށް ފަހު، ފ. ފީއަލީ އަމީނީ މަގުގެ ދެ ފަރާތުގައި ރަށުގެ ޒުވާން ފިރިހެނުން އެތުރިލީ އީދު ކުޅިވަރުގެ ހުއްދަ ކައުންސިލުގެ ރައީސްގެ ކިބައިން ހޯދާށެވެ.

ރޫޙުގައި އަޟްޙާ އީދު
ރައްޔިތުން ކުޅުމަށް އީދު
ދޭށޭ ރުހުން ކައުންސިލުން އީދު

ހަރުބީއަށް ފައިހަމަ ކުރަމުން އައި ޒުވާނުން ކިޔަމުން އައީ މި ކުޅިވަރަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ލަވައެކެވެ. ނަގާ ކިޔަމުން އައީ މިރަށު ޒަމާނީ އުފާ، އިބްރާހީމް ވަޙީދެވެ.

ފޯރީގައި މިތިބީ ޒުވާނުން
ޖޯޝުގައި ޖިންސުއްލަތީފުން
ދޭށޭ ރުހުން ކައުންސިލުން އީދު

ރަށުގެ ކުދި ބޮޑު އެންމެންގެ ރޫހު އިއްވަމުން އައި ޒުވާނުން ހުއްޓުނީ ރަށު ކައުންސިލުގެ އިދާރާގެ ދޮރުމައްޗަށެވެ. އޭރު ކައުންސިލުގައި ބެހެއްޓިފައި ހުރި އުދޯއްޔެއްގައި ކައުންސިލުގެ ރައީސް, މޫސާ އަހްމަދު އިންނެވިއެވެ. ވަށައިގެން ޚިދުމަތުގައި ކައުންސިލުގެ މެންބަރުން ތިއްބެވިއެވެ.

އެއްބައެއްވަންތަ ކަމައިގެން
އެންމެން ޝާމިލު ވާހެން
ދޭށޭ ރުހުން ކައުންސިލުން އީދު

ދެން ފެނުނީ މާ މާތް ހެދުމެއްގައި ހުންނެވި ބޭކަލަކު ޒުވާނުންގެ ސަފުތަކުގެ މެދުން ކުރިއަށް ޖެހިވަޑައިގެންނެވިތަނެވެ. އެ ބޭކަލެއްގެ ވަށައިގެން ކަނޑި ހިފައިގެން ތިބި ފާރަވެރިން ތިއްބެވެ. ފާރަވެރިންގެ ޑްރިލްއަކަށް ފަހު، އެ ބޭކަލަކު ކައުންސިލު އިދާރާއަށް ވަދެވަޑައިގެން، ރައީސްއަށް އިއްވަނީ ފަތްކޮޅެކެވެ.

އީދުގެ ކުޅިވަރުތައް ކުޅުމަށް ކައުންސިލުގެ ރައީސްގެ ހުއްދައަށް އެދުން: މިއީ ފީއަލީގައި މި ހަރަކާތް މިގޮތަށް ބޭއްވި ފުރަތަމަ ފަހަރު --- ސަން ފޮޓޯ

"މި އަހަރުގެ އަޟްޙާ ޢީދުގެ އެންމެހާ ކުޅިވަރުތަކާއި، ޢީދުގެ އުފާވެރި ޙަރަކާތްތައް ދެ ޖިންސުގެ ކުދިބޮޑު އެންމެންތަކުން، އެންމެން ގުޅިގެން ފީއަލީގައި ކުރިއަށް ގެންދިއުމުގެ މިނިވަން ހުއްދައަކާއިގެން ރައްޔިތުންގެ ފަރާތުން އަހަރެން މިތަނަށް އައިސް ހުރިން" އެ ފަތްކޮޅުގައި ވެއެވެ.

ރައްޔިތުންގެ ބަސް ކަނުލާ އަޑު އެއްސެވުމަށް ފަހު، ކައުންސިލުގެ ރައީސް އެ ހުއްދަ ލަސްނުކުރައްވާ ދެއްވިއެވެ. އެއާއެކު ފީއަލީގެ އީދު ކުޅިވަރު ފެށުނީއެވެ.

ހުއްދަ ނެގުމުގެ ހަރަކާތް ނިމުނު ވަގުތު، ރަށުގެ އެންމެންގެ މޫނު މަތިން ފެންނަމުން ދިޔައީ ހިތްހަމަޖެހުމާއި، އުފާވެރިކަމެވެ. އޭގެ އެއް ސިއްރަކީ އެތައް އަރަކަށް ފަހު، އީދުގެ ހަރަކާތްތައް ފެށުމަށް، ރަށުގެ ވެރިޔާގެ ހުއްދައަށް އެދުމުގެ ހަރަކާތް ފެނުމެވެ.

އީދުގެ ކުޅިވަރުތައް ކުޅުމަށް ކައުންސިލުގެ ރައީސްގެ ހުއްދައަށް އެދުން: މިއީ ފީއަލީގައި މި ހަރަކާތް މިގޮތަށް ބޭއްވި ފުރަތަމަ ފަހަރު --- ސަން ފޮޓޯ

މީގެ ކުރިން މި ފަދަ ހަރަކާތެއް އެ ރަށުން ދުށް ދުވަހަކީ ރަށުގެ ހަރު އުމުރުގެ މީހުންގެ ޅަފަތުގެ ހަނދާނެކެވެ.

ރަށުގެ އީދު ކުޅިވަރުގައި އިސްކޮށް ހަރަކާތްތެރިވާ ޙަސަން ޒަރީރު ކިޔައިދެއްވި ގޮތުގައި، އޭރު އެ ހަރަކާތް ބާއްވަނީ އީދު ވެދުމާ ދިއުމުގެ ގޮތުގައެވެ. މި އަހަރު އެ ހަރަކާތަށް ވަނީ ޒަމާނީ ބަދަލުތަކާއެކު، މުޅިން އައު ނަމެއް ވެސް ލިބިފައެވެ.

"ކުރިން އެކަން ކުރި ގޮތެއް ނޫން އެއީ. މިހާރު ޒަމާނަށް ފެތިގެން އައީ މި،" އޭނާ ކިޔައިދިނެވެ.

ކޮންމެއަކަށް، ރަށުގެ ވެރިޔާގެ ހުއްދައާއެކު، މިއަހަރުގެ ބޮޑު އީދުގެ ފޯރިގަދަ ކުޅިވަރުތައް ފީއަލީގައި ފެށުނީއެވެ. ސަގާފީ ކުޅިވަރުތަކަށް މުޅި ރާއްޖެއިން ވެސް ފާހަގަ ކުރެވޭ ރަށުގެ އާންމުން ދެނީ ކުރިއަށް ހުރި ހަރަކާތްތައް މިއަށް ވުރެ ވެސް ފޯރި ގަދަ ވާނެ ކަމުގެ ޔަގީންކަމެވެ.

މި އަހަރު، ފ.ފީއަލީ އީދު ކުޅިވަރުގެ ހަރަކާތްތައް ސަން އޮންލައިންގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް